ހުޅަނގުން އަވަސްގޮތަކަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް ޔުކްރެއިން އެދިއްޖެ

ޔުކްރެއިން ހަނގުރާމަ

ލަންޑަން (15 ޖޫން 2022): ހުޅަނގުގެ ބަރު ހަތިޔާރު އަވަސް ގޮތަކަށް ނުލިބިއްޖެނަމަ ޔޫކްރެއިންގެ ދޮންބާސް ސަރަހައްދުގައި ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ސިޓީކަމަށްވާ ސިއެވެރޯދޮނިއެކްސް ރަޝިއާގެ އަތްދަށަށް ލަހެއްނުވެ ދާނެކަމަށް ޔުކްރެއިންގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ދޮންބާސްގެ މަސްއޫލުވެރިއެއްކަމަށްވާ ސާގީ ގައިދާއި ވިދާޅުވިގޮތުގައި ހުޅަނގުގެ ބަރުހަތިޔާރު އަވަސްގޮތަކަށް ލިބިއްޖެނަމަ ސިއެވެރޯދޮނިއެކްސް ހިފުމަށް ކުރާ ހަނގުރާމައިގާ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެއެވެ. އަދި އެސިޓީ ހިފުމަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމައަށް ހުރަސްއެޅިދާނެއެވެ. ނަމަވެސް ސާގީ ވިދާޅުވިގޮތުގައި ހުޅަނގުގެ ބަރުހަތިޔާރު ލިބުން ލަސްވެއްޖެނަމަ ރަޝިއާއިން ލަސްތަކެއްނުވެ ސިއެވެރޯދޮނިއެކްސް އެއްކޮށް އަތްދަށުލާނެއެވެ.

ދުންބާސްގެ މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީވެސްވަނީ ޔުކްރެއިންއަށް އަވަސްގޮތަކަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއަށާއި ޔޫރަޕްގެ ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޖަރުމަނުން މިހާރުވަނީ އެގައުމުން އުފައްދާ ހޮވިޓްޒަރ މަރުކާގެ ބަރުހަތިޔާރުގެ އައު ޝިޕްމަންޓެއް ޔުކްރެއިންއަށް ފޮނުވާފައެވެ. މި ޝިޕްމަންޓްގައި 40 ކިލޯމީޓަރުގެ ދުރަށް ހަމަލާދެވޭ ރޮކެޓުގެ އިތުރުން ބަޑިއާއި އެނޫންވެސް ބަރުހަތިޔާރު ހުރިކަމަށްވެއެވެ. ޖަރުމަނުގެ ދިފާއީ ވުޒާރާ ބުނާގޮތުން ޖަރުމަނު ސިފައިން ވަނީ އެހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނު ޔުކްރެއިން ސިފައިންނަށް ދޭންފަށާފައެވެ.

ނަމަވެސް ޔުކްރެއިން ސިފައިން ބޭނުންވާ ހަތިޔާރުގެ އަދަދަށް ބަލާއިރު ޖަރުމަނުން ފޮނުވާފައިވަނީ މަދު އަދަދެއްގެ ހަތިޔާރުކަމަށްވެއެވެ.

ޔުކްރެއިންގައި ރަޝިއާ ކޮންޓްރޯލް ކުރާ ސަރަހައްދުތައް ރަތްކޮށް

ޔުކްރެއިންގެ ދިފާއީ ވުޒާރާ ބުނާގޮތުން ދުންބާސްގެ ސިޓީއެއް ކަމަށްވާ ސިއެވެރޯދޮނިއެކްސްގެ ބިމުގެ 70 އިންސައްތަ މިހާރުވަނީ ރަޝިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އެސަރަހައްދުގައި އޮންނަ ކޯރު ހުރަސްކޮށް ސިއެވެރޯދޮނިއެކްސްއަށް ދަތުރުކުރުމަށް ހަދާފައިވާ ބްރިޖުތަކުގެ ތެރެއިން އެންމެ ފަހުގެ ބުރިޖުވެސް، ރަޝިއާ ސިފައިން މިހާރުވަނީ ގޮއްވާލާފައެވެ.

ސިއެވެރޯދޮނިއެކްސްއަކީ ޔުކްރެއިންގެ ދުންބާސް ސަރަހައްދުގައި ރަޝިއާގެ އަތްދަށަށް އެއްކޮށް ނުގޮސް އޮތް ހަމައެކަނި ސިޓީއެވެ.

ދުންބާސް ސަރަހައްދުގައި ހަނގުރާމަކުރާ ރަޝިއާގެ ލަޝްކަރުތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ރަޝިއާގެ އިސްލާމީ ޖުމްހޫރިއްޔަތެއް ކަމަށްވާ ޗެޗްނިޔާގެ މުސްލިމް ހަނގުރާމަވެރިންނެވެ. ދުންބާސްގައި ޔުކްރެއިންގެ ނާޒީ ފިކުރުގެ ހަނގުރާމަވެރިން ބަލިކޮށްލުމުގައިވެސް އިސް ދައުރެއް އަދާކުރީ ޗެޗްނިޔާގެ މުސްލިމް ހަނގުރާމަވެރިންނެވެ.

ރަޝިއާގެ ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރޭނަށް ފޮނުވާފައިވާ ހަތިޔާރު ބަހައްޓާ ގުދަންތައް ހިމެނެއެވެ. ރަޝިއާ ބުނާގޮތުން ދާދިފަހުން އެގައުމުން ވަނީ ހުޅަނގުން ޔުކްރެއިންއަށް ފޮނުވި ގިނަ ހަތިޔާރުތަކެއް ހަލާކުކޮށްލާފައެވެ. ޔުކްރެއިން ހަތިޔާރަށް ޖެހޭ ގޮތްވީ ހުޅަނގުން ފޮނުވާ ހަތިޔާރުގެ ސަޕްލައި ޗެއިންއަށް ރަޝިއާއިން ހަމަލާދޭތީ ކަމަށް ރަޝިއާ ދެކެއެވެ. ނަމަވެސް ރަޝިއާގެ ހަމަލާތަކުގައި ހުޅަނގުގެ ހަތިޔާރުތައް ހަލާކުވާކަމަށް ޔުކްރެއިން އެއްބަހެއް ނުވެއެވެ.

comment ކޮމެންޓް