ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް ކުރާ އިންވެސްޓްމަންޓުތައް އިތުރުކުރުން މުހިންމު: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު--- ފޮޓޯ/ ރައީސް އޮފީސް

ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާއިން ދިރާސާކުރުމާއި އެފަދަ ޚިދުމަތްތަކަށް ކުރާ އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

ފަޒްނާ އެހެން ވިދާޅުވީ ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) 2022ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިން މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވާ، ކެއާ އެންޑް ޓްރާންސްފޯމް"ގެ ނަމުގައި ކުރިއަށްދިޔަ ހަރަކާތުގައި ދެއްވި ވާޗުއަލް ތަގުރީރުގައެވެ.

އެ ހަރަކާތަކީ ދިރިއުޅުމުގެ އެކި ފަންތިތަކުގެ މެދުގައި ހުރި ފަރަގުތަކާއި ތަފާތުކުރުންތައް ނައްތާލުމާއި އަތްފޯރާ ފަށުގައި ސިއްހީ ޚިދުމަތްތައް ލިބުމަށް ބާރުއަޅައި ކޮމަންވެލްތުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބޭގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

އެކަމަނާގެ ވާހަކަފުޅުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުން އަންނަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަގުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ފަޒްނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުންނާއި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ވެސް ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

ފަޒްނާ ވިދާޅުވީ އެ ދާއިރާއިން މީހުން ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ޚިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

އެކަމަނާ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމަށެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ މި ސަރުކާރުން 2019 ވަނަ އަހަރުގެ މާޗު މަހު، އައިޖީއެމްއެޗްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާމެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ އޭގެ ނަތީޖާއަކަށް ވާނީ ސްކޫލްތަކާއި އެކި ތަންތަނުގައި ތިބޭ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ފަރުވާއާ އެހީއަށް އެދޭ މިންވަރު އިތުރުވެ، އެމީހުންނަށް ފަރުވާ ލިބޭގޮތްވެ، އެފަދަ މީހުންގެ ދިރިއުޅުން ކުރިއަށްގެންދިއުމަށް ދަސްވެގެން ދިއުން ކަމަށެވެ.

އެކަމަނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ މީހުން ހަރުދަނާ އަޚުލާގީ މިންގަޑެއް ހިފެހެއްޓުން މުހިންމު ކަމަށް ވިދާޅުވެ، އެ ދާއިރާ އިތުރަށް ހުޅުވާލައި ފުރުސަތުތައް ދިނުމަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް