އިސްލާމް ދީނާއި ފެމިނިޒަމް

އަންހެނަކު ފަން ބޮޑިއަކާއި އިލޮށިފައްޗެއް ހިފައިން ހިނގާފަ ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އިސްލާމް ދީނަކީ އިންސާނީ ޙައްޤުތަކުގެ ދީނެވެ. އިސްލާމް ދީނަކީ އަންހެނުންގެ ޙައްޤުތަކުގެ ދީނެވެ. ހަމައެހެންމެ އިސްލާމް ދީނަކީ ޖަނަވާރުތަކުގެ ޙައްޤުތަކުގެ ދީން ވެސް މެއެވެ. މިކަންކަމާ އިންކާރުކޮށް ދެކޮޅުހެދުމަކީ، އިސްލާމީ ޝަރީޢަތަށް ނުވަތަ އެޝަރީޢަތުގެ ބަޔަކާއި ދެކޮޅުހެދުމެވެ. އެހެނީ މިކަމަށް އަމުރުކުރައްވާ އަންގަވާފައިވާ އާތަޔްތަކާއި، ޙަދީޡްތައް ވަރަށްވެސް ގިނަައެވެ. ނިސާއު ސޫރަތުގެ 127 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَيَسْتَفْتُونَكَ فِي النِّسَاءِ ۖ قُلِ اللَّهُ يُفْتِيكُمْ فِيهِنَّ) މާނައީ: "އަންހެނުންނާމެދު، ކަލޭގެފާނުގެ އަރިހުން އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް އެކަނބަލުންނާމެދު بيان ކޮށް ދެއްވަތެވެ."

އަންހެނުންނަށް ހެއުކޮށް ހިތުމަށާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށް ރަސޫލާ ﷺ ވަނީ ވަރަށް ގިނަގުނަ އިރުޝާދުތައް ދެއްވާފައެވެ. މިގޮތުން ޙައްޖަތުލް ވަދާޢުގެ ޚުތުބާގައި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެކަނބަލުންނަކީ ތިޔަބައިމީހުންނާ ﷲ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ ﷲގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަސިއްޔަތްކުރަމެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!"

ސުއާލަކީ އަންހެނުންގެ ޙައްޤުގެ މާނައާއި، ފެމިނިޒަމްގެ މާނައަކީ އެއްމާނައެއް ތޯއެވެ؟ މިކަންބަލައި ކަށަވަރުކުރުމަށްޓަކައި، ތާރީޚި ނަޒަރުން ބަލައި ތަޙްޤީޤުކުރަންޖެހެއެވެ. ގޫގުލް އެންގްރާމްގައި "ފެމިނިޒަމް" މިލަފުޒު ލިޔެ ބަލާލުމުން ފެންނަ ގޮތުގައި މިބަސް ބޭނުންކުރެވެން ފެށިފައިވަނީ މީލާދީން 18 ވަނަ ޤަރުނު ގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބަޔާންކުރާ ގޮތުގައި މިބަސް އެންމެ ފުރަތަމަ ބޭނުން ކުރެވެން ފެށީ 16 ނުވަތަ 17 ވަނަ ޤަރުނުގައެވެ.

ފެމިނިޒަމް ބަހަވީ ގޮތުން މާނަކުރެވިފައިވާ ގޮތުގައި އެއީ ޖިންސުގެ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ސިޔާސީ ހަމަހަމަކަމުގެ ފިކުރެކެވެ. ހުޅަނގުން މިޙަރަކާތް ފެށުނުނަމަވެސް، ފެމިނިޒަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާޅުވެ، އަންހެނުންގެ ހައްގުތަކާއި މަސްލަހަތުތަކަށް ހަރަކާތްތެރިވުމަށް ވަކާލާތުކުރާ އެކިއެކި މުއައްސަސާތަކުން ތަމްސީލުކުރާ ސިޔާސީ ޙަރަކާތެކެވެ.

