'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ހުރަސްތަކާ ކުރިމަތިވާ ނަމަ ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިރޭ މާލޭގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ގާނޫނީ ގޮތުން ހުރަސްތަކާ ކުރިމަތިވާކަމަށް ދައުލަތުގެ އިދާރާތަކަށާއި ސަލާމަތީ ޚިދުމަތްތަކަށް ފެންނަ ނަމަ ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހުށަހަޅައިފިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބެލެވޭތީ އާއި އޭގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތުމުން، އެ މައްސަލަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ދިރާސާ ކޮށްފައެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ ދެ ކަމެއް ހުށަހަޅައިފައެވެ. އެގޮތުން އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރުމާއެކު ގާނޫނަށް އިސްލާހެއް ހުށަހަޅަން ޖެހޭ ނަމަ އެކަން ކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

އެ މަސައްލަ ދިރާސާ ކުރުމަށް ކޮމިޓީން ވަނީ ހޯމް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ފުލުހުން އަދި އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

ކޮމިޓީން އިއްޔެ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބުނީ އެ ހަރަކާތުގެ ސަބަބުން ބޭސްފަރުވާއަށާއި އެނޫން ވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށް ދާ ދިވެހިންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ހޯމް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވާ ފަރުދުންގެ ފަރާތުން ނުކިޔަމަންތެރިވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހޭކަން ފުލުހުން ފާހަގަ ކޮށްފައިވާކަން ރިޕޯޓުގައިވެއެވެ. އަދި 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

comment ކޮމެންޓް