ކޮވިޑް ކޭސްތައް ތިން ގުނަ މައްޗަށް

މާލޭ މަގުމަތީގައި މީހުން: ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކޮވިޑް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށްފަހު ވޭތުވެދިޔަ ހަފްތާގައި އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު އޭގެ ކުރީގެ ހަފްތާއަށް ވުރެ ތިން ގުނަ މަތިވެއްޖެއެވެ.

މި މަހުގެ ދެވަނަ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މުޅި ރާއްޖޭން 142 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 50 މީހުންނާ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 40 މީހެއްގެ އިތުރުން ރިސޯޓް އަދި އެހެނިހެން ތަންތަނުން ޕޮޒިޓްވި 52 މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނިމިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 405 މީހެކެވެ. އޭގެ ތެރެއިން 231 މީހުން ތިބީ މާލެ ސަރަހައްދުގައެވެ. އަދި އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވެފައިވަނީ 95 މީހެކެވެ. އެހެނިހެން ތަންތަނުން 79 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކުއްލިއަކަށް ރާއްޖޭއިން ކޮވިޑަށް ޕޮޒިޓިވްވި މީހުން އިތުރުވެފައިވާއިރު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެނދުމަތިކޮށްގެން މި ވަގުތު އަންނަނީ 17 މީހަކަށް ފަރުވާ ދެމުންނެވެ.

ތިން ހަފުތާއަށް ފަހުން އިއްޔެ ރާއްޖެ އިން ވަނީ ކޮވިޑްގައި މީހަކު މަރުވެސް ވެފައެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ހުޅުމާލޭ އޮރެންޖް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވާއިރު, މީގެ ތިން މަސް ދުވަސް ކުރިން ވަނީ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް ކަނޑައަޅާފައެވެ.

comment ކޮމެންޓް