ރަސްފަންނު ދޫނުކުރުމުން ޔޯގާ ދުވަސް ފާހަގަކުރުން ގަލޮޅު ދަނޑަށް

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހާއްސަ ހަރަކާތްނިންމާލުމަށް އާޓިފިޝިއަލް ބީޗު ސަރަހައްދުގައި 2017 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔޫތު މިނިސްޓްރީއާ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގުޅިގެން ރަސްފަންނުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް އެ ސަރަޚައްދު ނުދޭން މާލޭ ސިޓީ ކައުންސިލުން ނިންމުމުން އެ ހަރަކާތް ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ޔޯގާ ދުވަސް ފާހަގަކުރުމަށް ރަސްފަންނު ދޭން ނިންމައި ސިޓީ ކައުންސިލުން ސިޓީ ވެސް އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކަަމަށެވެ. ނަމަވެސް އެ ހުއްދަ މިހާރު ނުދޭން ނިންމުމުން މާދަން ފާހަގަކުރާ ޔޯގާ ދުވަހުގެ ހަރަކާތް ބާއްވަން މިހާރު ނިންމާފައިވަނީ ގަލޮޅު ދަނޑުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ގަލޮޅު ދަނޑުގައި އެ ހަރަކާތް ބާއްވަން ނިންމާފަވާ ކަމަކީ ތެދެއް. އެކަމު އެއީ ސިޓީ ކައުންސިލުން ފަހުން ހުއްދަ ނުދީގެން ރަސްފަންނުގައި މި ހަރަކާތް ބާއްވަން،" އޭނާ ވިދާޅުވިއެވެ.

ރަސްފަންނުގައި ފާހަގަކުރަން އުޅުނު ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅު ދަނޑުގައި ބާއްވާ ގޮތައް ނިންމީ އާންމުގެ ގިނަ ޝަކުވާތަކެއް ލިބުމުން ކަމަށް ބުނެ އެ ހަރަކާތަށް ރަސްފަންނު ދޫނުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމުމުންނެވެ.

ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން ވެސް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާއި ޚިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފައެވެ. އަދި މާދަމާ ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފައެވެ.

ޔޯގާ ހަރަކާތް ބާއްވަން ނިންމައި އެ ކަމުގެ ރެޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ޔޯގާ ހަރަކާތް ބާއްވަން ނިންމާފައިވަނީ މާދަމާ ހެނދުނު 06:30 ގައި ކަމަށްވާއިރު ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން މީގެ ކުރިންވެސް ވަނީ ޔޯގާގެ އެކި ހަރަކާތްތައް ރާއްޖޭގައި ބާއްވާފައެވެ.

comment ކޮމެންޓް