ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ށ. ފުނަދޫގެ ބިން ހިއްކުމުގެ މަަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުނަދޫ ސުކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ ފުނަދޫގެ ތަރައްޤީއަށް މުހިންމު ބައެއް މަޝްރޫއުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާކަމަށާއި ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުނަދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެއްނެވުމަށް ޓަކައި ނުކުމެ ތިބި އެރަށުގެ ރައްޔިތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ތައުލީމީ ސިޔާސަތު ކުރިއަށްގެންދާ ގޮތުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެގޮތުން މިހާރު ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުންކަމާއި މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހިލޭ ޑިގްރީއާ އަދި ރާއްޖޭން ބޭރުން ކިޔެވުމަށް ސަރުކާރުން ފުރުސަތުތައް އިތުރުކޮށްދެއްވާފައިވާ މައިގަނޑު އަމާޒަކީ ވެސް ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާ ކުރުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފުނަދުއަށް ވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

"ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖްތަމައާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ހާލަތާ އެ ހާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ،" ފުނަދޫ ސުކޫލުގެ ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މުޅި ރާއްޖޭގެ ސުކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ތައުލީމީ ދާއިރާއަށް ސަރުކާރުން ގެންނަވަމުން އަންނަ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ސުކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ރާވާފައިވާ 203 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށްދާކަމާ އަދި މިދިޔަ މަހުން ފެށައިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނައި ހެޔޮ ބަދަލުތައް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފުނަދުއަށް ވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ފުނަދޫ ސުކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިއަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުނަދޫ ސުކޫލުގެ މުހިންމު ބައެއް ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ސުކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސުކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެވެ. އަދި ނިމިދިޔަ ދިރާސީ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސުކޫލުން ހޯދާފައިވާ ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފުނަދުއަށް ވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

ފުނަދޫ ސުކޫލުގައި ރައީސް ދެއްކެވި ވާހަކަފުޅާ ބެހޭގޮތުން ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް، "ސަން"އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ އެ ރަށުގެ ކައުންސިލާ ކަމަށެވެ. އެއަށްފަހު، ށ. އަތޮޅުގެ ސިއްހީ މަރުކަޒު ތަކަށް އެޕޮއިންޓް ކުރައްވާފައި ތިއްބެވި، ބޭފުޅުންނާއި ހޮސްޕިޓަލު ތަކުގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ފުނަދޫ ހިމެނޭ ގޮތަށް ޖުމުލު 15 ރަށުގެ ބެފުޅުންނާ ރައީސް ބައްދަލު ކުރެއްވިކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އެ ބައްދަލު ކުރެއްވުން ތަކުގައި އެ ރަށްރަށުގެ ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އެމަނިކުފާނަށް ދެންނެވި ކަމަށެވެ.

"މިސާލަކަށް ބޭނުންވާ ބައެއް ބޭސްތައް ނުލިބެތާ އެތައް އަހަރެއް ވެފައި އެބަހުއްޓޭ. އެކަންކަން ތަންކޮޅެއް ގާތުން ބައްލަވާދެއްވާށޭ ދެންނެވި. ސިއްހީ ދާއިރާގައި ރަނގަޅު ކުރާން ހުރި ކަންތަކުގެ ވާހަކައިގެ ތެރޭގައި އެބޭފުޅުންގެ އަތުގައި ހުންނަ ބޭހާއި ހޮސްޕިޓަލުގައި މަރުކަޒު ތަކަށް ބޭނުންކުރާ ބައެއް ކަހަލަ ތަކެތި ލިބުން ދަތިކަމުގެ ވާހަކަ ފާހަގަ ކުރެއްވި،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް، އެ ވާހަކަތައް އަޑު އެއްސެވުމަށްފަހު، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ރޭގެ ޖަލްސާގައި، ރައީސް ވަނީ ފުނަދޫ ސުކޫލު އުފައްދައި އެ ސުކޫލަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ފުނަދޫ ސުކޫލުގެ ރަންޔޫބީލް ޝަރަފުގެެ ފިލާ ލިބިވަޑައިގެންނެވީ އެ ސުކޫލުގެ ބާނީ ފުނަދޫ އަލިވާގޭ މަރްޙޫމް ޢަބުދުﷲ ޢަބުދުލް ކަރީމަށާއި މަކުތަބުގެ މުދައްރިސް ޢަބުދުލް ހާދީ ޔޫސުފަށެވެ.

މީގެ އިތުރުން ސުކޫލަށް 15 އަހަރާއި 19 އަހަރާ ދެމެދު ޚިދުމަތްކުރެއްވި ބޭފުޅުންނާއި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ފުނަދޫ ސުކޫލް އުފައްދާފައި ވަނީ މަކުތަބުލް މުނީރުގެ ނަމުގައި 1972 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް