ހިޔާ ފުލެޓުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް: ހިޔާ ފުލެޓުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި ކުރެވޭންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކުގެ ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހް ކުރުމަށް ޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ މޭޒުކޮޅަށް އެންމެ ގިނައިން އަންނަނީ ހިޔާ ފުލެޓުގެ ކުލި ބޮޑު ކަމުގެ ޝަކުވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފޭހުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި ދޭން ބޭނުންވާ ޚިދުމަތްތަކާ ގުޅުވައިގެން އަންނަ ޝަކުވާތައް ވަރަށް ކައިރިން ބައްލަވާ ކަމަށެވެ.

"ރައީސް އޮފީހަށް އަންނަ އެކިއެކި ޝަކުވާތައް ވީހާ ވެސް ކައިރިން ބެލުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްވެ، އިންނަވައި އަދި މިނިސްޓަރު ސަމީރު[ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު] އެކުލެވޭ ގޮތަށް ދުވަހުން ދުވަހަށް މި ފުލެޓު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އަޑުއަހާ އަޅުގަނޑާ މަޝްވަރާ ކުރަމުން ގެންދޭ،" ރައީސް ވިދާޅުވިއެވެ.

"މި ގޮތުން މި ދެންނެވި ގޮތަށް މި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހުރިހާ ޝަކުވާތަކެއް ބަލައި އެއަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ހިޔާ ފުލެޓުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ފޭހަށް ބޭނުންވާނޭ ޚިދުމަތައްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދިިރިއުޅޭ އާއިލާ ތަކުގެ ދަރީންނަށް ތައުލީމު ފޯރުކޮށްދިނުމަށް ޓަކައި ސުކޫލުތައް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދާކަން ފާހަގަ ކުރެއްވިއެވެ.

"ދެވަނަ ފޭސްގައި އަށް ސުކޫލަކާއި އިތުރު ދެ ޕްރީ ސުކޫލެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. އޭގެ ތެރެއިން އެއް ސުކޫލާއި ދެ ޕްރީ ސުކޫލުގެ މަސައްކަތް ނިމި މިހާރު އެވަނީ ހުޅުވާފަ. އަދި މިވަގުތު ކުރިއަށްދާ ސަލާހުއްދީން ސުކޫލުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ހުޅުވި ކުދީންނަށް ސުކޫލަށް ދެވޭވަރު ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ދެ ޕްރީ ސުކޫލު އަންނަ އަހަރުގެ އޯގަސްޓް މަސް ތެރެއަށް ނިންމާ ޚިދުމަތް ދެވޭވަރު ވާނެ،" ރައީސް ވިދާޅުވިއެވެ.

ހިޔާ ސަރަހައްދުގައި ސަރުކާރުން އަޅާފައިވާ ވަގުތީ ދެ މިސްކިތާއި އަމިއްލަ ފަރާތަކުން އަޅާފައިވާ ދެ މިސްކިތެއް ބޭނުން ކުރަމުން މިހާރު ވެސް އަންނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ 3،000 މީހުންގެ ޖާގައިގެ އިތުރު މިސްކިތެއް އެޅުމުގެ މަސައްކަތް މިވަގުތު ކުރިއަށް އެބަދާ ކަމަށެވެ.

މީގެ އިތުރުން ހިޔާ ފުލެޓުތަކަށް ސިއްހީ ޚިދުމަތް ފަހިކޮށްދިނުމަށް ޓަކައި ތިން ކުލިނިކަކާ ތިން ފާމަސީއެއްގެ ޚިދުމަތް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ފޭހުގައި އިތުރު ހޮސްޕިޓަލާ އިތުރު ސިއްހީ ޚިދުމަތްތައް ލިބޭނޭ އިންތިޒާމު، ގާއިމު ކުރުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން އަންނަނީ އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމީއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތަކީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދޭ ކަމެއް ކަމަށާއި އެގޮތުން އެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެޗްޑީސީން ނިންމާފައިވަނީ ފުލެޓުތަކަށް ފައިސާ ދައްކައި ޚަލާސްކުރުމަށް 25 އަހަރަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތަށެވެ. މީގެ އިތުރުން މެއިންޓެނެންސް ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ނަގައެވެ.

ހިޔާ ފުލެޓު ލިބުނު މީހުންނަށް މި ސަރުކާރުން ފުލެޓު ހަވާލުކުރީ އެ ތަންތަނުގެ ފިނިޝިން މަސައްކަތްތައް ވެސް ނުނިންމައެވެ. އެހެންވެގެން ފްލެޓް ލިބުނު މީހުންނަށް ޖެހުނީ ދޮރު ހަރުކުރުމާއި ތަށިމުށި ޖެހުމާއި ލައިޓް، އަދި ފަންކާ ހަރު ކުރުން ފަދަ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކުރާށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި، ގެދޮރުވެރި ކުރުވުމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެމަނިކުފާނުގެ ސަރުކާރުން 5،600 ރުފިޔާއަށް ކުލި ދައްކާ ގޮތަށް ނިންމާފައިވަނީ އެމީހެއްގެ ފްލެޓު އެމީހަކު ބޭނުންވާ ގޮތަކަށް ޑިޒައިން ވެސް ކޮށްދިނުމަށްފަހުއެވެ.

comment ކޮމެންޓް