ކަނޑޫފަލުގައިއުޅޭ ކަކުނި – ކުޅަދާނަ އެންޖިނިއަރުން

ކަނޑޫފަލުގައި އުޅޭ އަންހެން އަދި ފިރިހެން ފިޑްލަރކުރޭބް

މާހައުލީ ނިޒާމުތަކަކީ އެ ތަންތަނުން އަހަރެމެން އިންސާނުންގެ ދިރިއުޅުމަށް ތަފާތު މުހިންމު ފައިދާތައް ފޯރުކޮށްދޭ ތަންތަނެވެ. އެފަދަ ތަންތަނުން އަހަރެމެން ދިރިއުޅުމަށް ބޭނުންވާ ކާނާ، ގެދޮރުއެޅުމަށް ބޭނުންކުރާތަކެތި، ކެއްކުމަށް ބޭނުންކުރާ ދަރު، އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާލަކުޑި، ބޭސްފަރުވާއަށް ބޭނުންކުރާ ތަކެތި އަދި މިނޫންވެސް ތަފާތުތަކެތި ހޯދައެވެ. އިންސާނުން ހިތްހަމަޖައްސާލުމަށްވެސް މިތަންތަނުގެ ބޭނުންހިފައެވެ. އަދި އެކިކަހަލަ ދިރާސާތައް ކޮށްގެން އެތަންތަނުން ތަފާތު އިލްމީ މައުލޫމާތު އެއްކުރުމަށްވެސް މާހައުލީ ނިޒާމުތައް ބޭނުންކުރެއެވެ.

ކުރިންސުރެ ރާއްޖޭގައި ތަފާތު ބޭނުންތައް ހިފަމުން އައިސްފައިވާ މުހިންމު އެއް މާހައުލީ ނިޒާމަކީ ކަނޑޫފާ ނުވަތަ ކުޅިއެވެ. ކަނޑޫފާ ނުވަތަ ކުޅި މިއީ ދުނިއޭގެ އީކުއޭޓަރއާ ކައިރި ހިސާބުތަކުގައި (ޓްރޮޕިކަލް) އަދި އީކުއޭޓަރައާ ތަންކޮޅެއް ދުރުގައިވާ (ސަބްޓްރޮޕިކަލް) ސަރަހައްދުތަކުގައި އުފެދިފައި އޮންނަ ވަކި ހާއްސަ ސިފަތަކެއް އެކުލެވޭ ގަސްތަކެއް ހުންނަ، ކިސަޑުބޯ ތަނެކެވެ. ދިވެހިރާއްޖޭގައިވެސް އެކި ސައިޒުގެ ކަނޑޫފާ/ކުޅިތައް އެކި ރަށްރަށުގައި އުފެދިފައި އެބަހުއްޓެވެ. މިފަދަ ބައެއް ކަނޑޫފާތައް ހުންނަނީ ވަށައިގެން ބެދި މޫދާ ގުޅުން ކެނޑިފައެވެ. އަނެއް ބައި ކަނޑޫފާތައް ހުންނަނީ ކޮންމެވެސް ވަރަކަށް މޫދާގުޅި، ކަނޑުން އަންނަ ލޮނުގަނޑު ކުޅީގައި ހެދިފައި ހުންނަ ގަސްތަކުގެ ތެރެއަށް ވަންނަ ގޮތަށެވެ. މިފަދަ ތަފާތުތަކުގެ ސަބަބުން ކަނޑޫފާތަކުގައި އުޅޭ ދިރޭތަކެތީގެ މުއްސަނދިކަމަށް ބަދަލުއާދެއެވެ.

މޫދާ ގުޅިފައި ހުންނަ ކަނޑޫފާތަކަކީ ފަރުތަކާއި އަދި ކަނޑުގެ މާހައުލުގައި ދިރިއުޅޭ ވަރަށްގިނަ ދިރޭތަކެތި އެތަނުން އެކިބާވަތުގެ ހިދުމަތް ހޯދާތަންތަނެވެ. މީގެ ތެރެއިން ބައެއް ބާވަތުގެ ދިރޭތަކެތި މިފަދަ މާހައުލުތައް (ކަނޑޫފާ/ކުޅި) ބޭނުންކުރަނީ އެތަކެތީގެ ހަޔާތުގެ ވަކި ދުވަސްވަރަކު (މިސާލަކަށް އެންމެ ނާޒުކުދުވަސްވަރު) ހިމާޔަތް ހޯދުމަށެވެ. މީގެތެރޭގައި ބައެއް ބާވަތުގެ ކުދިމަސް ހިމެނެއެވެ. އަނެއްބައި ދިރޭތަކެތި، މިތަންތަން ބޭނުންކުރަނީ ދިޔަވަރު ބޮޑުވާވަގުތު އެތަނުގެތެރެއަށް ވަދެ ކާނާހޯދުމަށެވެ. މީގެތެރޭގައި ޅަމިޔަރު، އެކިބާވަތުގެ ބޮޑެތިމަސް އަދި މަޑިވެސް ހިމެނެއެވެ. ބައެއް ދިރޭތަކެތި ބިސްއަޅާތަނެއްގެ ގޮތުގައިވެސް ކަނޑޫފާތައް ބޭނުންކުރެއެވެ. މިފަދަ ދިރޭތަކެތި ކަނޑޫފާތައް ބޭނުންކުރާގޮތުގެ އެންމެފުރިހަމަ ދިރާސާއެއް އަދި ރާއްޖޭގައި ހެދިފައެއްނެތެވެ.

އެތައްބައިވަރު ކަކުނި ކަނޑޫފަލުގެ ތެރޭގައި ހަރަކާތްތެރިވަނީ

ދިރާސާތަކުން އެނގެނީ، ކަނޑޫފާތަކަކީ އެތަނާގުޅި ލާމެހިފައިހުންނަ އެހެންމާހައުލުތަކުގެ ދިރުމަށް ވަރަށް ފައިދާކުރާ ތަނެއްކަމެވެ. މިގޮތުން ކުޅިތަކާ ގުޅިފައިހުންނަ ތަންތަނުގެ ގޮތުގައި ފާހަގަކޮށްލެވޭ މުހިންމު މާހައުލުތަކަކީ:ގޮނޑުދޮށް، ފަޅު، މޫދުހުއި، ފަރުތައް، ޗަސްބިން އަދި ފާތަކެވެ. ކަނޑޫފާތައް ހެޔޮގޮތުގައި ނުބެލެހެއްޓުމަކީ ކަނޑޫފާތަކާ ގުޅިފައިވާ އެހެން މާހައުލުތަކުގެ ދިރުމަށްވެސް އޭގެނޭދެވޭ އަސަރުފޯރާކަމެކެވެ. މިސާލަކަށް: ބޯކޮށް ވާރޭވެހުމުން ރަށުތެރޭންފައިބާ ފެންގަނޑާއެކު ފައިބައިގެންދާ ކިސަޑު ފަޅުތެރެއަށް ފޭބުން މައިތިރިކުރުމަށް، ކަނޑޫފާ އެހީތެރިވެއެވެ. ކަނޑޫފަލުގައި ހެދިފައިހުންނަ ގަސްތަކުގެ މޫތަކުތެރޭގައި ކިސަޑުތައް ހިފަހައްޓައެވެ. އޭގެ ސަބަބުން މޫދުގައި ހެދިފާހުންނަ ހުއިތަކަށާއި ފަރުތަކަށް ލިބޭގެއްލުން ވަރަށްބޮޑަށް ކުޑަވެއެވެ. އެކިބާވަތުގެ ގަސްތަކުގެ އިތުރުން ކަނޑޫފާތަކުގައި ދިރިއުޅޭ އެކިސައިޒުގެ، އެކިބާވަތުގެ ޖަނަވާރުތަށްވެސް ވަރަށްގިނައެވެ.

މިފަދަ މާހައުލުތަކުގައި ދާއިމީކޮށް ދިރިއުޅޭ، އެއަށް ހާއްސަސިފަތަކެއް ލިބިފައިވާ އަދި ހާއްސަރޯލެއް އަދާކުރާ ދިރޭތަކެތިވެސް އުޅެއެވެ. އޭގެތެރެއިން އެކެއްޗަކީ ފިޑްލަރ ކްރޭބެވެ. މިކަކުނީގެ ދިރުމަށް ބަލާލާއިރު ދިރުން ފެށެނީ އޮޔާދާ، ހަމަލޮލަށް ނުފެންނަވަރުގެ ކުޑަކުޑަ ފަނިފަކުސާ (ލާރވާ – ޕްލެނކްޓަން) އެއްގެ ގޮތުގައެވެ. މަޑުމަޑުން ބޮޑުވެ އެސޮރަށް އަމިއްލަޒާތުގައި ލޮނުގަނޑުތެރޭ ކޮޅުކޮޅަށް ދެވެންފެށުމުން ކަނޑޫފާލުގެ ޗަކަގަނޑުގެ ތެރޭގައި އެސޮރު ވަޒަނެއް ގާއިމުކުރެއެވެ. އަދި އިސާހިތަކު ކަކުނިހޮރެއް ތައްޔާރުކޮށް އެތަނުގައި އެސޮރުގެ ދިރިއުޅުން ފަށައެވެ.

ފިޑްލަރ ކްރޭބުގެ ތަފާތު ބާވަތްތައް (ސްޕީސީސް) ހުރެއެވެ. މިބާވަތުގެ ބައެއްކަކުންޏަކީ ވަރަށްރީތި ކުލަތަކެއް ހުންނަ ކުޑަކަކުންޏެކެވެ. މިބާވަތުގެ ފިރިހެން ކަކުނީގެ އެއްދަތް އާދަޔާހިލާފަށް ބޮޑެވެ. މުޅިކަކުނީގެ ބަރުދަނުގެ %50 މިދަތުގައި ހުރެއެވެ. މިދަތް ބޭނުންކުރަނީ އެހެން ފިރިހެން ކަކުނިތަކަށް ހަމަލާދިނުމަށާއި އަންހެން ކަކުނި ޝައުގުވެރިކުރުމަށެވެ. އަންހެން ބައިވެރިއަކު ޝައުގުވެރިކުރުމަށް މިބޮޑުދަތް އެކިގޮތްގޮތަށް ހަރަކާތްކުރެއެވެ. ފިރިހެން ކަކުނީގައި ދެންހިމެނޭ ކުޑަދަތް ބޭނުންކުރަނީ އަނގަޔަށް ކާއެއްޗެހި ފޯރުކުރުމަށެވެ. އަންހެން ކަކުނީގައި ހުންނަނީ ކެއުމަށް ބޭނުންކުރާ، ކުޑަ ދެދަތެވެ. މިދެދަތުން ފިރިހެން ކަކުންޏަށްވުރެ ގިނައިން އަންހެންކަކުނި އެސޮރުގެ އަނގަޔަށް ކާނާ ފޯރުކޮށްދެއެވެ.

މިފަދަކަކުނި ކާން ބޭނުންކުރަނީ ކިސަޑާ އެކުލެވިފައިވާ އެކިބާވަތުގެފެހި، ބެކްޓީރިއާ އަދި ޑެޓްރައިޓިސް އެވެ. މިކަކުނިތައް ކެއުމަށް ހަރަކާތްތެރިވަނީ ދިޔަވަރު ހިކިފައި އޮންނައިރެވެ. އެވަގުތު (ކަނޑޫފަލުގެ އެތެރެއަށްވަތް ލޮނުގަނޑު ހިނދިގެންދިއުމުން) ކަނޑޫފަލުގެ ތެރޭގައި ކަކުނިތަކަށް ކޮޅުކޮޅުމައްޗަށް ދުވުމުގެ ފުރުސަތުލިބެއެވެ. މިގޮތަށް ދުވުމުން، ކިސަޑުގަނޑުގެ މަތީފަށަލައިގައި (މަތީ 2 ސެންޓިމީޓަރ) ހުންނަ ފެހި އަދި މައިކުރޯއަލްގޭ ކިސަޑުގަނޑާ އެއްވެ އޭގެތެރެއަށް ވަދެއެވެ. އަދި ވައިވަދެ އޮކްސިޖަން ފެތުރުމަށް މަގުފަހިވެއެވެ. މިހެންވުމުން ކިސަޑުގަނޑުގެ މުއްސަނދިކަން އިތުރުވެ ކަނޑޫފަލުގެ ގަސްތައް ހެދުމަށް އެހީއަކަށްވެއެވެ.

