ޔުނައިޓެޑުން ބޭނުންވާ ކުޅުންތެރިންގެ ލިސްޓު އިތުރު ވަނީ، ރެބިއޮޓް ވެސް އެ ލިސްޓަށް

ޔުވެންޓަސްގެ އެންޑްރިއަން ރެބިއޮޓް---

މެންޗެސްޓާ ޔުނިއިޓެޑުން އެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓަށް ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއާން ރެބިއޮޓް ވެސް އިތުރުވެއްޖެވެ.

ކޮންމެ އަހަރަކު ވެސް ސީޒަން ނިމުމުން ޔުނައިޓެޑަކީ އަނެއް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކަކަށް ފާރަލާ ޓީމެކެވެ.

މިމަހުގެ 10 ވަނަ ދުވަހު ޓްރާންސްފާ މާކެޓު ހުޅުނުވުނު ފަހުން ވެސް އެ ޓީމުން ދަނީ ގިނަ ކުޅުންތެރިންތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުވެންޓަސްގެ ރެބިއޮޓް ވެސް ހިމެނެއެވެ.

ޔުވެންޓަސްއިން މި ޓްރާންސްފާ މާކެޓުގައި ދޫކޮށްލާނެ ކުޅުންތެރިންގެ ތެރޭގައި ރެބިއޮޓް ހިމެނުމުން ޔުނައިޓެޑުގެ އިތުރުން ޗެލްސީއާ އަދި އެހެން ގިނަ ކުލަބު ތަކަކުން ދަނީ އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ.

އުމުރުން 27 އަހަރުގެ ރެބިއޮޓް ޔުވެންޓަސްއާ ގުޅުނީ 2019 ވަނަ އަހަރުގައެވެ. އޭގެކުރިން، 2012 ވަނަ އަހަރުން ފެށިގެން އޭނާ ކުޅުނީ ޕީއެސްޖީއަށެވެ. ޔުވެންޓަސްއާ ގުޅުމަށްފަހު އެ ޓީމަށް ރެބިއޮޓް ވަނީ 94 މެޗު ކުޅެދީ ފަސް ގޯލުޖަހައިދީފައެވެ.

ރެބިއޮޓާއެކު ޔުނައިޓެޑުން ދަނީ ބާސެލޯނާގެ ފްރެންކީ ޑިޔޯންގާއި އަޔެކްސްގެ ޖޫރިއަން ޓިމްބާގެ އިތުރުން ކްރިސްޓިއަން އެރިކްސަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ވެސް އަދި ވެސް ގިނަ ކުޅުންތެރިންނަކަށް އެ ޓީމުން ދަނީ ފާރަލަމުންނެވެ.

ނަމަވެސް މި ޓްރާންސްފާ މާކެޓުގައި އެ ޓީމާ ވާދަވެރި ގިނަ ކުލަބުތަކުން ކުޅުންތެރިންގެ ސޮއި ހޯދާއިރު ޔުނައިޓެޑަށް އަދި އެއްވެސް ކުޅުންތެރިއަކާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

comment ކޮމެންޓް