ވިނަރެސްގެ އަގު ބޮޑުކުރީ މަދު ބައެއްގެ ފައިދާއަށް: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ނާއިލް ހުސައިން

ވިނަރެސް ފްލެޓްތަކުގެ ނަން ބަދަލުކޮށް، އަގު ބޮޑުކުރީ މަދު ބައެއްގެ ފައިދާއަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު "ސަން"އަށް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެއްޓެވި ހިޔާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ނަން ވިނަރެސް އަށް ބަދަލުކުރުމަކީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ހައުސިން މިނިސްޓްރީގައި ތިބި އިރުގައި އެގްރިމަންޓު ސޮއިކޮށް ޑިޒައިން ހަދާ، ފައިނޭންސް ހަމަޖެހި، އަމަލީ މަސައްކަތް ފެށި، ހަމަ އެއްވެސް މައްސަލައެއް ނެތި ހިނގަމުން ދިޔަ މަޝްރޫއެއް އެއީ" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ކުރިހާ ވެސް ކަމަކީ އޭގެ ނަން ބަދަލުކޮށް، ފްލެޓުތައް މަދުކޮށް، އަގު ބޮޑު ކުރުން ކަމަށެވެ.

"މީގެ ކުރިން ހިޔާގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް 5600ން 8،000 އަށް ބޮޑުކުރީ ނޫންތޯ؟ ހަމަ އެކަހަލަ ކަމެއް މިއީ" މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ މަޝްރޫއުތަކުގެ ފްލެޓްތަކުގެ ކުލި ބޮޑު ކުރަން ޖެހުނީ އެޗްޑީސީއިން ނަގާފައިވާ ލޯނަށް، ގެއްލުމަކާ ނުލައި ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ކަމަށެވެ. އެއަށް ރައްދުދެއްވަމުން މުއިއްޒު ވިދާޅުވީ އެ ކަމުން ވެސް އެނގެނީ ރައްޔިތުންނަށް ފަސޭހަވާނެހެން ކަމެއް ކުރުމުގެ ވިސްނުން ސަރުކާރުގެ ތެރޭގައި ނެތުން ކަމަށެވެ.

"ސަރުކާރަކަށް ނޭނގެ ނަގާފައި އޮތް ލޯނެއްގެ ފައިސާ ދެއްކޭނެ ނިޒާމެއް ސަރުކާރުގެ އިންޕުޓަކާ އެކީގައި އެ ސަބްސިޑައިޒް ކޮށްގެން ރައްޔިތުންނަށް ލުއިގޮތް ހަދައިދިނުމުގެ ހިޔާލެއް ފިކުރެއް ވެސް ހުރި ސަރުކާރެއް ނޫން މިއީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ނިންމާފައި އޮތީ ތިން ކޮޓަރީގެ އެއްވެސް ފްލެޓަކަށް 7،000 ރުފިޔާއަށް ވުރެ ބޮޑު ކުއްޔެއް ނުނެގުމަށް ކަމަށެވެ.

"އެހެން ނިންމީ އެފޯޑަބަލް ކުރުމަށް. ގިނަ އާއިލާތައް މިއުޅެނީ ވަރަށް ކުޑަ އާމްދަނީއެއްގައި. އާއިލާގެ އެންމެންގެ ފައިސާ އެއްކޮށްގެން މިހާރު ވެސް ގިނަ ފްލެޓްތައް މި ނަގަނީ" މުއިއްޒު ވިދާޅުވިއެވެ.

ވިނަރެސް ފްލެޓުތަކަށް ދެ ގޮތަކަށް އަގު ދެއްކުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެގޮތްތަކަށް ބަލާއިރު، މަހަކު ދައްކަން ޖެހޭ ވަރު އުޅެނީ، 16،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގައެވެ. އެއްފަހަރާ ފައިސާ ދައްކާނަމަ، ފްލެޓެއްގެ އަގަކީ 2.5 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް