މާލޭގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ނުގެންދެވި، މޭޔަރަށް ގޮތް ހުސްވެއްޖެ!

މާލޭގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު، "ސަން"އަށް އިންޓަވިއު ދެއްވަނީ --

މާލޭގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރިމަގެއް ފެނިފައި ނުވާތީ، ގޮތް ހުސްވެއްޖެ ކަމަށް މާލޭ ސިޓީގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"އަކީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ލީޑާޝިޕުގައި ސަރުކާރުން ބަޖެޓް ފާސްކޮށްދީގެން ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލުކުރި މަޝްރޫއެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފަހުން ހެދީ ހ. ރޯށަނީމަގެވެ. އެއީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ މަޝްރޫޢުގެ ދަށުން އިތުރު މަސައްކަތެއް ކުރިއަކަށް ނުގެންދެއެވެ.

މާލޭ މަގު ހެދުމުގެ މަޝްރޫޢު ނުފެށި ލަސްވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޑރ. މުޢިއްޒު ވިދާޅުވީ އެ މަސައްކަތް އަލުން ފެށޭތޯ ސަރުކާރުގައި އާދޭސް ކުރަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފަށައިގެން ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ ހަ މަސް ދުވަހު، މަސައްކަތް ކުރުމަށްފަހު، ހުއްޓާލި ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނޭ ހަމަ އެއްވެސް ގޮތެއް ނުފެނު ކަމަށެވެ.

"މިދިޔަ ނޮވެމްބަރުން ފަށައިގެން އަޅުގަނޑުމެން މި ތިބީ ސަރުކާރުގައި އާދޭސް ދަންނަވާ ދަންނަވާ ގޮތް ހުސްވެފައި. މިއީ އާދޭސް ދަންނަވަން ޖެހޭކަމެއް ނޫން. އެއީ ސަރުކާރުން ބަޖެޓް ފާސްކޮށްދީފައި އޮތް މަޝްރޫއެއް،" ޑރ، މުޢިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކައުންސިލަށް ކުރިމަތި ކުރުވާ މިފަދަ ކޮންމެ ގެއްލުމެއްގެ ތަކުލީފު، އާޚިރުގައި އުފުލާން މިޖެނީ މާލޭ ސިޓީގެ ރައްޔިތުންނަށް ކަމަށެވެ.

މާލޭގެ އެންމެ މުހިއްމު އެއް މަގު ކަމުގައިވާ އަމީނީ މަގުގެ ހާލަތު ތަފުސީލުކޮށް ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެ މަޝްރޫޢު، ނޮވެންބަރު ހިސާބުގައި ނުހިފެހެއްޓި ނަމަ މި އަހަރުގެ ޖޫން މަހާ ހަމައަށް އަންނައިރު، އަމީނީ މަގާއި ޗާނދަނީ މަގު ފަދަ ބޮޑެތި މަގުތަކުގައި ތާރު އަޅައި ނިންމާލެވޭނެ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރުން މި ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލަށް އިންތިޚާބު ކުރީ ދެއަތް އުރާލައިގެން ތިބޭކަށް ނޫން ކަމަށާއި އޭގެ އިތުރުން ސަރުކާރަށް ޖެއްސުން ކުރާކަށް ވެސް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާ ބައްދަލުވީ އެންމެ ފަހަރަކުކަން ފާހަގަ ކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ ކައުންސިލަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ ބައްދަލުވުމުގައި ވެސް އެމަނިކުފާނަށް ދަންވާފައިވާނެ ކަމަށެވެ.

"ރައީސާއެކު ލިބުނީ އެންމެ ބައްދަލުވުމެއް އަދި. އެ ބައްދަލުވި ދުވަހު ރައީސަށް އަޅުގަނޑު ދެންނެވިން، ރައީސޭ އަޅުގަނޑު މި ތަނަށް މި އައީ ވަރަށް ބޮޑު ޒިންމާއެއް ހަވާލުވެގެންނޭ. މަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ދެއްވާށޭ. އެއްބާރުލުން ދެއްވާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަމޭ. އަޅުގަނޑުމެންގެ ފަރާތުން ފުރިހަމަ އެއްބާލުން ދޭނަމޭ. އެމަނިކުފާނު ވިދާޅުވި އެއްބާރުލުން ދެއްވާނަމޭ،" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް، އެހެން ވިދާޅުވިފަހުން 11 މަސް ފާއިތުވެ ހިނގައްޖެ ކަމަށާއި އެހެންވިޔަސް އަދި މިހާތަނަށް ވެސް ރައީސް އެ ވިދާޅުވި އެއްބާލުމެއް ނުދެއްވާކަން ޑރ. މުޢިއްޒު ފާހަގަ ކުރެއްވިއެވެ.

"އެއްވެސް މިނިސްޓްރީ އަކަށް ކުންފުންޏަކަށް ނުބުނެވޭނެ ތިމަންނަމެންނަކަށް މި އެއްބާރުލުމެއް ނުދެޔޭ. ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ދެމުންދާ އިރުގައި ވެސް މި ފެންނަނީ ރައްޔިތުންނާ ގުޅިފައިވާ މި ކަހަލަ މުހިއްމު ބައެއް ކަންކަމުގައި ހަމަ ފަހަތަށް ޖެހެމުންދާ ތަން. މިއީ ޖުމްލަކޮށް ދަންނަވާ ވާހަކައެއް،" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހުއްޓިފައި އޮތް މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އާރުޑީސީން ބުނެފައިވާތީ، ބަޖެޓު ހަމަޖެހުނީތޯ ސުވާލު ކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް އަހްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ އެ ސުވާލަށް މިވަގުތު ޖަވާބު ދެއްވެން ނެތް ކަމަށާއި ބަޖެޓް ލިބުނުކަން ކަށަވަރު ކުރުމަށްފަހު ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

މާލޭގެ މަގުތައް އެންމެ ފުރަތަމަ ގާ އަތުރައިގެން އެ ޒަމާނާ އެކަށީގެންވާ ފެންވަރަކަށް ހެދީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު މުޅި މާލޭގައި ގާ އެތުރިއެވެ.

comment ކޮމެންޓް