ޔޯގާ އިވެންޓުގެ ހަމަނުޖެހުން: ބަންދުގެ މުއްދަތުޖަހައި، ވަނަވަރު ހާމަކޮށްފި

ޔޯގާ އިވެންޓަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ހަ މީހުން: އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި-- ފޮޓޯ: ޕޮލިސް

އިންޓަނޭޝަނަލް ޔޯގާ ޑޭ ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ފާހަގަކުރަމުން ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގުމާ ގުޅިގެން ހައްޔަރުކުރި ހަ މީހުންނަށް މުއްދަތު ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.

އެ ހަރަކާތް އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކޮށް، އެ ހަރަކާތް ހިންގަން ފެށީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު އެކަން ނުހުއްޓުވައި، މިހާރު ހުއްޓުވަނީ އެކަމުގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތުމުން ކަމަށެވެ.

އިއްޔެ ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަލަފް ޖަމިއްޔާ ކަމަށް ތުހުމަތުކޮށް މަހުލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަމަވެސް އެ ތުހުމަތު ސަލަފް ޖަމިއްޔާ އާއި ޕީޕީއެމްއިން ދޮގުކުރެއެވެ.

މިނިސްޓަރު މަހުލޫފުގެ ވާހަކަތަކަށް ރައްދު ދެމުން ސަލަފުން ބުނީ އެ ހަމަނުޖެހުންތަކުގައި ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށާއި ހަމަނުޖެހުމަށް ހިތްވަރެއްވެސް ނުދޭނަން ކަމަށެވެ. އަދި ޕީޕީއެމް އިން ބުނީ މިއީ އެ ޕާޓީއަށް މިހާރު ކުރާ ތުހުމަތުތައް ކުރުމަށް ސަރުކާރުން ކުރި ކަމަކަށް ވެސް ވެދާނެ ކަމަށެވެ.

އިއްޔެގެ ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ޓުވީޓެއް ކުރައްވާފައިވާއިރު ރޭގެ ވަގުތެއްގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ސަބްކޮމިޓީއެއް އުފައްދާފައެވެ.

comment ކޮމެންޓް