ދުނިޔެއަށާއި މެދުއިރުމައްޗަށް އަންނަ ޖިއޮޕޮލިޓިކަލް ބަދަލުތަކާއެކު ހަމާސް ޖަމާއަތް އަލުން ސޫރިޔާއާ ގުޅެނީ

ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ ހަމާސް ޖަމާއަތުން ސޫރިޔާގެ ސަރުކާރާއެކު އަލުން ގުޅުން ގާއިމުކުރަން ނިންމައި އެކަން މިހާރުވަނީ އިއުލާނުކޮށްފައެވެ.

ހަމާސްގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ހަމާސްއިން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ އަލުން ގުޅުން ގާއިމުކުރަން ނިންމީ ފަލަސްތީނުގެ މައްސަލައަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހަށާއި ސަރަހައްދުގެ ޖިއޮޕޮލިޓިކްސްއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ. މިމައްސަލާގައި ސޫރިޔާ ސަރުކާރާއެކު މަޝްވަރާތަކެއް ކޮށްފައިވާނެކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން ހަމާސްގެ މައި މަރުކަޒު ހުރީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގައެވެ. ހަމާސްގެ އިސްވެރިން ދިރިއުޅުއްވަމުން ގެންދެވީވެސް އަދި އެ ޖަމާއަތުގެ ސިޔާސީ ބޮޑެތި ހަރަކާތްތައް ހިންގަމުން ގެންދިޔައީވެސް ދިމިޝްގުގައެވެ.

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ރައީސް ބައްޝާރުލްއަސަދު

އިސްރާއިލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމަކީ ޓެރަރިޒަމް ކަމަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ސިފަކުރާތީ އެފަރާތްތަކުން ހަމާސްއާ މެދު ދެކެނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. އެހެންކަމުން ސޫރިޔާއިން ހަމާސްގެ އިސްވެރިންނަށް ހިމާޔަތްދީ ހަމާސްގެ ސިޔާސީ ހަރަކާތްތައް ސޫރިޔާގައި ހިންގާތީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ސޫރިޔާގެ މައްޗަށް އެދުވަސްވަރުކުރިއެވެ.

މިއާއެކު އެމެރިކާއާއި ޔޫރަޕުން ސޫރިޔާއަށް ބޮޑެތި ފިއްތުންތައް ކުރިމަތިކޮށް ސޫރިޔާގެ ބިމުން ހަމާސް ބޭރުކޮށްލުމަށް ބައްޝާރުގެ ސަރުކާރަށް ބާރު އަޅަމުން ގެންދިޔައެވެ. ނަމަވެސް ބައްޝާރުގެ ސަރުކާރު ވަނީ އެ ޕްރެޝަރުތަކަށާއި އެ ފިއްތުންތަކަށް ދީލާލުމަށް ދެކޮޅު ހަދާފައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައާއެކު ހަމާސް ސޫރިޔާއިން ބޭރު ވުމުން އެތުހުމަތުން ސޫރިޔާ ބަރީއަވެ އެފިއްތުންތަކުން ސޫރިޔާގެ ސަރުކާރު ސަލާމަތްވިއެވެ.

ހުޅަނގުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން 2011 ވަނަ އަހަރު ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް ދާޚިލީ ހަނގުރާމަ އިއުލާނު ކުރުމާއެކު، ހަމާސްއިން ވަނީ ސޫރިޔާއިން ނުކުމެ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ފަޅިއަށް އަރާފައެވެ.

ޕޫޓިން އާއި ބައްޝާރުލްއަސަދު

މިކަމުގެ ސަބަބުން ސޫރިޔާ ސަރުކާރުގެ ނުރުހުން ހަމާސްއަށް އަމާޒުވިއެވެ. ހަމާސްއިން މިގޮތަށް މިކަންކުރަން ޖެހުނީ ހަމާސްއާއި ތުުރުކީގެ ގުޅުންތައް ބޮޑުވެފައި ތުުރުކީއަކީ ބައްޝާރުގެ ވެރިކަން ވައްޓާލަން ކުރި ހަނގުރާމައިގާ އެންމެ އިސްކޮށް ހަރަކާތްތެރިވި ގައުމު ކަމަށް ވާތީ ކަމަށް ވެސް އެ ދުވަސްވަރު މުހައްލިލުން ވިދާޅުވިއެވެ.

ކޮންމެެއަކަސް ހަމާސްގެ މި ނިންމުމާއެކު ހަމާސްއާއި ސޫރިޔާގެ ގުޅުންތައް ކެނޑިގެން ދިޔައެވެ. އަދި ސޫރިޔާއާއި ހަމާސްއަށް އެންމެ ބޮޑަށް ވާގިވެރިވާ އީރާނުން ވެސް ހަމާސްގެ މިނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މިއާއެކު ހަމާސްއާއި އީރާން ކޮންމެވެސް ވަރަކަށް ދުރުވިއެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލުމުގައި އީރާނާއި ހަމާސްގެ މަސްލަހަތު އިންތިހާއަަށް ބޮޑުކަމުން ލަސްތަކެއްނުވެ އީރާނާއި ހަމާސް ޖަމާއަތުގެ ގުޅުންތައް އަލުން ގާއިމު ވެގެން ދިޔައެވެ.

ސްޓްރެޓީޖިކް ރިޕޯޓްތަައް ބުނާގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައަކީ ބޭރުފުށުން ޑިމޮކްރަސީގެ ކުލަވަރު ދައްކައިގެން ހުޅަނގުގެ ބާރުތަކުގެ ޖިއޮޕޮލިޓިކަލް މަސްލަހަތަށްޓަކައި ސޫރިޔާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެގައުމުގެ އިދިކޮޅު ފަރާތްތައް ލައްވައި ހިންގި ސިޔާސީ ކަންތައް ގަނޑެކެވެ.

ހަނިއްޔާއާއި އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި

ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލަން ގަލްފުގެ ބައެއް ގައުމުތަކާއި ތުރުކީގެ އެއްބާރުލުން ހޯދައިގެން އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މަސައްކަތްކުރީ ސޫރިޔާގެ ވެރިކަމުގެ ނިޒާމަކީ ރަޝިޔާއާއި އީރާނަށް ތާއީދުކުރާ ނިޒާމަކަށްވާތީ އެގައުމުތަކުން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ސޫރިޔާގައި ގާއިމް ކުރުމުގެ ޖިއޮ ސްޓްރެޓީޖިކް ބޭނުމުގައެވެ.

ސޫރިޔާގައި ބައްޝާރުގެ ވެރިކަން ނޫން ވެރިކަމެއް ގާއިމް ކުރުމުގެ ބޭނުމަކީ ގަތަރުގެ ގޭސް ހޮޅިތައް ސޫރިޔާގެ ތެރެއިން ލާފައި ތުރުކީ ހުރަސްކޮށް ޔޫރަޕަށް ގެންދިޔުމުގެ ފުރްސަތު ހޯދުމެވެ. މިކަމުގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ޖޮއިޕޮލިޓިކަލް މަގްސަދަކީ ޔޫރަޕުން ރަޝިޔާގެ ގޭހަށް ބަރޯސާވުން ހުއްޓުމަކަށް ގެނައުމެވެ. އަނެއް ބޭނުމަކީ އީރާނުގެ ބާރުކަނޑުވާލުމެވެ.

މިގޮތަށް ހެދިއްޖެނަމަ ރަޝިޔާ އިގްތިސާދީ ގޮތުން އިނދަ ޖައްސާލެވޭނެ ފުރުސަތު ހުޅަނގަށް ލިބުނީހެވެ. އަދި ގޭސް ހޮޅި ތުރުކީ ހުރަސް ކުރާތީ ތުރުކީއަށް ވެސް އޭގެ އާމްދަނީގެ ޕަސެންޓެއްގެ ގޮތުގައި އަހަރަކު އެތައް ބިލިޔަން ޑޮލަރެއް ލިބުނީހެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ދިފާއުގައި ރަޝިޔާ އާދަޔާ ޚިލާފަށް ނުކުތީ މިކަން ހުއްޓުވުމުގެ ބޭނުމުގައެވެ. ރަޝިއާ ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތީ ހުޅަނގުގެ މި ރޭވުން ހުއްޓުވުމަށެވެ. ވަކި ފަރުދެއްގެ ގޮތުގައި ބައްޝާރު ދިފާއުކުރާކަށް ނޫނެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާއެކު ހުޅަނގަށް ތާއީދުކުރާ ނިޒާމެއް ގާއިމް ކުރެވުނުނަމަ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެއެވެ. އެކަމުގެ ފައިދާ ލިބޭނީ އިސްރާއީލަށެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލައިގެން ގަތަރުގެ ގޭސް ސޫރިޔާއާއި ތުރުކީގެ މަގުން ހޮޅިއަޅައިގެން އެދުވަސްވަރު ޔޫރަޕަށް ގެންދިޔުމުގެ ފުރުސަތު ހުޅަނގަށް ލިބުނުނަމަ ޔުކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ރަޝިއާ އިނދަޖައްސާލެވުނީހެވެ.

