އެވޮކާޑޯއަކީ އާންމުކޮށް ދިވެހިންގެ ކެއުމުގައި ބޭނުންކުރާ މޭވާއަކަށް ނުވި ނަމަވެސް މިހާރު ދިވެހިން އެވޮކާޑޯ ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ނާސްތާއަށް އެވޮކާޑޯ ޓޯސްޓު އަދި އެވޮކާޑޯ ސްމޫތީ ބޯ މީހުން މިހާރު ގިނައެވެ.
ހަށިގަނޑަށް ފައިދާހުރި ފެޓްސްގެ ބާވަތެއް ކަމަށްވާ މޮނޮއަންސެޗިއުރޭޓެޑް ފެޓްސްއާއި ވިޓަމިންސްއާއި މިނަރަލްސްއިން މުއްސަނދިވެފައިވާ އެވޮކާޑޯއަކީ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދޭ މޭވާއެކެވެ. އެވޮކާޑޯގައި ހިމެނޭ ފެޓްސްގެ ސަބަބުން ކާބޯހައިޑްރޭޓްސް ހަޖަމްކޮށްދޭ މިންވަރު ލަސްކޮށްދީ، ލޭގައި ހަކުރުގެ އެކުލެވޭ މިންވަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއެވެ.
އެވޮކާޑޯއަކީ ވިޓަމިން ސީ، އީ، ކޭ، އަދި ބީ6ގެ އިތުރުން ރައިބޯފްލެވިން، ނިއާސިން، ފޮލޭޓް، ޕެންޓޯތީނިކް އެސިޑް، މެގްނީޒިއަމް، އަދި ޕޮޓޭސިއަމް ހިމެނޭ މޭވާއެކެވެ. އެހެންކަމުން ކެއުމުގެ ތެރޭގައި އެވޮކާޑޯ ހިމެނުމަކީ އެމީހެއްގެ ހަށިގަނޑު ދުޅަހެޔޮ ސިއްޙައްތެއްގައި ދަމަހައްޓައިދޭނެ ކަމެކެވެ.
ކޮންމެ 100 ގްރާމްގެ އެވޮކާޑޯއެއްގައި 76 މިލިގްރާމްގެ ބީޓާ ސިޓޯސްޓެރޯލް ކިޔާ މާއްދާއެއް ހިމެނެއެވެ. އެއީ ކޮލެސްޓްރޯލް ލެވެލް ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދީ، ހިތް ދުޅަހެޔޮކަންމަތީ ބެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ.
މީގެ އިތުރުން އެވޮކާޑޯއަކީ ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމަށް އެހީތެރިވެދޭ މޭވާއެެކެވެ. އެގޮތުން އިރުގެ އަލިން ފޮނުވައިދޭ ޔޫވީީ ލައިޓްއިން އިންސާނާގެ ލޮލަށް ލިއްބައިދޭ ގެއްލުންތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްތައް އެވޮކާޑޯގައި ހިމެނެއެވެ.
އެވޮކާޑޯ ބޭނުންކުރުމާއި ކެންސަރުގެ ނުރައްކާ ކުޑަވުމާ ސީދާ ގުޅުމެއް އޮތް ކަމަށް ދިރާސާތަކުން މިހާތަނަށް ހޯދިފައި ނުވި ނަމަވެސް، ބައެއް ބާވަތުގެ ކެންސަރުތައް ޖެހުމުން ރައްކާތެރިކޮށްދޭ ކޮމްޕައުންޑްތައް އެވޮކާޑޯގައި ހިމެނެއެވެ.
އެހެންކަމުން ކެއުމުގައި ގިނަގިނައިން އެވޮކާޑޯ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.