ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެމްއެންޕީން މަޖިލީހަށް ހުށަހަޅައިފި

މެމްބަރު އަހުމަދުު އުޝާމް -- ސަންފޮޓޯ/ ނާއިލް ހުސައިން

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓުވުމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ އިސްލާހު އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދުު އުޝާމެވެ.

އުޝާމް "ސަން"އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރަކީ ސައްހަ ދަފްތަރެއް ނޫންކަމަށާއި ސައްހަ ނޫން ދަފްތަރެއްގެ މައްޗަށް ބިނާކޮށް ސަރުކާރުގެ ބަޖެޓުން އެ ޕާޓީތަކަށް ފައިސާދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ.

''ސިޔާސީ ޕާޓީތަކުގެ ދަފްތަރަކީ ސައްހަ ދަފްތަރެއްނޫން. ހުރިހާ ޕާޓީތަކުންވެސް އެ ދަފްތަރާ ގުޅޭގޮތުން އަބަދުވެސް ޝަކުވާކޮށްކޮށް މި ތިބެނީ. އެހެންކަމުން، ސައްޙަނޫން ދަފްތަރެއްގެ މައްޗަށް ބިނާކޮށް ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ އުސޫލެއް ކަމަކަށް ގަބޫލެއްނުކުރަން،'' އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށްޓަކައި ފައިސާ ދިނުމަކީ ވެސް ރަނގަޅު ގޮތެއްނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ފައިސާ ހޯދާނީ އެޕާޓީއަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

''އެހެންވީމާ ދައުލަތުގެ ބަޖެޓުން އެ ފައިސާ ދިނުމަށް ތާއީދު ނުކުރާތީ، މި އިސްލާހު މި ހުށަހެޅީ،'' އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަވާން ޖެހޭނެ ކަމަށާއި އެ އަދަދަށް މެންބަރުން ހަމަ ނުވާ ޕާޓީތައް އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާވެސް އުވާލަން އިސްލާހުގައި ހިމަނާފައިވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެމްއެންޕީގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާކީ ކުރެވޭ ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭންޖެހޭނެއެވެ.

މިއަހަރު އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެއީ 15.02 މިލިއަން ރުފިޔާއެވެ. އިދިކޮޅު ޕީޕީއެމްއަށް ދީފައިވަނީ 9.4 މިލިއަން ރުފިޔާއެވެ. އަދި ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ 5.5 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް