ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރީ ޖަމާލުއްދީން ސުކޫލަށް މީހަކު ވަނުމާ ގުޅިގެން: މިނިސްޓަރު

މިނިސްޓަރު ޑަކުޓަރު ޢާއިޝަތު އަލީ---ފޮޓޯ/ މަޖިލިސް

ސުކޫލުތަކުގެ ސެކިއުރިޓީ ކަންކަން އިތުރަށް ހަރުދަނާކުރީ ޖަމާލުއްދީން ސުކޫލަށް މީހަކު ވަނުމާއި ގުޅިގެންކަމަށް އެޑިއުކެޝަން މިނިސްޓަރު ޑޮކްޓަރު އައިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަނީ ހާޒިރު ކޮށްފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިނިސްޓަރާ ސުވާލު ކުރައްވަމުން އައްސަވާފައި ވަނީ، ސުކޫލުތަކުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުންތޯ ނޫނީ ލާދީނީ ވިސްނުމެއް ނުވަތަ ޓެރަރިޒަމްގެ ބިރުވެރިކަމެއް އޮވެދާނެތީތޯއެވެ.

މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުގެ ސެކިއުރިޓީއަކީ އަބަދުވެސް ވަރަށް ހަރުދަނާކަމާއެކު ބަލަހައްޓަމުންދާ ކަމެއްކަމުގައެވެ.

"ސުކޫލުތަކުގެ ސެކިއުރިޓީއަކީ އަޅުގަނޑުމެން އަބަދުވެސް ވަރަށް ހަރުދަނާ ކޮށް؛ ވަރަށް ވަރުގަދައަށް ބަލަހައްޓާކަމެއް. އަޅުގަނޑުމެން މިހާރުވެސް ހުންނާނެ ވަރަށް ގިނަ އިންޕްލޭސް ވަރަށް ގިނަ ކަންތައްތައް،'' މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ ފަހަރު އާ ކަންކަން އިންޕްލޭސް ކުރަން ޖެހެނީ އެ ސުކޫލެއްގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

''ސުކޫލުގައި ދަރިވަރުން އުޅޭވަގުތުތަކުގައި ސުކޫލުގެ ގޭޓުތައް ބަންދުކުރެވިފައި ހުންނަންޖެހޭނެ. ދެން ޖަމާލުއްދީން ސުކޫލަށް މީހަލު ވަނުމާއި ގުޅިގެން އަޅުގަނޑުމެން އިތުރަށް އެކަންކަން ހަރުދަނާކުރުމަށް، އެކަންކަން ކަށަވަރު ކުރުމަށް ސުކޫލުތަކަށް އެންގިން، ސާކިއުލާއެއްގެ ޒަރީއާއިން.'' މިނިސްޓަރު ވިދާޅުވިއެވެ.

ކިޔަވައިދޭ ވަގުތުތަކުގައި ހުރިހާ ސްކޫލެއްގެ ގޭޓުތައް ތަޅުލާފައި ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވާފައިވަނީ އިއްޔެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ވަނީ، މިހާރު ވެސް ސްކޫލްތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގޭޓު ބެލެހެއްޓުމަށް ސެކިއުރިޓީއެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.

ކިޔަވައިދެމުންދާ ވަގުތުތަކުގައި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެ ނުކުތުމަށް ވަކި އުސޫލުތަކަކާއި އިންތިޒާމްތައް ހަމަޖައްސަން ވާނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ހުރިހާ ބެލެނިވެރިންގެ އަތުގައި ވެސް ބެލެނިވެރިންނަށް ޚާއްޞަ ކާޑު އޮތްކަން ކަށަވަރު ކުރުމަށް އަންގާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އެންގީ، މިދިޔަ މަހުގެ 24ގައި ވަޅި ހިފައިގެން ހުރި މީހަކު ޖަމާލުއްދީން ސުކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ފެންމަތިވި ފަހުންނެވެ.

comment ކޮމެންޓް