ހުޅަނގުގެ ތާރީޚުގެ ބޮޑު ބައެއްގައި ގޭތެރޭގެ ދާއިރާއަށް އަންހެނުން ނިސްބަތްވިއިރު، އާންމު ދިރިއުޅުން ފިރިހެނުންނަށް ޚާއްޞަ ކުރެވުނެވެ. ހުޅަނގުގެ މެދު ޒަމާނުގައި އަންހެނުންނަށް މުދަލުގެ މިލްކުވެރިކަމާއި، ތަޢުލީމު އުނގެނުމުގެ އިތުރުން އާންމު ދިރިއުޅުމުގައި ބައިވެރިވުމުގެ ހައްގަށް އިންކާރު ކުރެވުނެވެ. 19 ވަނަ ޤަރުނުގެ ފަހުކޮޅު، ފްރާންސާއި، ޖަރުމަނާއި، އިންގްލެންޑް ފަދަ ހުޅަނގުގެ ޤައުމުތަކުގައި ފިރިމީހާއަށް އޭނާގެ އަނބިމީހާ ވިއްކުމުގެ ހައްގު ލިބިގެންވިއެވެ. 20 ވަނަ ޤަރުނުގެ ކުރީކޮޅުވެސް، ޔޫރަޕާއި އެމެރިކާގެ ބޮޑު ބައެއްގައިވެސް އަންހެނުންނަށް ވޯޓު ދިނުމާއި، ވިޔަފާރި ހިންގުމަށް ހުރަސްއެޅިއެވެ.

1640 – 1650 ގެ އަހަރު ތަކުގައި ހުޅަނގާއި، އެމެރިކާގައި އަންހެނުންނަށް ތަޢުލީމު ޙާޞިލްކުރުމަށް ހުރަސް އެޅިފައިވާތީ އެކަމަށް ފާޑުކިޔަން ފެށިފައިވެއެވެ. 1792 ވަނައަހަރު މެރީ ވޫލްސްޓަންކްރާފްޓް ގެ "އަ ވިންޑިކޭޝަން އޮފް ދަ ވުމެން" މި ފޮތް ވެގެން ދިޔައީ ފެމިނިޒަމްގެ ޙަރަކާތުގެ ފުރަތަމަ ރާޅުކަމުގައެވެ. މީގެ ފަހުން މިމަޢުޟޫޢުގައި ފްރާންސްގެ އިންގިލާބުގެ ދުވަސްވަރު ވަރަށް ގިނަ ފޮތްތައް ލިޔެވުނެވެ. މައިގަނޑު ދަޢުވާއަކީ ފިރިހެނުން ފަދައިން އަންހެނުންނަށް ބުއްދީގެ ޤާބިލުކަން ލިބިގެން ވާތީ ތަޢްލީމު ލިބުމުގެ ޙައްޤު އަންހެނުންނަށްވެސް ލިބިގެން ވާކަމަށް ގޮވާލުމެވެ. މީ ވަރަށް ބޮޑު ޙަޤީޤަތެއް ކަމުން މިކަމާ ބަޔަކު ދެކޮޅު ނުހަދައެވެ. މީގެ ފަހުން އުފެދިގެން އައީ "ޔުނިވާރސަލް ސަފަރޭޖް" ގެ ޙަރަކާތެވެ. އެއީ މައިގަނޑު ގޮތެއްގައި އަންހެނުން ނަށް ފިރިހެނުން ފަދައިން ވޯޓް ލުމުގެ ޙައްޤު ލިބިގެން ވާކަމަށް ގޮވާލާ ހިންގުނު ޙަރަކާތެވެ. މުސްލިމުންނަށް މިފަދަ މައްސަލައެއް ކުރިމަތި ވެފައެއް ނުވެއެވެ. އެހެނީ ޚިލާފަތުގެ ބަޢިއަތުގައި އަންހެނުންނާއި ފިރިހެނުން ބަޢިއަތު ހިފާފައި ވާތީއެވެ. މިތަނުގައި ފާހަގަ ކޮއްލަން ޖެހޭ ނުގުތާއަކީ ފެމިނިޒަމުގެ ފުރަތަމަ ރާޅުގެ ދަޢުވާއަކީ ޤަބޫލުކުރެވޭ ދަޢުވާއަކަށް ވީނަމަވެސް އެއީ ނަސްލީ އިމްތިޔާޒުގެ ޙަރަކާތެއް ކަމެވެ. ސަބަބަކަށް ވަނީ 1848 ގައި އެމެލީ ސްކެންޓަން "ސެނެކާ ފޯލްސް ކޮންފަރެސް" ގައި ދޮން މީހުންގެ ކަންކަން ނިންމުމުގައި ކަޅުމީހުން ވޯޓުލުމާ ދެކޮޅު ހެދިއެވެ. އަދި ހަމަ އެފަދައިން އެމެރިކާގެ ފުރަތަމަ އަންހެން ސެނެޓަރ ރޮބެކަރ ފެލްޓަން، ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެމެރިކާގެ ދޮން ނަސްލުގެ މީހުންގެ ނަސްލީ އިމްތިޔާޒަށް ގޮވާލާފައެވެ. އޭނާ ބުނާ ގޮތުގައި ކަޅުމީހުން ދޮންމީހުންގެ ކަންކަން ނިންމުމުގައި ވޯޓުލުން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭނެއެވެ. ފެމިނިޒަމްގެ ފުރަތަމަ ރާޅުގެ އަސާސަކީ އަންހެނުންގެ މައްްޗަށް ފިރިހެނުން ގަދަވެގަނެ އަނިޔާވެރި ވެފައިވާކަމުގެ ދަޢުވާއެވެ. މި ދަޢުވާއަކީ ޢާންމު ދަޢުވާއެއްކަމަށް ވާނަމަ، އެމެރިކާގައި ކަޅުނަސްލުގެ މީހުން އަންހެނުންގެ މައްޗަަށް ގަދަވެގަނެ އަނިޔާވެރިވެފައި ވާކަމަށް ބުނެވިދާނެހެއްޔެވެ؟ އަދި ކުރިން ފާހަގަ ކުރިފަދައިން ރޮބެކަރ ފެލްޓަން އަށް ކަޅު ނަސްލުގެ ފިރިހެނުންގެ ޙައްޤަށް އަރައި ނުގަނެވޭހެއްޔެވެ؟

1960 އާއި ’70 ގެ އަހަރުތަކުގެ ފެމިނިޒަމްގެ ދެވަނަ ރާޅު ގެ ނަޒަރިއްޔާތަކީ އަންހެނުންނާއި ފިރިހެނުންނަކީ ތަފާތު ބައެއްކަމަށް ބުނާ ނަޒަރިއްޔާއެކެވެ. މިގޮތުން ސިމޮން ޑި ބޯވަރ މިމައުޟޫޢުގައި ލިޔުއްވި "ސެކަންޑް ސެކްސް" ނަމަކަށްކިޔާ ފޮތް ފާހަގަ ކޮށްލެވެއެވެ. މީނާ ބުނާގޮތުގައި ފިރިހެނުންނާއި އަންހެނުން ނަފްސާނީ ގޮތުންނާއި، އުފެދުމުގެ ގޮތުންނާއި، ޢާޠިފީގޮތުން ތަފާތެވެ. ނަމަވެސް އަންހެނުންނާއި، ފިރިހެނުންނާމެދު މުޢާމަލާތްކުރަންޖެހެނީ އެއްފަދައަކުންނެވެ. ފުރަތަމަ ރާޅާ ހިލާފަށް، ދެވަނަ ރާޅުގައި އަންހެނުންނަށް ލިބޭ އަނިޔާވެރިކަމުގެ އަސްލާއި، ޖިންސުގެ ޠަބީޢަތާއި، އާއިލާގެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފާޅުކުރިއެވެ.

ފެމިނިޒަމްގެ ތިންވަނަ ރާޅު އުފެދުނީ 1990 ގެ އަހަރުތަކުގެ މެދުތެރޭގައެވެ. ފެމިނިޒަމްގެ ތިންވަނަ ރާޅުގެ ނަޒަރިއްޔާތަކީ ޖިންސް ކަނޑައަޅަނީ އަދި ބިނާކުރަނީ އިޖްތިމާޢީ ގޮތުން ކަމަށް ޤަބޫލުކުރުމެވެ. މިގޮތުން މިބައިމީހުން ޤަބޫލުކުރާ ގޮތުގައި އެއްޖިންސުން ގުޅުންހިންގާ އަންހެނުންނަކީ، އަންހެނުންނެއް ނޫނެވެ. އެއީ މުޅިން ވަކި ބައެެކެވެ. އަދި ހަމައެފަދައިން އަންހެން ޖިންސަށް ޖިންސް ބަދަލުކުރާ ފަރާތްތަކަކީ އަންހެނުންނެއް ނޫނެވެ. އަދި މިބައިމީހުންގެ ނަޒަރުގައި ރުހުމުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕްކުރުމަކަށް ނުވާފަދައިން "ޕޮނޮގްރަފީ" ގެ މަޤްޞަދުގައި އަންހެނަކު އަތަށް ބަޔަކުވެގެން ރޭޕް ކުރުމަކީ، ރޭޕް ކުރުމެއް ނޫނެވެ. މިނަޒަރިއްޔާތުތައް ސައިންސާއި ދުނިޔެވީ ޙަޤީގަތްތަކާއި ފުށުއަރައެވެ. މިގޮތުން ފެމިނިސްޓުން އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދޭން ފެށިއެވެ. އަދި މިބައިމީހުންގެ ނަޒަރިއްޔާތުތަކުގެ އަސާސްތައް އިންތިހާއަށް ފުށުއެރިއެވެ.

ވަރަށް ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި، ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމުގެ ސަގާފަތުގެ މައްސަލަތަކަށް އަމާޒުކުރެވިގެން 2012 ވަނަ އަހަރު ފެމިނިޒަމްގެ ހަތަރުވަނަ ރާޅެއް ފެށުނެވެ. މި އާ ރާޅު އުފެދުނީ ގިނަ އަދަދެއްގެ ހާދިސާތަކެއްގެ ތެރޭގައެވެ. ޑިސެމްބަރު 2012 ގައި އިންޑިއާގައި ޒުވާން އަންހެނަކު އަނިޔާވެރި ގޮތަކަށް ގޭންގަކުން ރޭޕްކޮށް އޭގެ ފަހުން އެކުއްޖާ މަރުވުމާގުޅިގެން މުޒާހަރާތަކާއި ބައިނަލްއަގްވާމީ ރުޅިވެރިކަން އުފެދިގެން ދިޔައެވެ. 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ވަނީ އަންހެނުންނާ ބެހޭ ގޮތުން ވަރަށްގިނަ ފުރައްސާރައިގެ ބަސްތައް އިއްވާފައެވެ.