މިއަދު އެމެރިކާއަށް ރަޝިއާ އިނދަޖައްސާ ލުމުގައި ކާމިޔާބު ނުލިބުނީ އެދުވަސްވަރު އެކަން ކުރުމުގެ ފުރުސަތު ރަޝިއާއާއި އީރާނުން ނުދިނުމުގެ ސަބަބުންނެވެ. އެހެންކަމުން ބޮޑެތި ބާރުތަކުގެ ޖިއޮޕޮލިޓިކަލް މި ކޯޅުންތަކުގެ ހުރިހާ ގެއްލުމެއް ލިބުނީ ސޫރިޔާގެ ރައްޔިތުންނަށެވެ.

އީރާނަކީވެސް ތެލުގެ އިތުރުން ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމަކަށްވާތީ ހުޅަނގުގެ މި ރޭވުން ނާކާމިޔާބުކޮށްލުމުގައި އީރާނުގެ މަސްލަހަތުވެސް ވަރަށް ބޮޑެވެ. މީގެއިތުރުން ބައްޝާރުގެ ސަރުކާރަކީ އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތަށްވެސް ވާގިވެރިވާ ސަރުކާރަކަށް ވެފައި ބައްޝާރު ވައްޓާލަން މަސައްކަތްކުރަނީ އެމެރިކާއާއި ޔޫރަޕާ އަދި ގަލްފުގެ ގައުމުތަކުން ކަމަށްވުމީވެސް ބައްޝާރުގެ ސަރުކާރުގެ ދިފާއުގައި އީރާން ނުކުތް ސަބަބެކެވެ.

އީރާނަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާޢީލާ ދެކޮޅަށް ތެދުވާ ފަލަސްތީނުގެ ޖަމާއަތްތަކަށް އެންމެ ބޮޑަށް ވާގިވެރިވާ އަދި އިސްރާއީލުގެ އަސްކަރީ ބާރާ ބެލެންސްވާ ފަދަ ރެސިސްޓެންސް ބާރެއް ސަރަހައްދުގައި އުފައްދަން މަސައްކަތްކުރާ ހަމައެކަނި ގައުމެވެ.

އިސްރާއިލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ހަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ރޮކެޓް ޓެކްނޮލޮޖީއާއި ޑްރޯން ޓެކްނޮލޮޖީއާއި އެނޫން ހަތިޔާރުގެ ޓެކްނޮލޮޖީވެސް ފޯރުކޮށްދެނީ އީރާނުންނެވެ. އަދި ނިއުކްލިޔާ ބާރުވެރިކަމާއި ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން އިސްރާއީލާ ތިލަފަތް ހަމަވާވަރުގެ ބާރެއް މެދުއިރުމަތީގައި އުފައްދަން މަސައްކަތްކުރާ ހަމައެކަނި ގައުމަކީވެސް އީރާނެވެ.

މަޣްރިބާއި ޔޫއޭއީ އަދި ބަހްރައިން ފަދަ ބައެއް ގައުމުތައް ގެންދަނީ ފަލަސްތީނުގެ މައްސަލައަށް އަޅާ ނުލައި އިސްރާއީލާ ގުޅުންތައް ގާއިމް ކުރަމުންނެވެ.

ޔޫއޭއީ އަދި ބަހްރައިންއިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ ވުޖޫދީ މައްސަލަ އޮއްބާލައި މެދުއިރުމަތީގެ މައްސަލައަކީ އީރާނާއި އަރަބިންނާ ދެމެދުގައިވާ ސިޔާސީ ދެބަސްވުންތަކުގެ މައްސަލަ ކަމަށް ހެދުމަށް އިސްރާއީލާއި އެމެރިކާ ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދެމުންނެވެ. ގަލްފުގެ ބައެއް ގައުމުތަކުން މިކަންކުރުމުގެ މައިގަނޑު ބޭނުމަކީ އެގައުމުތަކުގެ ވިރާސީ ރަސްކަމުގެ ނިޒާމުތައް ހިމާޔަތް ކުރުންކަމަށްވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް