ޔުކްރޭންގެ އިރުމަތީ ސަރަހައްދު ތަކުގައި ޔުކްރޭންގެ ސިފައިން އިނދަޖެހި ފަހަތަށް ޖެހެނީ

ރަޝިއާގެ އެސްޔޫ 35 މަރުކާގެ ޒަމާނީ ފައިޓާޖެޓެއް

މޮސްކޯ (9 ޖޫން 2022): ޔުކްރެއިންގެ އިރުމަތީ ސަރަހައްދުތައް ހިފުމަށްޓަކައި ރަޝިއާ ކުރަމުން ގެންދާ ހަނގުރާމައިގާ ރަޝިއާ ސިފައިންދޭ މިސައިލް ހަމަލާތަކާއި ވައިގެ ވަރުގަދަވުމުގެ ސަބަބުން ޔުކްރޭން ސިފައިން އެ ސަރަހައްދުން ފަހަތަށް ޖެހެމުންދާކަމަށާ އެސަރަހައްދު ޔުކްރޭނަށް ގެއްލެމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ދުންބާސް ސަރަހައްދުގައި ތިއްބެވި ޔޫކްރޭންގެ މަސްއޫލުވެރިންނާ ހަވާލާދީ އެސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ މުރާސިލުން ބުނާގޮތުގައި ދުންބާސް އެންމެ ބޮޑު އެއްސިޓީކަމަށްވާ ސެވްރޯދޮނިއެސްކް ގެ ގާތްގަނޑަކަށް 98 އިންސައްތަ މިހާރުވަނީ ރަޝިއާ ސިފައިންގެ ކޮންޓްރޯލް ދަށުގައެވެ. އަދި މުޅި ދުންބާސް ސަރަހައްދުގެ 80 އިންސައްތަ ބިންވަނީ ރަޝިއާ ސިފައިންގެ އަތްދަށުގައެވެ.

މިޚަބަރުތައް ފެތުރިފައި މިވަނީ ޔުކްރެއިންގެ ވައިގެ ސަރަހައްދުގައި ރަޝިއާ މިހާތަނަށް ހިންގާފައި ނުވާވަރުގެ ބާރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގިކަން ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައި ވަނިކޮށެވެ.

ޕޫޓިން އާއި ޒެލެންސްކީ

ރަޝިއާގެ ދިފާއީ ވަޒީރު ސާގީ ޝުވީގޯ ވަނީ ރަޝިއާގެ ވައިގެ ބާރުގެ ވަރަށް ކުޑަމިންވަރެއް ނޫނީ ކުރިން ބޭނުންކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް މިހަފްތާގައި ޔޭކްރޭއިންގެ ވައިގެ ސަރަހައްދުގައި ރަޝިއާ ހިންގި ވައިގެ އޮޕަރޭޝަނުން ރަޝިއާގެ ވައިގެ ބާރު ހުރި މިންވަރު ނޭޓޯއަށާއި ޔުކްރޭނަށް ވަޒަން ކުރެވިފައިވާނެކަމަށް ވިދާޅުވެފައެވެ.

ޔޫކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ރޭ ޔުކްރެއިންގެ ރައްޔިތުންނަށް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވިގޮތުގައި ދުންބާސްގައި މިހާރު އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަނީ ސެވްރޯދޮނިއެސްކް ސިޓީގައެވެ. ޒެލެންސްކީ ވިދާޅުވިގޮތުގައި މިހާރު ރަޝިއާ ސިފައިންނާއެކު ކުރަމުންދަނީ ޔުކްރެއިން ހަނގުރާމަ ފެށުނުފަހުން ޔުކްރެއިން ސިފައިން ކުރާ އެންމެ ވަރުގަދަ އަދި އެންމެ އުނދަނގޫ ހަނގުރާމައެވެ. ނަމަވެސް މިހަނގުރާމައިގާ ޔުކްރެއިން ސިފައިން ބަލިވާކަން ނުވަތަ ނޫންކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ އަސްކަރީ ޖާސޫސީ މައުލޫމާތުތައް ބުނާގޮތުން ދުންބާސް ސަރަހައްދު އެއްކޮށް ރަޝިއާ ސިފައިންގެ އަތްދަށަށް ދާން ދެން ނަގާނީ ހަފްތާއެއް ނޫނީ ދެހަފްތާއެވެ. ރަޝިއާގެ މިސައިލް ހަމަލާތައް ކުރިއާ އަޅާބަލާއިރު އާދަޔާ ޚިލާފަށް ވަރުގަދަވެފައި ބޮމުގެ ހަމަލާތައްވެސް ވަރުގަދަކަމުން ޔުކްރޭން ސިފައިންނަށް ދެން ދުންބާސް ދިފާއު ނުކުރެވޭނެކަމަށް އިނގިރޭސިވިލާތުގެ އަސްކަރީ ޖާސޫސީ މައުލޫމާތުތައް ބުނެއެވެ.

ދުންބާސް ސަރަހައްދުގައި ރަޝިއާއަށް ކުރިއެރުން ލިބޭ ސަބަބުތަކުގެ ތެރޭގައި އެސަރަހައްދުގައި ކުރިން ވަރުގަދައަށް ހަނގުރާމަކުރި ޔުކްރެއިން ނާޒީ ފިކުރުގެ ހަނގުރާމަވެރިން ބަލިވުމާއި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އެހީގައި ހަނގުރާމަކުރަމުން ދިޔަ ޔޫރަޕްގެ ގައުމުތަކާއި އެނޫން ގައުމުތަކުގެ ކުލީ ސިފައިންގެ ގިނަ ބަޔަކު ހަނގުރާމައިގެ މައިދާނުން ފިލުމުންނެވެ.

ދުންބާސް ސަރަހައްދުގެ އާބާދީގެ ބޮޑުބަޔަކީ ޔުކްރެއިންގެ ރަޝިއާ ދަރިކޮޅުގެ މީހުންކަމަށް ވުމަކީވެސް ރަޝިއާއަށް ލިބޭ ފަސޭހައެކެވެ. އެމީހުން ވާހަކަ ދައްކަނީވެސް ރަޝިއާ ބަހުންނެވެ.

ދުންބާސް ސަރަހައްދަކީ ޔުކްރެއިންގެ ސިނާއަތުގެ 90 އިންސައްތައާއި ދަނޑުވެރިކަމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އޮންނަ ސަރަހައްދުކަމުން ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް އެސަރަހައްދު ދިޔުމަކީ ޔުކްރެއިންގެ ގައުމީ އާމްދަނީގެ ގާތްގަނޑަކަށް 60 އިންސައްތަ ގެއްލިގެން ދިޔުންކަމަށް މުހައްލިލުން ދެކެއެވެ.

ޔުކްރޭންގެ އިރުމަތީގައި ރަޝިއާ ސިފައިން ހޯދާ ކާމިޔާބީތަކާ ގުޅިގެންނާ އަދި އެމެރިކާއާއި ޔޫރަޕުން 60 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާއާ ދެކޮޅަށް އެޅިއިރުވެސް ރަޝިއާ އިނދަނުޖެހުމުންނާ އަދި ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވުން ހުއްޓާލުމުގައި ޔޫރަޕް މުޅިން ނާކާމިޔާބުވުމުން އެމެރިކާއާއި ޔޫރަޕްގެ ވެރިންގެ އަޑުތައްމިހާރުވަނީ ވަރަށް ބޮޑަށް ކެނޑޭގޮތްވެފައެވެ.

comment ކޮމެންޓް