ފިޝަރީޒް ސައިންސް ފޮތް ލިޔުއްވި ޑރ. ރިޔާޒް، ދާއިރާއިން ކިޔަވަމުންދާ އެތައް ކުދިންނަކަށް ނަމޫނާއެއް

ޑރ. އަހްމަދު ރިޔާޒް ޖައުހަރީ "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ފާއިތުވި 30 އަހަރު ދުވަހު ރާއްޖޭގައި ބޭނުން ކުރަމުން އައި ފިޝަރީޒް ސައިންސް ފޮތް ލިޔުއްވި ޑރ. އަޙްމަދު ރިޔާޒު ޖައުހަރީއަކީ ރާއްޖޭގެ ތައުލީމީ ނިޒާމާ މަސްވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ފިޝަރީސް ސައިންސް ސިލަބަސް ތައްޔާރުކުރައްވައި، ޓެކްސްޓް ފޮތް ތައްޔާރުކުރައްވައި، ޓީޗަރުންނަށް ބޭނުންވާ އަތްމަތީ ފޮތް ތައްޔާރުކުރެއްވުމަށްފަހު ރިޔާޒް ވަނީ އެ ފޮތްތައް އެހެން ރަށްރަށަށް ފޯރު ކޮށްދެއްވުމަށް ކަނޑުމަގުން އެތައް ދަތުރެއް ކުރައްވާފައެވެ. ސެޝަންތައް ނަގައިދެއްވަން ބައެއް ފަހަރު 12 ގަޑިއިރުގެ ދަތުރެއް ކުރަންޖެހެއެވެ. އަނެއްބައި ފަހަރު ސެޝަންތައް ނަގައިދޭން ދެވެނީ 10 ގަޑިއިރުގެ ދަތުރަކުން ކަމަށް އޭނާ ކިޔައިދިނެވެ.

"އެ މެޓީރިއަލް ހިފައިގެން ރަށްރަށަށް ދާން ޖެހެނީ. ރަށްރަށަށް ދާއިރު މިހާރު މި ހުންނަ މޮޅެތި ޓެކްނޮލޮޖީއެއް ވެސް ނުހުރޭ ސެޝަން ނަގައިދޭކަށް. އޭރު ބޭނުން ކުރަނީ އޮވާހެޑް ޕްރޮޖެކްޓާ ކިޔާ އެއްޗެއް. ސްލައިޑުތައް އަތުން ލިޔެގެން ޕްރޮޖެކްޓަރުން އަޅުވައިގެން އެކަހަލަ ގޮތަކަށް ނަގައިދިނީ. ދެން ބައެއް ރަށްރަށުގައި 24 ގަޑިއިރު ކަރަންޓެއް ވެސް ނުހުރޭ. އެހެންވީމަ ވެސް ބޮޑު ޗެލެންޖަކަށް ވޭ،"

ޑރ. އަހްމަދު ރިޔާޒް ޖައުހަރީ މަސައްކަތުގެ މާހައުލުގައި

އޭލެވެލް ނިންމުމަށްފަހު ރިޔާޒް ވަނީ ސައިންސް ރިސޯސް ޔުނިޓުން ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެއީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ)ގެ ދަށުން ހިންގާ ތަނެކެވެ. އެތަނުން އޭނާއަށް ކަރިކިއުލަމް ތައްޔާރު ކުރުމާއި ކަރިކިއުލަމް ތެރޭގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އަދި އޭރު ފޮތް ލިޔުއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަތެވެ.

އޭރު ރަށްރަށަށް ދެވި އެކަމުގެ ތެރޭގައި އުޅެވުމުން ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންނެވި ރިޔާޒަށް ވަނީ މަސްވެރިން އުޅޭ ގޮތާއި މަސްވެރިކަމުގެ ތެރޭގައި ހިނގާ ކަންކަމުގެ އެތައް މައުލޫމާތެއް ލިބި ގިނަ ކަންކަން ދަސްވެފައެވެ. ރިޔާޒް ފޮތް ލިޔުއްވާފައިވަނީ ވަރަށް ބޮޑަށް ހުރިހާ ކަމެއްވެސް އަމިއްލައަށް ތަޖުރިބާ ކުރެއްވުމަށްފަހުގައެވެ.

ޑރ. އަހްމަދު ރިޔާޒް ޖައުހަރީ މަސައްކަތުގެ މާހައުލުގައި

އޭރުގެ ފިޝަރީޒް ސައިންސް ކަރިކިއުލަމަކީ ރާއްޖޭގެ މަސްވެރިކަން ކުދިންނަށް ތައާރަފް ކޮށްދިން، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރަން ތައްޔާރު ކުރި ސިލަބަހެކެވެ. އީޑީސީގެ ކަރިކިއުލަމް ސެކްޝަންގައި 17 އަހަރު މަސައްކަތް ކުރެއްވުމަށްފަހު 2008 ވަނަ އަހަރު ރިޔާޒް ވަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މެރިން ރިސާޗް ސެންޓަރު (އެމްއާރްސީ)އަށް ބަދަލުވެވަޑައިންފައެވެ.

"މަސްވެރިން ކުރާ ތަޖުރިބާގަ ބައިވެރިވެގެން ރިސާޗުތައް ހެދީ،" ރިޔާޒް ވިދާޅުވިއެވެ.

އެއަށްފަހު ރިޔާޒް ވަނީ އޮސްޓްރޭލިއާގައި މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައެވެ. އަދި މާސްޓާސް ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން ރިޔާޒް ވަނީ ވަރަށް ގިނަ ދިރާސާތަކެއް ކުރައްވާފައެވެ. އެ ދިރާސާތައް ކުރެއްވުމުގެ ތެރޭގައި ޕީއެޗްޑީ ހާސިލުކުރެއްވުމުގެ ފުރުސަތު ރިޔާޒަށް ލިބިވަޑައިގެންނެވިއެވެ. ރިޔާޒް ޕީއެޗްޑީ ހެއްދެވީ ފްރާންސްގެ މޮންޓްޕެލިއޭ ޔުނިވާސިޓީގައި ފަންކްޝަނަލް އިކޮލޮޖީގެ ދާއިރާއިންނެވެ.

"ޕީއެޗްޑިގައި ބޮޑަށް ފޯކަސްކުރީ ރާއްޖޭގައި ކަންކަން ހިނގާ ގޮތަށް. ރާއްޖޭގައި އަޅާފަ މިއޮންނަ ކަނދުފަތީގެ ވިއުގައިގައި މަސް ހިފެހެއްޓިފަ ހުންނަނީ ކިހާވަރަކަށްތޯ ބަލައިލުމުގެ ދިރާސާއެއް ހެދީ. އެއީ ދުވަހަކުވެސްކޮށްފަ އޮތް ދިރާސާއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ދަރިވަރުންތަކަކަށް ސެޝަނެއް ނަންގަވައިދެއްވަނީ

ރިޔާޒް ވިދާޅުވިގޮތުގައި ދިވެއްސަކަށް ވީތީ އެނގެންޖެހޭ ބައެއް މައުލޫމާތު ފިޝަރީޒް ސައިންސްގައި އެކުލެވިގެންވެއެވެ. އަދި ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސް ދަރިވަރުންނަށް އޮޕްޝަނެއްގެ ގޮތުގައި އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ރާއްޖެއަށް ބަލާއިރު މަސްވެރިކަމުގައި ޢިލްމު އުނގެނިގެން އުޅޭ ޒުވާނުންގެ އަދަދު މަދު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ބަދަލު ކުރެވިއްޖެނަމަ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ރިޔާޒް ފާހަގަކުރެއްވި ގޮތުގައި ޚަރަދު ކުޑަކޮށް، ޓެކްނޮލޮޖީގެ އެހީގައި އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސްވެރިކަން ކުރެވިއްޖެނަމަ ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބޭނެއެވެ.

ރިޔާޒް މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދިރޭ އެމުގެ މަސްވެރިކަމާ ގުޅޭ މަސައްކަތްތަކެވެ. ރިޔާޒްގެ އެންމެ ބޮޑު އެއް އުއްމީދަކީ މި ދާއިރާއިން އިތުރު ދިވެހިން ތައުލީމު ހާސިލުކޮށް ދާއިރާއަށް ޚިދުމަތް ކޮށްދޭނެ ދިވެހި ދަރިންތަކެއް އުފެދުމެވެ. ރިޔާޒްގެ މި ވާހަކަތަކުން ހިތްވަރު ލިބިގަނެ، ދާއިރާއިން ކުރިއަށް ދިއުމަށް އެތައް ބަޔަކަށް އުއްމީދު އާ ވާނެކަން ޔަގީނެވެ.

މަސްވެރިކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދެއްވުމަށްޓަކައި ރިޔާޒް ވަނީ ކޮލަމިސްޓެއްގެ ގޮތުގައި ސަން މީޑިއާއާ ގުޅިވަޑައިގެންފައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ވެސް ރިޔާޒްގެ ލިޔުއްވުމެއް ސަން އޮންލައިންއިން ފެނިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް