ފްލޯޓިން ސިޓީއަކީ ބޮޑު ސްކޭމެއް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

ޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ

މިދިޔަ އަހަރުގެ މާޗުމަހު ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކުރި ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު ސްކޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މިއަދު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެ މަޝްރޫއަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ.

"އެމީހުން [ޑަޗް ޑޮކްލޭންޑްސް] މިހާރު ވެސް އަންނަނީ ހަ [ފަޅެއް] އިތުރަށް ހިއްކާ، [އެ ތަންތަން] ވިއްކާލުމަށް މަސައްކަތް ކުރަމުން" ފައްޔާޒް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސް ގެ ކުންފުންޏަށް ދޫކުރި ފަޅުތައް ދޫކޮށްފައިވަނީ އެއްވެސް އަގަކާ ނުލައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެފަދަ މަޝްރޫއެއްގެ ދަށުން ސޯޝަލް ހައުސިން ބިނާ ކުރުމަކީ ގާނޫނުން ތަންދޭ ކަމެއް ވެސް ނޫން ކަމަށެވެ.

"ރިސޯޓެއްގެ ފަޅެއް ތެރޭ ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ބޮޑު ގޯހެއް، އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިވާހަކަތައް ދައްކަވާފައި ވަނީ ފްލޯޓިން ސިޓީގެ މަޝްރޫއަކީ ރައީސް ނަޝީދުގެ ނަން ހިމެނޭ މަޝްރޫއެއް ކަމުން އެކަން ހުއްޓުވާފައިވާ ކަމަށް އެމަނިކުފާނު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑު މިހާރު ގަސްދު ކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް މިކަން ހިނގާ މަގު ސާފުކޮށްދީ، މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާ އަރުވަން" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އިކޮނޮމިކް ކައުންސިލުން އެ ޕްރޮޖެކްޓާ ދެކޮޅަށް ވޯޓު ދީފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ.

ޑަޗް ޑޮކްލޭންޑްސް އަށް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރި ވެފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އޭރު އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަސް ނިމެން ވާއިރަށް އެ މަޝްރޫއުގެ ފުރަތަމަ ގެތައް ނިންމާލެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ފްލޯޓިން ސިޓީ ބިނާ ކުރަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ފަޅެއްގައި ކަމަށެވެ. ނަމަވެސް ޑަޗް ޑޮކްލޭންޑްސް އިން ބުނެފައިވަނީ އެ ތަނަށް ދާން 10 މިނެޓު ނަގާނެ ކަމަށެވެ. އަދި މުޅިއެކު 5000ގެ އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާ އެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް