ފައިބަރު މަސައްކަތް ކުރުމަށް ވިލިމާލޭގައި ހަރުގެއެއް އަޅަނީ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައިބަރު މަސައްކަތް ކުރުމަށް ވިލިމާލޭގައި ހުންނަ ވެމްކޯ ސަރަހައްދުގައި ހަރުގެއެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ހަރުގެ އެޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި، އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ކައުންސިލުން ބުނި ގޮތުގައި އެގޮތަށް ނިންމީ ފައިބަރު މަސައްކަތްކުރުމަކީ މީހުން ދިރިއުޅޭ ރަށެއްގައި ކުރުމަށް ރަނގަޅު މަސައްކަތަކަށް ނުވާތީއެވެ.

އެ ހަރުގެ އެޅުމަށް ނިންމާފައިވަނީ ކުލި ނަގާ ގޮތަށެވެ. އަދި ހަރުގެއެއް އެޅުމަށް ނިންމާފައިވަނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދުމަށްފަހު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމީ، ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގައި މިހާރު ހަދާފައިވާ ފައިބަރު ބޯޓްޔާޑު އިރުމައްޗަށް ބަދަލުކުރުމަށްޓަކައި އެ ސަރަހައްދު އަތިރިމަތިން ރުއްގަސް ނެގުމާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

އެ ބަދަލު ގެންނަނީ ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތަށް ހުޅަނގު ދެކުނު ފަރާތް ބޭނުން ކުރަން ޖެހޭތީއެވެ.

އެ މަސައްކަތާ ދެކޮޅަށް އެއްވުންތައް ބޭއްވި "ސޭވް ދަ ބީޗް" ޖަމުއިއްޔާއިން ބުނިގޮތުގައި، ފައިބަރުގެ މަސައްކަތުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކަށް މީހުން ހުށަހެޅެއެވެ. އަދި މާލޭ އަވަށްތަކުގެ ތެރެއިން ގުދުރަތީ ގޮނޑުދޮށެއް ލިބިފައި ވަނީ ހަމައެކަނި ވިލިމާލެއަށް ކަމުން އެ ސަރަހައްދު ހިމާޔަތް ކުރަން ޖެހޭ ކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ.

comment ކޮމެންޓް