ތިން މިނިސްޓަރެއްގެ ކާރުކޮޅުގައި 'އިންޑިއާ އައުޓް' ސްޕްރޭކޮށްފި

ވަޒީރެއްގެ ކާރުކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފަ ----

ދައުލަތުގެ ތިން ވަޒީރެއްގެ ކާރުކޮޅުގައި 'އިންޑިއާ އައުޓް' ސްޕޭރޭ ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 7:30 ހާއިރު ކަމަށެވެ.

އެގޮތުން ވެލާނާގޭ ޕާކިން ޒޯނުގައި އޮއްވާ ނޫކުލައިގެ ސްޕްރޭއިން 'އިންޑިއާ އައުޓް' ޖަހާފައިވަނީ, އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކާރުކޮޅުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގައެވެ.

އެ ތިން ކާރުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކައިރީގައި އޮންނަ ޕާކިން ޒޯނުގައި އޮތް އަމިއްލަ މީހެއްގެ ކާރުގައި މިއަދު ވަނީ 'އިންޑިއާ އައުޓް' ޖަހާފައެވެ.

އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ މުދަލައް ގެއްލުން ދިން މައްސަލަތަކެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ކެމްޕޭންތަކެއް ފަށާފައިވާ ކެމްޕެއިން ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. އިންޑިއާ އައުޓް ރަމްޒުކޮށްދޭ ބެނާތަކާއި ޓީޝާޓް ލައިގެން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު, ގ. ކެނެރީގޭ ފާރުގައި ވެސް ދާދި ފަހުން ވަނީ އެ ސްލޯގަން ސްޕްރޭކޮށްފައެވެ.

comment ކޮމެންޓް