މަހުލޫފާއި އާއިލާއަށް މަރުގެ އިންޒާރު ދީފި

މިނިސްޓަރު މަހުލޫފް -- ފޮޓޯ/ މަޖިލިސް

ޔޯގާ މައްސަލައާ ގުޅުވައިގެން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފާއި އޭނާގެ އާއިލާގެ "ޒަމާން ދުއްވާލާނެ" ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މަހުލޫފަށް މީހަކު ކޮށްފައިވާ އެސްއެމްއެސްއެއްގައި ބުނެފައި ވަނީ މިއީ ދޭ ގަދަފަދަ އިންޒާރެއް ކަމަށާއި އޭނާއަކީ އިންޑިއާ "ޕަޕެޓެއް" ކަމަށެވެ. އަދި ޔޯގާ ހަލާލް ކުރުމަކީ ބާތިލް ފިކުރެއް ކަމަށް އިންޒާރުގެ މެސެޖްގައި ބުނެފައިވެއެވެ.

"ކަލޭ އަތުޖެހުނުނަމަ ނޮޅާލީމުސް، މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރުން ތިބީ ބަލަން. އަހަރެމެންގެ އަހަކާ ނުވަތަ ޖަމިއްޔާއަކާ ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،" އިންޒާރުގެ މެސެޖްގައިވެއެވެ.

އެ މެސެޖްތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން މަހުލޫފް ވިދާޅުވީ އެކަހަލަ ގޮތަކަށް އޭނާ އަވަހާރަކޮށްލައިފި ނަމަ އޭނާ ވާނީ ޝަހީދަކަށް ކަމަށެވެ.

އިންޒާރު ދީގެން އެއްވެސް ކަމެއް ހާސިލު ނުކުރެވޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

"މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް، މަގާމަކީ އަޅުގަނޑަށް އެއްވެސް މުހިއްމު ކަމެއް ނޫން،" މަހުލޫފް ވިދާޅުވިއެވެ.

ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މަހުލޫފް އެ ދުވަހު ވަނީ އެކަމުގެ ފަހަތުގައި ތިބީ ސަލަފް ޖަމިއްޔާއާއި ޕީޕީއެމް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ނަމަވެސް ޕީޕީއެމާއި ސަލަފުން އެކަން ދޮގުކުރެއެވެ.

ޔޯގާ ހަރަކާތަށް ހުރަސް އެޅި މީހުންގެ ތެރެއިން ހަ މީހުން އެ ސަރަހައްދުން އެ ދުވަހު ހައްޔަރު ކުރިއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އޭގެ އިތުރުން ރޭ ވަނީ ދެ ޝައިހަކާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއީލްއާއި އެ ޕާޓީގެ އެކްޓިވިސްޓެއް ވެސް ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް