ކޮވިޑް ފެސިލިޓީގައި ގިނައީ އުމުރުން ދުވަސްވީ މީހުން: އެޗްޕީއޭ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ: --- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ކޮވިޑް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށްފަހު، އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު އިތުރުވާން ފަށާފައި ވާއިރު، މިހާރު ކޮވިޑް ފެސިލިޓީގައި ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނިމިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 405 މީހެކެވެ.

ކުއްލިއަކަށް ރާއްޖޭއިން ކޮވިޑަށް ޕޮޒިޓިވްވި މީހުން އިތުރުވެފައިވާއިރު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެނދުމަތިކޮށްގެން މި ވަގުތު އަންނަނީ 17 މީހަކަށް ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ކޮވިޑް ޖެހިގެން އެކަކު އައިސީޔޫއަށް ލާފައި ވާ ކަމަށާއި ނަމަވެސް މިވަގުތު ޕޮޒިޓިވްވާ މީހުންގެ ހާލު ޖުމުލަކޮށް ސީރިއަސްކަން ބުނަން އަދި ނޭނގޭކަމަށެވެ.

އޭގެ ސަބަބައެއްކަމަށް އެޗްޕީއޭއިން ބުނީ، ގިނައިން ޕޮޒިޓިވްވެފައި ތިބީ 60 އަހަރުން މަތީގެ މީހުންނަށް ވުމާއި، މިވަގުތު ޕޮޒިޓިވްވެފައި ވަނީ ކޮން ވޭރިއަންޓަކަށް ކަން ޔަގީން ނުވާތީއެވެ.

މިހާރު ރާއްޖޭގައި އުޅޭ ވޭރިއަންޓް ކަށަވަރު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިދުވަސްވަރު ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

"ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާ ބަލާއިރު ޖޫންމަހުގެ ތިންވަނަ ހަފްތާގައި ވަނީ %185 މައްޗަށް ގޮސްފައި،" އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑްގެ އިތުރުން، އަރިދަފުސް ރޯގާވެސް އިތުރުވަމުންދާ މި ދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރަން ގިނަ ބަޔަކު ރާވަމުންދާ ދުވަސްވަރަކަށްވާތީ، ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވީ ކަންކަން އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. އެގޮތުން:-

  • ގިނައިން މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކު އެޅުން
  • ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނާއި ޒިޔާރަތް ކުރާ މީހުން މާސްކު އެޅުން
  • ކޮވިޑްގެ އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޓެސްޓު ކުރުން އަދި އަލާމާތެއް ހުރިނަމަ ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުކުރުން
  • އާއްމު ތަންތަން ގަވާއިދުން ޑިސްއިންފެކްޓް ކުރުން
  • ގިނަގިނައިން އަތް ސާފުކުރުން އަދި ކޮވިދާއި އިންފްލުއެންޒާ ވެކްސިން އަވަހަށް ޖެހުން

މި ދުވަސްވަރަކީ ދަތުރުފަތުރުން ގިނަވާނެ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ދަތުރުގެ ކުރިން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން، ކޮވިޑްގެ ހާލަތު ގޯސް ރަށަކަށް ނުވަތަ ގައުމަކަށް ދަތުރު ނުކުރުމަށާއި ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން އިންޝުއަރެންސް ނެގުމަށް އެދެވިގެންވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހަމައެޔާއެކު، ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައް ނޫނީ ނުބޭއްވުމަށް އިރުޝާދުދެމުން އެޗްޕީއޭއިން ބުނީ ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވެސް މީހުން މަދުން ނުވަތަ އޮންލައިންކޮށް ބާއްވަން އެދޭ ކަމަށެވެ.

comment ކޮމެންޓް