ހަމަނުޖެހުން ތަހުގީގުކުރުމަށް ވަޒީރުންގެ ސަބްކޮމިޓީއެއް އެކުލަވާލައިފި

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާގެ ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ތަހުގީގު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް މިއަދު އެކުލަވާލައިފިއެވެ.

އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުންދީފައިވެއެވެ.

އެ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު
  • އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ
  • ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ
  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު
  • ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
  • ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް
  • ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުން ވަނީ އެ ޢަމަލު ކުށްވެރިކޮށް އެ ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އެ މައްސަލައިގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން ވާކަމަށް ފުލުހުންގެ ތަހުގީގުން ސާބިތުވެއްޖެނަމަ އެ ޕާތީއަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ބުނެފައެވެ.

comment ކޮމެންޓް