އެފްއޭއެމްގެ މިއަހަރުގެ ބަޖެޓަކީ 80 މިލިއަން، 8.6 މިލިއަން ރުފިޔާގެ ދަރަނި

އެފްއޭއެމް އިން މިއަދު ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 80 މިލިއަން ރުފިޔާގެ ބަޖެޓެއް، 8.6 މިލިއަން ރުފިޔާގެ ދަރަންޏާއެކު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެފްއޭމްގެ ކޮންގްރެސް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލު ޖަލީލު ވިދާޅުވީ ކޮވިޑުގެ ފަހުން ފާއިތުވި ދުވަސްތަކަކީ އެފްއޭމްއަށް ދަތި ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އަބަދުވެސް ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ވިސްނާކަމަށް އޭނާ ވިދާޅުވިއެވެ.

"ނިމިދިޔަ އަހަރަކީ ވަރަށް އުނދަގޫ އަހަރެއް. މާލީ ގޮތުން ދަތި އުނދަގޫތަކެއް ކުރިމަތިވި. މުބާރާތްތައް ކުރިއަށް ނުގެންގޮސް ނިންމާލަން ޖެހުންވެސް ވީ ސްޕޮންސަރުން ހޯދަން އުނދަގޫވި ކަމަކަށް. ނަމަވެސް ކްލަބުތަކަށް ދޭންވާ ފައިނެންޝަލް އެސިސްޓެންސް ގާތްގަނޑަކަށް 90 ނުވަތަ 95 އިންސައްތަ ކޮންމެ ކުލަބަކަށް ވެސް ވާނީ ހަވާލުކުރެވިފަ،" ބައްސާމު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެފްއޭމް އިން ވާނީ ޚަރަދު ކުޑަ ކުރުމުގެ ގޮތްތަކެއް ބަލާފައި ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން އެފްއޭމްގެ މުވައްޒަފުން މަދުކުރުމާއި މުސާރަ ކުޑަކުރުމާއި ދޭންވާ ފައިނޭންޝަލް އެސިސްޓެންސް ކުޑަ ކުރުން ހިމެނެއެވެ. ނަމަވެސް ވަރަށް ގިނަ ވިސްނުންތަކަކަށް ފަހު އެގޮތަށް ކަން ނުކުރުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ގައުމުތަކުން ވެސް ކުރާ އެކަހަލަ ކަންކަން ކުރެވޭނީ. ނަމަވެސް އޭއިރަކީ ފައިނޭންޝަލީ ސްޓްރޯންގް ވަގުތަކަށްވީމަ އެފިޔަވަޅުތައް ނޭޅީ. އެގޮތަށް ނިންމި ނަމަ ވަރަށް ގިނަ ކުޅުންތެރިންތަކެއް މަގުމަތިވެގެން ދާނެ. އެހެންވެ ހިތަށްއެރީ ކުލަބުތަކަށްވީ ވައުދު ފުއްދާނަމޭ. އެފްއޭއެމް ސަލާމަތްކުރާށޭ ކިޔާފަ އެހުރިހާ ކަމެއް ހުއްޓާލިނަމަ ކުލަބުތަކަށް ވެސް އަދި އެފްއޭއެމްގެ މުވައްޒަފުންނަށް ވެސް ވަރަށް ދަތިވާނެ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކޮވިޑްގެ ތެރޭގައި އެފަދަ ފިޔަވަޅުތައް ނޭޅުމުން އެފްއޭއެމަށް މިހާރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ކޮންގްރެސް އަށް ފަހު މި ފެށޭ ހަފްތާއިން ފެށިގެން މާލީގޮތުން އެ އެސޯސިއޭޝަން ވަރަށް ވަރުގަދަ ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެފްއޭމްގައި ހުރި ދަރަނިތަކުގެ ބޮޑުބައެއް ވަނީ ދައްކާފައި. ބާކީ ބައި މި ހިނގާ ޖޫން މަހު ދައްކާ ނިންމާލެވޭނެ،" ބައްސާމް ވިދާޅުވިއެވެ.

މިފަހަރުގެ ބަޖެޓު ފާސްކުރިއިރު ކުރިން ކުރާ ގިނަ ކަންކަން ނުކުރަން ކަނޑައަޅާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ފުޓުބޯޅައިގެ ކުރިއެރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނީ ނުކުރަން މިފަހަރު ވިސްނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެހެން ކުރަން ޖެހޭ ކަމެއް އެކަނި ކުރާނި. ވަރަށް ލިމިޓެޑް ކޮށް ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް އެކަނި ކުރުން ވިސްނުމަކީ. އެގޮތަަށް ބަޖެޓު ފާސްކުރީ މިފަހަރު،" ބައްސާމް ވިދާޅުވިއެވެ.

މިފަހަރު 80 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް މުޅި ޖުމުލަ ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ 88 މިލިއަން ރުފިޔާކަމަށް ބައްސާމް ވިދާޅުވިއެވެ. އެއީ 8.6 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. ނަމަވެސް މިއަހަރު ނިމުމުގެ ކުރިން މި ދަރަނި، އަރަންޏަކަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ބައްސާމް ދެއްވިއެވެ.

މިއަދުގެ ވަގުތެއްގައި އެފްއޭމްއިން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއާ ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގައި ފުޓުބޯޅައިގެ ކުރިއެރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ބައްސާމް ވިދާޅުވިއެވެ.

"ރައީސް ވަނީ އުއްމީދު ދެއްވާފަ. ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފަ. އޭގެ މާނައެއް ނޫން ގިނަ ފައިސާގެ އެހީ ދެނީއޭ. ކޮންމެ ކަމެއް ކުރުމުގެ މަގު ތަނަވަސްކޮށްދޭން ކުރަން ޖެހޭ ކަންކަން ސަރުކާރުން ކޮށްދެއްވާނެ،" އޭނާ ވިދާޅުވިއެވެ.

ގޮންޖެހުންތަކާއެކު ވެސް ފުޓުބޯޅައަށް ކުރިއެރުން ހޯދައިދިނުމައްޓަކައި ކުރެވޭ މަސައްކަތްތައް ކުރުމުގައި ދެމިހުންނާނެ ކަމަށް މިއަދު ބޭއްވި ކޮންގްރެސް ގައި އެފްއޭމްގެ ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ކަމަށް ވެސް ބައްސާމު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް