މުޅިން އާ ފީޗާތަކެއް ހިމެނޭ "ނަލަ ޓެކްސީ" އެޕް ތައާރަފްކޮށްފި، ފުރަތަމަ ދަތުރު ހިލޭ

"ނަލަ ޓެކްސީ" އެޕްލިކޭޝަން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުޅިން އާ ފީޗާތަކެއް ހިމެނޭ "ނަލަ ޓެކްސީ" ޓެކްސީ އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ވެސް ޑައުންލޯޑު ކުރެވޭނެއެވެ.

ތަފާތު ގިނަ ފީޗާތަކާއެކު މިރޭ 12:00 ގައި ރަސްމީކޮށް ތައާރަފްކުރާ މި އެޕްލިކޭޝަންގެ އެންމެ ޚާއްސަ އެއް ފީޗާއަކީ ކަސްޓަމަރުންގެ އަދަދާއި ލަގެޖުގެ އަދަދު އެޕްލިކޭޝަން މެދުވެރިކޮށް އެނގުމެވެ.

އެގޮތުން ގިނަ މީހުންގެ ދަތުރެއްނަމަ އެ ދަތުރު ނަގާނީ އެކަމަށް އެކަށީގެންވާ ވެހިކަލެއްގެ ޑްރައިވަރެކެވެ.

"ނަލަ ޓެކްސީ" އެޕްލިކޭޝަން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ސަން"އާ ވާހަކަ ދައްކަމުން "ނަލަ ޓެކްސީ" އެޕްލިކޭޝަންގެ ފައުންޑާ އަޙްމަދު ހަބީބް ބުނީ މިރޭ 12:00 އިން ފެށިގެން 24 ގަޑިއިރު ވަންދެން ފުރަތަމަ ދަތުރު ނަގާ މީހުންނަށް ހިލޭ ޓެކްސީ ދަތުރު ލިބޭނެ ކަމަށެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީއަކަށް އެދުމުން އެ ރިކުއެސްޓު ދާނީ އެންމެ ކައިރީގައި އޮންނަ ޓެކްސީއަކަށެވެ. އެ އެޕް މެދުވެރިކޮށް ކަސްޓަމަރަށް ޑްރައިވަރާ ގުޅައި އަދި ޑްރައިވަރަށް ވެސް ކަސްޓަމަރާ ގުޅުމުގެ އިޚްތާރުއޮވެއެވެ.

"ހުރި ލޮކޭޝަން އޮޓޮމެޓިކަލީ އެޕަށް ނަގާނެ. އޭނަ ދާން ބޭނުންވާ ލޮކޭޝަން ސެލެކްޓް ކޮށްލުމަށް ފަހު ބޭނުންވާނަމަ ކަސްޓަމަރުންގެ އަދަދު ސެޓްކޮށްލާފަ ރިކުއެސްޓް ކޮށްލާނީ،" އޭނާ ބުންޏެވެ.

ޓެކްސީއަށް އެދި ރިކުއެސްޓްކުރުމުން ޑްރައިވަރު ހުރި ހިސާބާއި އަންނަ މަގު ވެސް އެޕުން ބަލާލެވޭނެއެވެ. އަދި އަންހެނުންނަށް ޚާއްސަ ފީޗާއެއްގެ ގޮތުގައި އަންހެން ޑްރައިވަރަކާއެކު ދަތުރުކުރަން ބޭނުންނަމަ އެ އިޚުތިޔާރު ވެސް މި އެޕުން ލިބެއެވެ.

ރާއްޖޭގެ އެހެން ޓެކްސީ އެޕްތަކާ މި އެޕްގެ އެންމެ ބޮޑު އެއް ތަފާތަކީ މި އެޕުން އެހެން މީހުނަށް ދަތުރަށް ރިކުއެސްޓް ކޮށްދިނުމުގެ ފުރުސަތު އޮތުމެވެ. އެގޮތުން ބޭނުންވާ މީހެއްގެ ނަންބަރަށް ދަތުރު ސެޓްކުރުމަށްފަހު ދަތުރަށް އެދެވޭނެއެވެ.

"ނަލަ ޓެކްސީ" އެޕްލިކޭޝަން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޓެކްސީގައި ދަތުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސެކިއުރިޓީ ފީޗާއެއް ވެސް މި އެޕްގައި ހިމަނާފައިވެއެވެ. އެގޮތުން ކާރުގައި ދަތުރުކުރާ މީހާގެ ސަލާމަތަށްޓަކައި ގާތް އެހެން މީހަކަށް އެ ދަތުރުގެ ލިންކު ހިއްސާކުރެވޭނެއެވެ.

"މިސާލަކަށް އަޅުގަނޑުގެ ދަރިފުޅު ދަތުރެއްގަ ދަނީ. އެހެންވެއްޖެއްޔާ ދަރިފުޅަށް އިންނާނެ އެޕްލިކޭޝަން ތެރެއިން ދަތުރުގެ ލިންކު ބައްޕައަށް ފޮނުވާލެވެން. އޭރުން ބައްޕަ ގޭގަ ހުރެލާފަ ވެސް ބަލާލެވޭނެ އެ ދަނީ ރަނގަޅު ރޫޓުން ތޯ. ބަރާބަރަށް ދަތުރުގެ ލައިވް އަޕްޑޭޓް ބަލާލެވޭނެ،" އޭނާ ބުންޏެވެ.

"ނަލަ ޓެކްސީ" ޑްރައިވަރުންނަށް ޚާއްސަކޮށް "ނަލަ ޓެކްސީ ޑްރައިވާ"ގެ ނަމުގައި ވެސް އެޕެއް ވަނީ ތައާރަފްކޮށްފައެވެ. ނަލަ ޓެކްސީ ޑްރައިވަރުނަށް ތިން މަހުގެ ހިލޭ ސަބްސްކްރިޕްޝަނެއް ދީފައިވާއިރު އެޕްލިކޭޝަނަށް ރަޖިސްޓާވާ ޑްރައިވަރުން ސްކްރީންކުރާނެއެވެ.

"ޑޭޝް ބޯޑުތެރެއިން ކަންކަން ބަލާފަ އަޅުގަނޑުމެން ބޭނުންވާ ޑޮކިއުމަންޓްތައް ހަމަ ޑްރައިވަރުން އެކްޓިވް މި ކޮށްދެނީ. އެއްވެސް ޑޮކިއުމެންޓެއް މަދުނަމަ އަޅުގަނޑުމެން އެ ޑްރައިވަރަށް ޑޮކިއުމަންޓްތައް ހަމަކުރުމުގެ ފުރުސަތު ދެން،" ހަބީބް ބުންޏެވެ.

މިރޭ ރަސްމީކޮށް އެ އެޕް އިފްތިތާހު ކުރުމާއެކު "ނަލަ ޓެކްސީ"ގެ ޚިދުމަތް މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ވެސް ފޯރުކޮށްދޭނެއެވެ.

"ނަލަ ޓެކްސީ" އެޕުން ދަތުރުތަކުގެ އަގުތައް ހަމަޖައްސާފައިވާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަގުތަކާ އެއްގޮތަށްކަން ހަބީބް ފާހަގަކުރިއެވެ. އަދި އަގުބޮޑުކޮށް ދަތުރުކުރާކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެ މައްސަލަ ބަލާނެކަަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް