ފައްޔާޒު ނަޝީދަށް: ދުޝްމަނުންނަށް ހިތްވަރު ނުދީ

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒު -- ފޮޓޯ

ގައުމު ފުނޑުފުނޑު ކޮށްލައިގެން ނަމަވެސް ސަރުކާރު ވައްޓާލުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހުންނަށް ހިތްވަރު ނުދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން އިދިކޮޅު ޕާޓީތަކުން ދައްކަމުންދާ ވާހަކައާ ގުޅިގެން ފައްޔާޒް ވިދާޅުވެފައި ވަނީ ސަރުކާރާ ދެކޮޅު މީހުން ހަގީގަތެއް ނެތް ވާހަކަ ދައްކަމުން ގޮސް އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުންނަށް ހިތްވަރު ނުދިނުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.

ފައްޔާޒު އެހެން ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވާތީއެވެ.

"އެއްވެސް ސެޝަންއެއްގައި ހިސާބު އަކުރެއް ނުފެންނާތީ އަދި ކަންބޮޑުވުން އިތުރުވަނީ،" ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވެފައިވެއެވެ.

އެ ވާހަކަފުޅަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ހިސާބު އަދަދުތަކާއެކު އާދީއްތަ ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ރާއްޖެއިން ދަރަނި ރީސްޓްރަކްޗާ ކުރިނަމަ ބޭރުގެ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލި، ލޯން ދޭން ޖެހިލުންވީސް ކަމަށް މިނިސްޓަރު އަމީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ލޯންގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމަށް މަސައްކަތް ކުރުމާއެކު، ދައްކަން ޖެހޭ ލޯންގެ މުއްދަތު ދިގު ކުރުމަށް މަސައްކަތް ކުރިނަމަ ލޯން ދޭ މީހުން ރާއްޖެއަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން ނެގި ދަރަނީގެ ސަބަބުން މިއަދު އިގްތިޞާދީ ދުވެލި ރަނގަޅަށް ކުރިއަށް ދާކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސަބަބުން ގައުމުގެ ހާލަތު ރަނގަޅު ވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް