ށ. އަތޮޅު ކައުންސިލުން ސްކޫލްތަކާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ

ށ. އަތޮޅާއި އަތޮޅުގެ ސުކޫލުތަކާ މެދު އެއްބަސްވުމެއްގެ ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ށ. އަތޮޅު ކައުންސިލު

ށ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ރަށްރަށުގެ ސުކޫލުތަކާ ގުޅިގެން މިއަހަރު ތަފާތު ހަރަކާތްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް މިއަދު "ސަން"އަށް ވިދާޅުވީ އެ އެއްބަސްވުމަކީ ށ. އަތޮޅުގެ 14 ރަށުގެ ސުކޫލުތަކާއެކު ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ކަހަލަ ހަރަކާތްތަކެވެ. އެގޮތުން ބައެއް ރަށްރަށުގައި ކުޅިވަރުގެ ހަރަކާތްތަކާއި އިޖުތިމާއީ އަދި ތިމާވެށީގެ ހަރަކާތްތައްވެސް ހިންގުމަށް ރާވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސޮއި ކުރެވުނީ ހަމަ ށ. އަތޮޅުގެ 14 ރަށުގެ ސުކޫލުތަކާއެކު. އެކި ރަށުގެ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ދާނީ. އެކި ދާއިރާތަކަށް ބަލާފަ. ފައިދާތަކަށް ވެސް ވިސްނާފަ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އެ އެއްބަސްވުމާ މެދު ވަރަށް އުފާ ކުރާ ކަމަށާއި ސުކޫލުތަކުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މިއީ އަތޮޅުގެ ހުރިހާ ސުކޫލުތަކާއެކު އެއް މޭޒެއްގެ ކައިރިން ބައްދަލުވި ފުރަތަމަ ފަހަރު ކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

އެ އެއްބަސްވުމުގެ މަގުސަދަކީ ސުކޫލުތަކުން ހިންގާ އިތުރު ހަރަކާތްތަކާއި ރަސްމީ ތައުލީމާ ގުޅުން ހުރި ބައެއް ހަރަކާތްތައް ހިންގުން ކަމަށް ށ. އަތޮޅު ކައުންސިލުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު