އަމާންކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ފޭދޫން ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ފޭދޫގައި އަމަންއަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފިއެވެ.

އެމީހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. އެއީ މިމަހުގެ ފުރަތަމަ ދުވަހު ފޭދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލި ފަހުންނެވެ.

އޭރު ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ދެ މީހަކާއި އުމުރުން 29 އަހަރުގެ މީހެކެވެ.

އެ ތިން މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކޯޓުން ފަސް ދުވަސް ދިން ނަމަވެސް އެ މުއްދަތު ހަމަވުމުން ކޯޓުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމަހުގެ އެއްވަނަ ދުވަހު ފޭދޫގައި ހިންގި މާރާމާރީގައި މަރުވީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.

އައްޑޫ ސިޓީގައި މާރާމާރިތައް އިތުރުވާތީ އައްޑޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އަމާންކަން ގާއިމްކޮށްދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ އިތުރުން އައްޑޫގައި މަސްތުވާތަކެތީގެ މައްސަލައާއި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

comment ކޮމެންޓް