މަނަދޫ ހޮސްޕިޓަލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިމަހު ބީލަމަށް ލާނަން: މިނިސްޓަރު

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް--- ފޮޓޯ/ ރައީސް އޮފީސް

ނ. މަނަދޫ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން، މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ބީލަމަށް ލާން ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އެ ހޮސްޕިޓަލުގެ މަސައްކަތް ލަސްވަނީ ކީއްވެތޯ އެއްސެވި ސުވާލަށް މިނިސްޓަރު ނަސީމް ވަނީ ލިޔުމުން ޖަވާބު ދެއްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު ޓެންޑާ ކުރުމުން އެކަން ކުރުމަށް ހުށަހަޅާފައިވަނީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުގެންދެވިފައިވަނީ އަގުތައް ބޮޑުވުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ބެންކް އޮފް މޯލްޑިވެސްގެ ފައިނޭންސްގެ ދަށުން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖޫން މަސް ނިމުމުގެ ކުރިން ޓެންޑާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަނަދޫ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ހޮސްޕިޓަލުގައި ހަ އޯޕީޑީ ރޫމް އަދި ލެބޯޓްރީއެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް