ފަސް އަހަރުގެ ކުއްޖަކު ފޮތެއް ނެރެ، ދުނިޔޭގެ ރިކޯޑު ހޯދައިފި

ދުނިޔޭގެ އެންމެ ހަގު އަންހެން ކުއްޖާގެ ރިކޯޑު ހޯދާފައިވާ ބެލާ -- ފޮޓޯ / ގިނިސް ވޯލްޑް ރެކޯޑްސް

އަމިއްލައަށް ފޮތެއް ލިޔެ، އެ ފޮތް ޝާއިއުކުރި އެންމެ ހަގު އަންހެން ކުއްޖާގެ ރެކޯޑު އިނގިރޭސިވިލާތުގެ ފަސް އަހަރުގެ ކުއްޖަކު ހޯދައިފިއެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ބުނާގޮތުގައި ބެލާ ޖޭ ޑާކް ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ އޭނާގެ ފޮތް ކަމަށްވާ "ދަ ލޮސްޓް ކެޓް"ގެ 1،000އަށް ވުރެ ގިނަ ކޮޕީ މިހާރު ވިއްކާފައެވެ. އެ ފޮތް ބެލާ ލިޔެފައިވަނީ އޭނާގެ މަންމަ ޗެލްސީ ސިމޭގެ އެހީގައެވެ.

އެ ފޮތަކީ ރޭގަނޑު އެކަނި ބޭރަށް ނުކުމެ އުޅެމުން ދަނިކޮށް ގެއްލިގެން ހޯދަން ޖެހޭ ސްނޯއީ ނަމަކަށް ކިޔާ ބުޅަލެއްގެ ވާހަކައެެވެ.

އެ ފޮތް ޝާއިއުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޖިންޖަ ފިއާ ޕްރެސް އިންނެވެ.

މި އަހަރުގެ ޖެނުއަރީ މަހު ނެރުނު އެ ފޮތް އެމަޒަންގައި ވިއްކަނީ ހަތް ޑޮލަރަށެވެ.

އެ ފޮތް ލިޔަން ބެލާ ޝައުގުވެރިވީ އޭނާގެ ކުރެހުން ބެލުމަށް ފަހު، އެ ކުރެހުމުގެ މައްޗަށް ބިނާކޮށް ވާހަކައެއް ލިޔަން އޭނާގެ ބައްޕަ ހިތްވަރު ދިނުމުންނެވެ.

އެ ވާހަކަ ފޮތުގެ ފަހަތުގައިވާ ކުރެހުން ފިޔަވާ ހުރިހާ ކުރެހުމެއް ވެސް ކުރަހާފައި ވަނީ ބެލާއެވެ. ފޮތުގެ ފަހަތުގައިވާ ކުރެހުން ކުރަހާފައި ވަނީ ބެލާގެ ދައްތަ ލޭސީ-މޭއެވެ.

އުމުރުން އެންމެ ފަސް އަހަރުގައި ބެލާއަށް ލިބިފައިވާ އެ ކާމިޔާބީއަކީ އޭނާ ކުރި ބުރަ މަސައްކަތަށް ހައްގު ކާމިޔާބީއެއް ކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ފޮތުގެ ދެވަނަ އަދަދުކަމަށްވާ "ދަ ލޮސްޓް ކެޓް 2" ނިކުންނާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ވާހަކައެއް ލިޔެ ޝާއިއު ކުރި އެންމެ ހަގު ފިރިހެން ކުއްޖަކީ ސްރީލަންކާއަށް ނިސްބަތްވާ ތަނުވާނާ ސެރަސިންހައެވެ. އޭނާގެ ވާހަކަ ފޮތް ކަމަށްވާ "ޖަންކް ފުޑް" ނެރެފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭރު ތަނުވާނާ ސެރަސިންހަގެ އުމުރަކީ ހަތަރު އަހަރެވެ.

comment ކޮމެންޓް