ކަނޑޫފަލުގައި ހެދިފައިހުންނަ ހާއްސަސިފަތައް ލިބިފައިވާ ގަސް

ކަކުނިތައް އެސޮރުމެންގެ ހޮރުތައް ސާފުކޮށް ކާނާހޯދުމަށް މަސައްކަތް ކުރާއިރު ވަރަށް ފަރުވާތެރިވެއެވެ. އަބަދުވެސް ބަލަނީ ކަކުނީގެހޮރާ މާދުރަށްނުގޮސް ވޭތޯއެވެ. އެހެނީ ހޮރާ މާދުރަށްގޮސް އުޅެނިކޮށް، އެހެން ސިކާރަކުރާ ޖަނަވާރެއް، ކަކުންޏަށް ހަމަލާދީ ކާލަން ދިމާކޮށްފިނަމަ ރައްކާތެރިކަން ހޯދުމަށް ހޮރަށް ވަނުމަކީ އުނދަގޫކަމަކަށް ވެދާނެތީއެވެ. ހަމައެފަދައިން ދިޔަވަރު ބޮޑުވުމުން ކަނޑޫފަލުގެ ތެރެޔަށް ޝިކާރަކުރާ މަސްތައް ވަނުމުން، ފިޑްލަރކޮރޭބް ހިމާޔަތްހޯދުމަށް ވަންނަނީވެސް އެސޮރުމެންގެ ހޮރަށެވެ. ދިޔަވަރު ހިކުމާއެކު، ކުރިން ލޮނާއެކު ވެލިއެޅި ބެދިފައިވާ، އެސޮރުމެންގެ ހޮރުތައް އަލުންކޮނެ ސާފުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދެއެވެ. މިގޮތަށް ކޮންމެދުވަހަކު ދެފަހަރު (ރެއަކާދުވާލު – 24 ގަޑިރުތެރޭ ދެފަހަރު ދިޔަވަރު ބޮޑުވެ ހިކޭ) މި ކަކުނިތައް އެސޮރުމެން ދިރިއުޅޭ ހޮރުތަކުން ވެލިތައް ބޭރުކޮށް އަލުން ސާފުކުރެއެވެ.

މިފަދަ ކަކުނި (ފިޑްލަރަ ކްރޭބް) އުޅޭސަރަހައްދު ތަކުގައި އެތައްހާސް ނުވަތަ އެތައްލައްކަ ކަކުންނިއުޅެއެވެ. މިކަކުނިތައް ހޮރުތައް ސާފުކުރާ ކޮންމެފަހަރަކު (ކޮންމެދުވަހަކު ދެފަހަރު) ހޮރުތަކުގެ ނެޓްވާރކްތެރެއަށް ކާނާއަދި އޮކްސިޖަން ވަނުމަށް މަގުފަހިވެއެވެ. އެހެންގޮތަކަށް ބުނަނީނަމަ އެތައްލައްކަ ކަކުނި ކޮންމެދުވަހަކު ދެފަހަރަށް ކަނޑޫފަލުގެ "ބިންގަނޑު ޖެހުމުގެ" މަސަކަތްކުރެއެވެ. މީގެސަބަބުން ކަނޑޫފަލުގެ ކިސަޑުގަނޑުތެރޭގައި ދިރިއުޅޭ އެކިބާވަތުގެ، ހަމަލޮލަށް ނުފެންނަ (މައިކްރޯއޯގަނިސަމްސް) ތަކަށް އޮކްސިޖަނާއި ކާނާ ލިބެއެވެ. އަދި މުޅިކިސަޑުގަނޑުގެ ތެރޭގައި ފުޅާކޮށް އޮކްސިޖަން ދައުރުވުމުން، މަރުވެފައިވާ އެކިބާވަތުގެ – ގަސްތަކުގެ ބައިތައް އަދި ޖަނަވާރުތައް – ކިސަޑުގަނޑުގެ ތެރޭގައި ހަލާކު(ޑިކޮމްޕޯސް) ވުމަށް އިތުރަށްފަހިވެއެވެ.

ޖުމުލަކޮށް ބުނަނީނަމަ މިފަދަކަކުނި، ކަނޑޫފަލުގެ ކާނާގެބުރު (ނިއުޓްރިއަނޓް ސައިކަލް) ފުރިހަމަކުރުމަށް ވަރަށް މުހިންމުރޯލެއް އަދާކުރެއެވެ. އަދި އިންސާނުން ހިންގާ އެކިއެކިހަރަކާތްތަކުގެ ސަބަބުން ކަނޑޫފަލުގެ ތެރެއަށް ފޭދިގެންދާ އެކިބާވަތުގެ ކެމިކަލްތަކާއި މާހަލުތައް ތަގައްޔަރުކުރަނިވި ނަޖިހުގެ ބާވަތްތައް ނައްތާލުމަށް މަގުފަހިކޮށްދީ ތަފާތުގަސްގަހާގެހި އެންމެ ފުރިހަމަގޮތުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދެއެވެ. އަދިހަމަ ކަނޑޫފަލުގެ މާހައުލަށް ގެއްލުންވާފަދަ ތަފާތުކެމިކަލްތައް އާދަޔާހިލާފަށް އިތުރުވެއްޖެނަމަ ކަކުނީގެ އާބާދީއަށް ނޭދެވޭއަސަރުކޮށް ކަކުނިތައް ނެތިދިއުމަށް މަގުފަހިވެއެވެ. އެހެންކަމުން ކަނޑޫފަލުގެ މާހައުލުން ކަކުނިތައް މަދުވެގެން ދިއުމަކީވެސް އެފަދަ މާހައުލަށް ނޭދެވޭއަސަރު ފޯރާކަމުގެ ސިގުނަލެވެ. އެހެންކަމުން ކަނޑޫފަލުގައި ދިރިއުޅޭ މުހިންމުދިރުންތަކަށް (ކީސްޓޯން ސްޕީސީސް) އަންނަބަދަލުތައް ރަނގަޅަށް ބެލުމަކީ މިފަދަ މުހިންމުހިދުމަތްތައް ފޯރުކޮށްދޭ މާހައުލީނިޒާމުތައް ހަލާކުވިޔަނުދިނުމަށް ކުރެވިދާނެ މިހިންމުކަމެކެވެ.

އަހަރެމެން ވަށައިގެން ގުދުރަތީގޮތުން ލައްވާފައިވާ މާހައުލީނިޒާމުތަކަކީ އަހަރެމެން އިންސާނުންގެ ދިރިއުޅުން ފުރިހަމަވުމަށް މުހިންމު ރޯލުތަކެއް އަދާކުރާތަންތަނެވެ. މިފަދަ ތަންތަނުގައިވާ ދިރުންތަކުގެ މުހިންމުކަން ފުރިހަމައަށް ނޭނގިތިބެ އެތަކެތި ނެތިދާފަދަކަންތައް ކުރުމުން އަހަރެމެންގެ ދިރިއުޅުމަށް ނޭދެވޭއަސަރު ފޯރުމަކީ ވަރަށްވެސްގާތްކަމެކެވެ.

comment ކޮމެންޓް