ބެންކޮކް އެއާވޭސްގެ ދަތުރުތައް އަންނަ މަހުގެ 22ގައި ރާއްޖެއަށް އަލުން ފަށަނީ

ބެންކޮކް އެއާވޭސްގެ ފްލައިޓެއް ---

ތައިލެންޑުގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް ދެ އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑިފައި އޮތުމަށް ފަހު އަންނަ މަހުގެ 22ގައި އަލުން ފެށުމަށް ނިންމައިފިއެވެ.

އެ އެއާލައިނުން މި މަހުގެ ހަތް ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ރާއްޖޭގެ އިތުރުން ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ފަސް މަންޒިލެއް ފާހަގަކޮށްފައިވެއެވެ.

ބެންކޮކް އެއާވޭސް އިން ބުނީ މާލެއަށް ދަތުރުތައް ފަށާއިރު، ހަފްތާއަކު ހަތަރު ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އާދީއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

އެ އެއާލައިނުން މާލެއާއި، ބެންކޮކާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް ހުއްޓާލީ 2020ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައި، ކޮވިޑުގެ ސަބަބުންނެވެ.

މީގެ އިތުރުން، އެ އެއާލައިނުން ވަނީ އެތެރޭގެ އައު ދެ މަގަކުން ދަތުރުކުރަން ފެށުމަށާއި، މިހާރު ކުރަމުން އަންނަ ދަތުރުތައް ގިނަ ކުރުމަށް ވެސް ނިންމާފައެވެ.

އެއާ އޭޝިއާ ތައިލޭންޑުން މިހާރު ވެސް އަންނަނީ ބެންކޮކާ މާލެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

comment ކޮމެންޓް