ކޮންމެއަކަސް، މިދެންނެވި ފެމިނިސްޓުންގެ ނަޒަރިއްޔާތުތަކަށް ނަޒަރުހިންގާ ބަލާއިރު، އަޅުގަނޑުމެން މުސްލިމުން މިދެންނެވި ގޮވާލުންތަކާއި، ގޮވެލިތަކާއި އެއްވެސް ގުޅުމެއްނެތެވެ. ފުރަތަމަ ސަބަބަކީ، ޖިންސް ކަނޑައެޅުމުގައި ބައިލޮޖީގެ ޙަޤީޤަތްތަކަށް މުސްލިމުން ތަބަޢަވާތީއެވެ. ދެވަނަ ސަބަބަކީ، ފެމިނިޒަމްގެ ދެވަނަ ރާޅު، ދަރިމައިވުމަށް ހަމަލާ ދީފައިވުމެވެ. މިގޮތުން މިބައިމީހުން ދެކޭގޮތުގައި ބަލިވެ އިނުމާއި، މީހުނާއި ކައިވެނިކުރުމާއި، ބުރުގާއެޅުންފަދަ ކަންކަމަކީ އަންހެނުންގެ ޙައްޤު ގެއްލޭކަމެކެވެ. އަދި ދަރިން ބަލައި ތަރުބިއްޔަތުކުރުމަކީ، "ކޮންފޮޓަބަލް ކޮންސެންޓްރޭޝަން ކޭމްޕް" އެއްގައި އިނުންފަދަ ކަމެކެވެ. މިބައިމީހުންނަކީ ބަސްމަގުގައިވެސް އެއްވެސް ވަރަކަށް ތިލަފަތް ހަމަބައެއް ނޫނެވެ. އެހެނީ "ކޮންސެންޓްރޭޝަން ކޭމްޕް" އެއް އޭގެ ޠަބީޢަތުގައި "ކޮންފޮޓަބަލް" ނުވާނެތީއެވެ. ފެނިމިސްޓުން ހޯދުމަށް ގޮވާލާ އަސާސީ ޙައްޤުތަކަކީ، މީގެ 1400 އަހަރުގެ ކުރިން އިސްލާމް ދީނުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކެކެވެ. މިދެންނެވި ޙަޤީޤަތްތަކުގެ އިތުރުން 1929 ގައި ފެމިނިޒަމާބެހޭ ގޮތުން "ތްރީ ގިނީސް" ލިޔުއްވި މަޝްހޫރު ފެމިނިސްޓެއް ކަމަށްވާ ވެޖިނިއާ ވުލްފް ބަޔާންކުރާ ގޮތުގައި "ފެމިނިޒަމް" އަކީ މާނައެއްނެތް، ބޭކާރު، އަޚްލާޤީ ގޮތުން ފަސާދަ ވެފައިވާ ބަހެކެވެ. އެއީ މިބަހުގެ ސަބަބުން ނުވަތަ މިޙަރަކާތުގެ ސަބަބުން އަންހެނުންނާއި، ފިރިހެނުންްގެ މެދުގައި ދެކޮޅުވެރިކަން އުފައްދާތީއެވެ.

އަންހެނުންނާއި މެދު އިސްލާމް ދީނުގައި ޢަމަލު ކޮށްފައިވާ ގޮތުގެ ޢަމަލީ މިޘާލެއް މިތާނގައި ހިމަނާލަން ޤަސްދު ކުރަމެވެ. ޢުމަރުގެ ފާނުންގެ ޚިލާފަތުގައި، ޢިރާގު ފާރިސީންގެ އިސްތިޢުމާރުން މިނިވަން ކުރުމުގެ ހަނގުރާމައިގައި ފާރިސް ކަރައިގެ ރަސްގެފާނު ޔަޒްދުގަރުދު، އޭނަގެ ތިން އަންހެން ދަރިން ދޫކުރައްވައި ފިއްލެވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނަގެ ތިން އަމީރާއިން މުސްލިމުން އަސީރުންގެ ގޮތުގައި މަދީނާއަށް ގެނެވުނެވެ. މިކަމަކީ؛ އަމީރާއިންގެ ގޮތުގައި ތިއްބެވި ބަޔަކު އަލަށް އަސީރުންގެ ގޮތުގައި މުސްލިމުން ގެންނެވި ފުރަތަމަ ފަހަރަށްވާތީ، މަދީގެ މުސްލިމުންގެ މެދުގައި އެދުވަސްވަރު މިވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އަމީރާއިން ބެލެހެއްޓުމާއި ޙަވާވެ ވަޑައިގެންނެވީ، ޚުދު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. މި ތިން އަމީރާއިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި، އެކަނބަލުން އުޅެމުންއައި މުއްސަދިކަމުން މަޙްރޫމުވުމާއި، އަސީރާއިންނަށްވެ، އަޅުންގެ ގޮތުގައި ނުވަތަ ޖާރިއާއިންގެ ގޮތުގައި އެމީހުނާމެދު ޢަމަލުކޮށްފާނެކަމަށް ދެކެވުން ފަދަ ކަންކަމާމެދު ޢާއިޝަތުގެ ފާނުންގެ ގެ ކޮޅުގައި މި ތިން އަމީރާއިން ވާހަކަ ދައްވަނިކޮށް، ޢާއިޝަތުގެ ފާނުން ނުކުމެ ވަޑައިގެން ހިނިވަރުނަ ކުރައްވައި އެކަނބަލުންނަށް ވިދާޅުވިއެވެ. ﷲ ގަންދީ ވިދާޅުވަމެވެ. މިއަދުން ފެށިގެން ތިކަނބަލުންނަކީ މިނިވަނުންނެވެ. މުސްލިމުންގެ އުއްތަމަ ފަޑިޔާރު ޢަލީ ގެ ފާނު ވަނީ، ތި ކަނބަލުން މިނިވަން ކުރައްވާފައެވެ. މިއީ ޢަދުލު އިންސާފުގެ ތިލަފަތުގެ ތަރަހައިން ދުރު ވިސްނިވަޑައިގެން އިސްލާމް ދީނަށްޓަކައި ޢަލީގެ ފާނުން ނިންމެވި ވަރަށްވެސް މުހިއްމު ނިންމުމެކެވެ. މުޙައްމަދު ބުނު އަބޫބަކުރު އާއި ޢަބްދުﷲ ބުނު ޢުމަރު އާއި ޙުސައިން ބުނު ޢަލީ ވެސް މިކަމާއި ވާހަކަ ދެއްކެވިއެވެ. މިގޮތުން ޢާއިޝަތުގެ ފާނުން އެކަނބަލުންނާމެދު މުޢާމަލާތް ކުރައްވާގޮތް ރަނގަޅުކަމުގެ ވާހަކައާއި، ޢަލީގެ ފާނުންގެ ނިންމެވުމަށް ތަޢުރީފު ކުރައްވައި ވާހަކަ ދެއްކެވިއެވެ. އެއީ އިސްލާމް ދީނުގައިވާ އިޙްސާންތެރިކަމުގެ މިސާލު ދެއްކެވި ކަމަށްޓަކައެވެ. ޢާއިޝަތުގެ ފާނުންގެ ބޮޑުދައިތާ ފުޅު އަމީރާއިންނަށް ޚިދުމަތްކުރެއްވުމުގެ ތެރެއިން އުފެދުނު ގާތްކަމުގައި، މިކަބަލުން އެކަމަނާއަށް ދެންނެވިއެވެ. ޢާއިޝަތުގެފާނަކީ އުއްމުލް މުއުމިނީން އަށްވެފައި، އެކަމަނާ ކަންތައް ކުރައްވާގޮތުން ތިމަންމެން ވަރަށް ހައިރާންވެއްޖެއެވެ. އެއްވެސް ވަރަކަށް އިސްލާމް ދީނަށް އަޅުގަނޑުމެން ވެއްދުމަށް ބާރުއަޅުއްވާވެސް ނަހައްދަވައެވެ. މިހިނދު އެކަމަނާ ދެންނެވިއެވެ. އެކަން އެކަމަނާ ދައްކަވަނީ ތިކަބަލުންނަށް ކުރެވޭ މުޢާމަލާތުގެ ޢަމަލުންނެވެ. އެކަމާނެ ބަހަކުންނެއް ނޫނެވެ. މިހިނދު އެކަނބަލުން އިސްލާމް ވުމަށް ޝައުޤު ވެރިވާތީ، އިސްލާމް ވުމަށްޓަކައި ކަންކުރައްވަންޖެހޭ ކަންކަން އޮޅުން ފިއްލެވިއެވެ. އެހިނދު ޢާއިޝަތުގެ ފާނުންވެސް އެތަނަށް ވަޑައިގެން، އެކަމަނާގެ ކުރިފުޅުމަތީގައި މި ތިން އަމީރާއިން އިސްލާމް ދީން ޤަބޫލުކުރައްވައި އިސްލާމް ވެއްޖައޫއެވެ. އެކަނބަލުން އިސްލާމް ވުމަށްފަހު، މުސްލިމުންގެ މެދުގައި ޢާއްމު ދިރިއުޅުމަށް ބަދަލުވުމަށާއި، އެކަނބަލުންނަށް މިނިވަންކަން ދެއްވުމަށްޓަކައި ޢަމަލުކުރާނެ ގޮތަކާމެދު ޢަލީގެ ފާނުން، ޙުސައިނުގެ ފާނާއި، މުޙައްމަދު ބުނު އަބޫބަކުރު އާއި ޢަބްދުﷲ ބުނު ޢުމަރު އާއި ވާހަކަފުޅު ދެއްކެވިއެވެ. މިވާހަކަ ފުޅުގައި އެކަނބަލުން ނިކަމެތިކަމާއި، އަނިޔާވެރިކަން އިޙްސާސް ވެދާނެފަދަ ޙާލަތަކުން ދުރުކުރުމަށްޓަކައި، މުސްލިމުންގެ ތެރެއިން ކަންވޮށިވެގެންވާ ފަރާތްތަކުގެ ދަރިންނާއި އެކަނބަލުން ކައިވެނި ކުރެއްވުމުގެ މުހިއްމުކަމާމެދު މި ތިން ބޭކަލުންނަށް ޢަލީގެ ފާނުން ދެންނެވިއެވެ. ފަހުން މި ތިން ބޭފުޅުން، ތިން އަމީރާއިންނާއި، ކައިވެނިފުޅު ބައްލަވައިގަތެވެ. މިކައިވެނީގެ ތެރެއިން މުޙައްމަދު ބުނު އަބޫބަކުރަށް ލިބިވަޑައިގެންނެވި ބޭފުޅާއަށް، "އަލްޤާސިމް" ގެ ނަން ދެއްވިއެވެ. ޢަބްދުﷲ ބުނު ޢުމަރަށް ލިބިވަޑައިގެންނެވި ދަރިކަލުންނަށް "ސާލިމް" ގެ ނަން ދެއްވިއެވެ. އަދި ޙުސައިން ބުނު ޢަލީ އަށް ލިބިވަޑައިގެންނެވި ދަރިކަލުންނަށް "ޒައިނުލްޢާބިދީން" ގެ ނަން ދެއްވިއެވެ. ފަހުން މިތިން ބޭފުޅުން ވެ ވަޑައިގެންނެވީ ޢިލްމާއި ފިޤުހުގައި އަރާތިއްބެވި ޢިލްމީ މުފައްކިރުންގެ ގޮތުގައެވެ.

ނިސާއު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِن فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ."

އަންހެނުންނާއި ފިރިހެނުން ލައްވާފައިވަނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ ފަރާތުން އަރާމާއި، އަޅާލުމާއި، ކުލުނާއި، ލޯބި ލިބިގަންނަ ބައެއްގެ ގޮތުގައެވެ. އެއްވެސް ޙާލެއްގައި، ދެކޮޅުވެރިވެ ވާދަވެރިވާ ބައެއްގެ ގޮތުގައެއް ނޫނެވެ. ފެމިނިޒަމް އަކީ މޫނު އަނދިރި، ހައްދު ފަހަނަޅާފައިވާ ޙަރަކާތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް