9 މީހުންނާއެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަނދަނީ

ރޯވި ސަފާރީ --- ފޮޓޯ/ އެމްއެންޑީއެފް

ނުވަ މީހުންނާއި އެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އަލިފާން ރޯވެފައިވަނީ މިރޭ 22:51 ހާއިރު ކ. ގާފަރާ ދިމާ 13 މޭލު ހުޅަނގުން ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޖުމްލަ ނުވަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީގައި ހިމެނެނީ ތިން ފަތުރުވެރިންނާއި ހަ ފަޅުވެރިންނެވެ.

ރޯވި ސަފާރި ދަތުރުކުރަމުން ދިޔަ ސަރަޚައްދު --- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ މަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ފަޔަރު ލޯންޗާއި ހާބަކްރާފްޓް ލޯންޗުގެ އިތުރުން ސީ އެމްބިއުލާންސުން މީހުން ސަލާމަތް ކުރުމަށް ހަރަކާތް ތެރިވަމުންދާކަމަށެވެ.

މިހާރު ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮހާލުގައި ކަމަށާއި ޑައިވިން ދޯނީގައި ތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު ދަނީ ގާފަރަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް