ޔުކްރޭން ހަނގުރާމައިގާ ރަޝިއާ ކުރިއެރުން ހޯދާތީއާއި ހަނގުރާމަ ދިގު ދަންމާތީ ހުޅަނގުން ކަންބޮޑުވެއްޖެ

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް

ލަންޑަން (20 ޖޫން 2022): ރަޝިއާ ސިފައިން ޔުކްރޭން ހަނގުރާމައިގާ ކުރިއެރުން ހޯދަމުން ގެންދާތީ އިނގިރޭސިވިލާތާއި ނޭޓޯ ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ.

އިނގިރޭސި ސިފައިންގެ އިސް ކޮމާންޑަރު އަދި ޗީފް އޮފް ދަ ޖެނެރަލް ސްޓާފް، ޖެނެރަލް ސާ ޕެޓްރިކް ނިކޮލަސް ސެންޑާސް ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭންގައި ކާމިޔާބު ހޯދުމަކީ ޔޫރަޕަށް ވަރަށް ނުރައްކާތެރި ކަމެއް ކަމުގައެވެ. އޭނާ ވިދާޅުވީ އެއީ ޔުކްރެއިންގެ އިތުރުން ޔޫރަޕަށް ހަނގުރާމަ ފެތުރުމުގެ ބިރު އޮތް ކަމެއް ކަމަށްވާތީ މިކަމަށް ތައްޔާރުވާންޖެހޭ ކަމުގައެވެ.

އިނގިރޭސި ސިފައިންގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް، ޖެނެރަލް ސާ ޕެޓްރިކް ނިކޮލަސް ސެންޑާސް

މިމޭރުމުން ވާހަކަ ދައްކަވަމުން ރަޝިއާ ސިފައިން ޔުކްރެއިންގައި ބަލިކުރަންޖެހޭ ކަމަށާއި މިހެން ނުވެއްޖެނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ޖެނެރަލް ސެންޑާސް ދެއްވިއެވެ. އަނެއްކޮޅުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޔުކްރޭން ހަނގުރާމައިގާ ރަޝިއާ ސިފައިން ކުރި ހޯދަމުން ގެންދާތީ މިއަށް ވުރެވެސް ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ.

ބޮރިސް ޖޯންސަން ވިދާޅުވިގޮތުގައި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ގެންދަވަނީ ޔުކްރޭންއާއި އެގައުމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތައް ހަނގުރާމައިގެ ސަބަބުން މާޔޫސް ކުރުމަށްޓަކައި ޔުކްރެއިން ހަނގުރާމަ ދިގު ދަންމާލުމަށް މަސައްކަތް ކުރައްވަމުންނެވެ.

ހަނގުރާމަ ދިގު ދަންމާލުމުން ޔުކްރެއިންއަށް ކުރަންޖެހޭ ހަނގުރާމައިގެ ޚަރަދުތައް ބޮޑުވެ ހުޅަނގުގެ ގައުމުތައް މާޔޫސްވާނެކަމަށް ޕޫޓިން ދެކެވަޑައިގަންނަވާކަމަށާއި މިކަން މިގޮތަށް ވިޔަނުދިނުމަށް އެމެރިކާއާއި ޔޫރަޕް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޖޯންސަން ވިދާޅުވިއެވެ. އަދި އެއްވެސް ހާލެއްގައި ޔުކްރެއިން ހަނގުރާމައިގާ ކާމިޔާބު ލިބުމުގެ ފުރުސަތު ރަޝިއާއަށް ދީގެން ނުވާނެކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސި ސިފައިންގެ ވެރިޔާއާއި އިނގިރޭސި ބޮޑުވަޒީރު މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ ޔުކްރެއިން ހަނގުރާމަ ދިގު ދަންމާލަން ރަޝިއާ މަސައްކަތް ކުރާކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވެފައި ވަނިކޮށެވެ. ސްޓޯލްޓަންބާގް ވިދާޅުވީ ޔުކްރެއިން ހަނގުރާމަ އަހަރުތަކަކަށް ދިގު ދެމިގެން ހިނގައިދާނެކަމަށް މިހާރު ގަބޫލުކުރެވޭ ކަމުގައެވެ.

ޔުކްރެއިން ހަނގުރާމަ ދިގުލައިގެން ދިޔަނަމަވެސް އަދި މިކަމުގެ ސަބަބުން ޚަރަދުތައް ބޮޑުވެގެން ދިޔަނަމަވެސް މިހަނގުރާމައިގާ ޔުކްރެއިންއަށް އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އެހީ ފޯރުކޮށްދިނުމުގައި ނޭޓޯގެ ގައުމުތައް ސާބިތުކަމާއެކު ދެމިތިބެން ޖެހޭނެކަމަށް ސްޓޯލްޓަންބާގް ވިދާޅުވިއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް

މި ތިން ބޭފުޅުން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޔުކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި ރަޝިއާ ސިފައިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ދިޔުމުގެ އިތުރުން ޔުކްރެއިންގެ މެދުތެރޭ ސަރަހައްދެއް ކަމަށްވާ ދެނިބްރޯބިތްރިވިސްކަށް ރަޝިއާގެ ސިފައިން އިއްޔެ ދިން ވަރުގަދަ ހަމަލާތަކެއްގައި ޔުކްރެއިންގެ 50އަށް ވުރެ ގިނަ ޖެނެރަލުން މަރުވެފައިވާ ކަމުގެ ޚަބަރުތައް ފެންމަތިވުމާ ގުޅިގެންނެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ދެނިބްރޯބިތްރިވިސްކަށް ހަމަލާދިނީ ކަޅުކަނޑުގައި ހަރަކާތްތެރިވާ ރަޝިއާގެ މަނަވަރުތަކުންނާއި ސަބްމެރިންތަކުން ފޮނުވާލި ކެލިބާ މަރުކާގެ މިސައިލް ހަމަލާތަކުންނެވެ. ކެލިބާ މަރުކާގެ މިސައިލަކީ ސީދާ އަމާޒަށް ފޮނުވާލެވޭ ވަރަށް އެކިއުރޭޓް މިސައިލެކެވެ.

އަނެއްކޮޅުން ދުންބާސްގެ ހުޅަނގުން ޔުކްރެއިންގެ ސިފައިން ގޮވައިގެން ދަތުރުކުރި ރޭލަކަށްވެސް މިމިސައިލް ބޭނުންކޮށްގެން ރަޝިއާ ދިން އިއްޔެ ދިން ހަމަލާތަކެއްގައި ޔުކްރެއިން ސިފައިންގެ 100އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން މިޚަބަރުތައް ފަތުރާއިރު ޔުކްރެއިން އިން މިއިން އެއްވެސް ޚަބަރެއް ދޮގުކޮށްފައެއް ނުވެއެވެ.

ރަޝިއާގެ ސްޓްރެޓީޖިކް މިސައިލެއް

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ އެމެރިކާ އެކަނި ދުނިޔެ ކޮންޓްރޯލް ކުރި އަހަރުތައް މިހާރު މާޒީވެއްޖެ ކަމަށާ އެމެރިކާއަށް މިހާރު ދުނިޔެ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެ އެމެރިކާއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ދިޔައީ އެމެރިކާ ހީކުރިގޮތަށް ނޫނެވެ. އެމެރިކާ ހީކުރީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާގެ އިގްތިސާދު މަހެއްހާ ދުވަހުގެ ތެރޭގައި އިނދަޖެހި ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރުވާނެ ކަމަށާ ނަމަވެސް ކަންތައްތައް ދަނީ އެގޮތަށް ނޫންކަމަށާ ހުޅަނގުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ޚުދު ހުޅަނގުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ޕޫޓިން ފާހަގަ ކުރެއްވިއެވެ.

ކަޅުކަނޑުގައި ހަރަކާތްތެރިވާ ރަޝިއާގެ ސަބްމެރިން އެއް

ހުޅަނގުގެ ފިޔަވަޅުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުބޮޑުވުމުންނާއި ރުބެލްއިން ރަޝިއާގެ ތެލާއި ގޭހަށް އަގު ދައްކާގޮތަށް ހަމަޖެއްސުމުން ރަޝިއާގެ އިގްތިސާދު އޮތީ ކުރިޔަށްވުރެވެސް ރަނގަޅު ހާލަތެއްގައި ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުން ރަޝިއާއިން ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 20 އިންސައްތަ މިހާރުވަނީ ހިފާފައެެވެ. އެތަންތަނުން ދެން ރަޝިއާ ސިފައިން ފައްސާލުމަކީ ވަރަށް ދަތިކަމެއްކަމަށާ ނަތީޖާއަކަށްވާނީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ގެއްލުން ބޮޑު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން އެންމެ ފަހުން ޔުކްރެއިންއަށް މަޖުބޫރުވުންކަމަށް އެފަރާތްތައް ދެކެއެވެ.

ހަނގުރާމައިގެ ކުރީކޮޅު ސުލްހައިގެ ވާހަކަތަކުން ޔުކްރެއިން ވަކިވީ ހުޅަނގުގެ ހަތިޔާރުގައި އަސްކަރީ ގޮތުން ރަޝިއާ ބަލިކުރެވޭނެ ކަމުގެ ހުވެފެންތައް އެމެރިކާއާއި ޔޫރަޕުން ޔުކްރެއިންގެ ރައީސަށާއި އެގައުމުގެ ވެރިންނަށް ދެއްކުމުންނެވެ.

ނަމަވެސް ޔުކްރެއިންއަކީ އަސްކަރީ ޓެކްނޮލޮޖީގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންނާއި އާބާދީއަށް ބަލާއިރު ރަޝިއާއާ ދެކޮޅަށް ދިގުމުއްދަތަކަށް ހަނގުރާމަކޮށްގެން ރަޝިއާގެ މައްޗަށް ކުރިހޯދޭނެ ގައުމެއް ނޫންކަމާއި ހުޅަނގުގެ ހަޤީޤީ ބޭނުމަކީ ޔުކްރެެއިންގެ ރައްޔިތުން ބޭނުންކޮށްގެން ރަޝިއާއާ ހަނގުރާމަކޮށްގެން ރަޝިއާ އިނދަޖައްސާލެވޭތޯ ބެލުންކަމަށް މުސްތަގިއްލު އަސްކަރީ ތަޖުރިބާކާރުން ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް