އިލޯން މަސްކް ޓްވިޓާގެ މުވައްޒަފުންނާ ބައްދަލުކުރަނީ

ޓެސްލާގެ ސީއީއޯ އިލޯން މަސްކް -- ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓްވިޓާ ގަންނަން ނިންމާފައިވާ އިލޯން މަސްކު އެ ކުންފުނީގެ މުވައްޒަފުންނާއެކު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މާދަމާ އޮންލައިންކޮން ބާއްވަން ހަމަޖެހިފައިވާ އެ ބައްދަލުވުން ވެގެންދާނީ އިލޯން މަސްކު ޓްވިޓާ ގަންނަން އެއްބަސްވި ފަހުން އެ ކުންފުނީގެ މުވައްޒަފުންނާއެކު ބާއްވާ ފުރަތަމަ ބައްދަލުވުމަށެެވެ. ސީއެންއެން ބިޒްނަސްއިން ބުނާގޮތުގައި އެ ބައްދަލުވުމުގައި އިލޯން މަސްކު ޓުވިޓާގެ މުވައްޒަފުންނަށް ސުވާލުކުރުމަށް ފުރުސަތު ދޭނެއެވެ.

މިއަހަރު އޭޕްރީލް މަހު، ޓްވިޓާ ގަންނާނެކަން އިއުލާނުކުރުމަށް ފަހުން އިލޯން މަސްކު ވަނީ އެ ކުންފުނީގެ ސީއީއޯ ޕަރަގް އަގްރަވާލް އާއި ބޯޑް ޗެއާ ބްރެޓް ޓެއިލާއާ ބައްދަލުކޮށްފައެވެ.

މާދަން ބާއްވަން ހަމަހިފައިވާ ބައްދަލުވުމުގައި މަސްކްއާ އެއްވެސް ސުވާލެއް ކުރަން މުވައްޒަފުން ބޭނުންވާ ނަމަ، އެ ބައްދަލުވުމުގެ ކުރިން ސުވާލުތައް ފޮނުވުމަށް ޕަރަގް އަގަރްވާލް މިދިޔަ ހޯމަ ދުވަހު އީމެއިލް މެދުވެރިކޮށް މުވައްޒަފުންނަށް އަންގައިފައެވެ.

ޓްވިޓާ ގަތުމުގެ މަސައްކަތްތައް މަސްކް މަޑުޖައްސާލާފައި ވަނީ އެ ޕްލެޓްފޯމުގައި ހަރަކާތްތެރިވާ ސްޕޭމް ބޮޓްތަކުގެ އަދަދާ ބެހޭ އިތުރު ތަފްސީލު ލިބެންދެން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޓްވިޓާ ގަންނަން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޓްވިޓާގައި ހަރަކާތްތެރިވާ ފޭކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ނުދީފި ނަމަ، އެ އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމުގެ އިންޒާރު މަސްކް ވަނީ ދީފައެވެ.

comment ކޮމެންޓް