ކަލިނިންގްރާޑްގެ މައްސަލާގައި ރަޝިއާއާއި ނޭޓޯގެ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރުހީވެއްޖެ

މޮސްކޯ (23 ޖޫން 2022): ރަޝިއާގެ ބައްރާ ވަކިން އޮންނަ އެގައުމުގެ ސަރަހައްދެއްކަމަށްވާ ކަލިނިންގްރާޑްއާ ދެކޮޅަށް ލިތުއޭނިއާއިން އެޅި ހިސާރުގެ ފިޔަވަޅުތަކަށް ބަދަލުހިފާނެކަމުގެ އިންޒާރު ރަޝިއާ ދިނުމާއެކު ރަޝިއާއާއި ނޭޓޯއާ ދެމެެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނާގޮތުން ލިތުއޭނިއާއިން އެޅި ހިސާރުގެ ފިޔަވަޅުތަކަށް ރަޝިއާ ރައްދުދޭނެއެވެ. ރައްދު ދެނީ ޑިޕްލޮމެޓިކް ނޫން ގޮތަކަށްކަމުގެ އިންޒާރުވެސް އެވުޒާރާއިން ދިނެވެ. ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މާރިޔާ ޒަޚަރުވާ ވިދާޅުވިގޮތުގައި ލިތުއޭނިއާގެ މިފިޔަވަޅަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެކެވެ.

މިމައްސަލައާ ގުޅިގެން, ރަޝިއާގައި ހުންނަވާ ލިތުއޭނިއާގެ ޝާޒްދިއެފެއާ ވަނީ ރަޝިއާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖުގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފައެވެ.

ލިތުއޭނިއާއިން ކަލިނިންގްރާޑްއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވަނީ ޔޫރަޕްގެ އިއްތިޙާދުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ތަކެތި ކަލިނިންގްރާޑްއަށް ވެއްދުން މަނާކޮށްފައެވެ. މީގެތެރޭގައި ބޯޓު ދެލިފަދަ ހަކަތައިގެ ބާވަތްތަކާއި އެކިބާވަތުގެ މައުދަންތަކާއި ދިރިއުޅުމަށް ބޭނުންވާ ބައެއް ބާވަތްތަކާ އަދި ޓެކްނޮލޮޖީގެ ބާވަތްތައް ހިމެނެއެވެ.

ކަލަނިންގްރާޑް ފެންނަ ޗާޓު

ކަލިނިންގްރާޑްއަކީ ރަޝިއާގެ ބައްރާ 1300 ކިލޯމީޓަރުގެ ދުރުގައި ބޯލްޓިކް ކަނޑަށް އައްސޭރިވާގޮތަށް ވަކިން އޮންނަ ސަރަހައްދެކެވެ. އެސަރަހައްދުގެ އާބާދީގައި މިލިޔަނެއްހާ މީހުން ދިރިއުޅޭއިރު އޭގެތެރެއިން ގާތްގަނޑަކަށް 88 އިންސައްތަ މީހުންނަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ. އަނެއް 12 އިންސައްތަ މީހުންގެ ތެރެއިން އަށް އިންސައްތަ މީހުންނަކީ ބެލަރޫސް ދަރިކޮޅުގެ މީހުންނެވެ. އަނެއް ހަތަރު އިންސައްތަ މީހުންނަކީ ޔުކްރެއިން ދަރިކޮޅުގެ މީހުންނެވެ.

ގާތްގަނޑަކަށް 15 ހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއްކަމަށްވާ ކަލިނިންގްރާޑް އޮންނަނީ ލިތުއޭނިއާއާއި ޕޮލެންޑާ ދެމެދުގައެވެ. ކަލިނިންގްރާޑްގެ އިރާއި އިރު އުތުރުން އޮންނަނީ ލިތުއޭނިއާއެވެ. ދެކުނާއި ހުޅަނގުން އޮންނަނީ ޕޮލެންޑެވެ. އެ ދެ ގައުމަކީވެސް ރަޝިއާއާ ދުޝްމަންކަން ގެންގުޅޭ އަދި ރަޝިއާ އަސްކަރީގޮތުން ވަށާލަން މަސައްކަތްކުރާ ނޭޓޯގެ ދެގައުމެވެ.

ކަލިނިންގްރާޑްއާ ދެކޮޅަށް ލިތުއޭނިއާއިން އެޅި ހިސާރުގެ ފިޔަވަޅުތަކަށް ރައްދުދިނުމުގެ ގޮތުން ރަޝިއާއިން ލިތުއޭނިއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ އެއީ ނޭޓޯއާ ދެކޮޅަށް ކުރިކަމެއްގެ ގޮތުގައި ބަލާނެކަމަށް ނޭޓޯ ބުނުމުން މިމައްސަލާގައި ރަޝިއާއާއި ނޭޓޯއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ. ލިތުއޭނިއާއަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ވަރަށް ކުޑަ ގައުމެކެވެ. އެގައުމުގެ އާބާދީއަކީ 2.7 މިލިޔަން މީހުންނެވެ.

ރަޝިއާއިން މިހާތަނަށް ކަލިނިންގްރާޑްއަށް އާންމު މުދަލާއި އެނޫންވެސް މަދަނީ ތަކެތި ގެންދަނީ ލިތުއޭނިއާ ހުރަސްކޮށް ރަޝިއާއާއި ކަލިނިންގްރާޑްއާ ދެމެދު ވަރަށް ކުރިން ފެށިގެން އަޅާފައިވާ ރޭލްވޭ މެދުވެރިކޮށް ރޭލުންނެވެ. ބޯލްޓިކް ކަނޑުގެ މަގުން ރަޝިއާއާއި ކަލިނިންގްރާޑްއާ ދެމެދު ދަތުރުކުރެވޭނެ ގޮތް އޮވެއެވެ. ނަމަވެސް އެއީ ވަރަށް ދުރުރާސްތާއެކެވެ. ދަތުުރުކުރަން ޖެހެނީ ބޯލްޓިކް ކަނޑުގެ އިރުމަތީގައި އޮންނަ ރަޝިއާގެ ސެންޕީޓާސްބާގްގެ ބަނދަރުން ކަލިނިންގްރާޑްގެ ބަނދަރަށެވެ.

ރަޝިއާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އެއް ފްލީޓްކަމަށްވާ ބޯލްޓިކް ފްލީޓުގެ މައި މަރުކަޒާއި މައި ބަނދަރުވެސް އޮންނަނީ ކަލިނިންގްރާޑްގައެވެ. އަދި ރަޝިއާ ވަނީ ކަލިނިންގްރާޑްގައި ނޭޓޯއަށް އަމާޒުކޮށް އިސްކަންދަރު މަރުކާގެ ނިއުކްލިޔާ މިސައިލްވެސް ރުކުރުވާލާފައެވެ.

ލިތުއޭނިއާއާއި ކަލިނިންގްރާޑްއާ ދެމެދު ބިނާކޮށްފައިވާ ރޭލްވޭއަކީ ކުރީގެ ސޮވިއެޓް ޔުނިޔަން (ކުރީގެ ރޫސީވިލާތް)ގެ ދުވަސްވަރު ބިނާކޮށްފައިވާ ރޭލްވޭއެކެވެ. އެދުވަސްވަރު ލިތުއޭނިއާއަކީ ކުރީގެ ރޫސީވިލާތުގައި ހިމެނުނު 15 ގައުމުގެ ތެރެއިން އެއްގައުމެވެ. މިހާރުގެ ރަޝިއާއަކީ ކުރީގެ ރޫސީވިލާތުގައި ހިމެނޭ އެންމެ ބޮޑު ގައުމެވެ. ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) ރޫޅިގެން ދިޔުމުން ރަޝިއާ ވެސް އަދި ލިތުއޭނިއާ ވެސް މިނިވަން މުސްތަގިއްލު ދެގައުމަށްވީއެވެ.

ރަޝިއާގެ ބަނޑުދަށުގައި އޮތް ލިތުއޭނިއާއަށް ނޭޓޯގެ މެންބަރުކަން ދިނީ ރަޝިއާ ހިސާރުކުރުމަށް ނޭޓޯ ގެންގުޅޭ ޕްލޭންގެ ދަށުންކަމަށް ރަޝިއާ ދެކެއެވެ. ދެ ޖަރުމަނު އެއްކޮށްލުމާއި ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު އެމެރިކާ ވަނީ ރަޝިއާގެ އަމަނަށް ގެއްލުންވާ ގޮތަށް ރަޝިއާގެ ސަރަހައްދާ ގާތަށް ނޭޓޯ ފުޅާނުކުރާނެކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް މިގޮތަށް ނޭޓޯ އަމަލުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް