މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކޮށްދޭ މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ފެބްރުއަރީ 15، 2021: ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކޮށްދިނުމަށް ހަދާފައިވާ ގާނޫނު، މަދަނީ އިޖުރާއަތުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 'މަދަނީ އިޖުރާއަތުގެ ބިލު'، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16ގައެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ ހަ މަސް ފަހުންނެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރާނެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ ޢާންމު އުސޫލުތައް ބަޔާންކޮށްދޭ ގާނޫނެކެވެ.

އެ ގާނޫނުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ ހުރިހާ ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. ނަމަވެސް އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާ އެކު އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ވަނީ ކޮށްފައެވެ.

ގާނޫނުން އަލަށް ތައާރުފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ކޮށްފައިވަނީ ޖުޑިޝަރީގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ގަނޫނީ ވަކީލުންގެ ބައިވެރިވުމާ އެކުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް