ނުލިބޭވަރަށް ސިޔާސީ މަގާމު އުފެއްދުމަކީ ގައުމު ބަނގުރޫޓުވުމަށް މިސްރާބު ޖެހި ބޮޑު ސަބަބެއް: ޑރ. ޖަމީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު --- ސަން ފޮޓޯ

ދައުލަތަށް ފައިސާ ނުލިބޭވަރަށް ސިޔާސީ މަގާމު އުފެއްދުމަކީ ދިވެހިރާއްޖެ ބަނގުރޫޓުވުމަށް މިސްރާބު ޖެހި ބޮޑު ސަބަބެއް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެއަކީ އުފެއްދުންތެރި ގައުމެއް ނޫންކަމަށާއި އޭގެ މައްޗަށް ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ސިޔާސީ މަގާމުތަކަކީ ވަލުދޮރާށިން ޕާޓީއަށް މީހުން ވައްދަން ސަރުކާރުން ގެންގުޅޭ އުކުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީހުން ގަންނަން ބޭނުން ކުރާ މި އުކުޅުގެ ސަބަބުން ގައުމުގެ އިޤްތިޞާދު ފުނޑެނީ. އެކަން ރައްޔިތުންނަށް ވެސް އިނގޭ. މީ ވަރަށް އޮބްވިއަސް ކަމެއް. ކަމުގެ މާހިރުން މި ބުނަނީ ރާއްޖެ ބަނގުރޫޓު ވުމުގެ މަގުމަތީގައޭ އޮތީ. ސިޔާސީ މަގާމުތަކަކީ ސަރުކާރުން ކުޅޭ ނާޗަރަންގީއެއް،" ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުން މާ ބޮޑަށް ރައްޔިތުން "ގްރާންޓެޑު"ކޮށް ނަގަނީ ކަމަށާއި ދިވެހިންގެ ވިސްނުމުގެ ގާބިލުކަމާ މެދު މިއަދު ސަރުކާރުން ސުވާލު އުފައްދާފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ނަމަވެސް މިހާރު ރައްޔިތުން އެއަށްވުރެ ހުށިޔާރުކަމަށާއި ރާއްޖޭގެ އިޤްތިޞާދަށް ލާރި ނުވަންނަ ވަރަށް ސިޔާސީ މަގާމުތައް އުފެއްދުމަކީ ރާއްޖެ ބަނގުރޫޓުވުމަށް މިސްރާބުޖެހި ބޮޑު ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕާޓީގެ ކޮންމެ މެންބަރަކަށް މަގާމެއް އެބަ ދޭ. މިހާރު ސަރުކާރުގެ ކުންފުނިތަކަށް ވެސް އެ ހަދަނީ ހަދާނެ އެއްޗެއް. ގަބޫލު ނުކުރިއަސް މިއަދު ސަރުކާރުގެ ކުންފުނިތަކާއި އޮފިސްތަކުގައި މަގާމުތަށް ގިނަ ކޮށްގެން ދައުލަތުގެ ދަރަނި ބޮޑު ތަނުން އިތުރުވުން ކަމެއް ނުވޭ. މިކަމަކަށް ސަރުކާރުގެ ފަރުވާލެއް ނެތް،" ޑރ. ޖަމީލު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލު ކުރިއްވި ޓުވީޓެއްގައި ވެސް ދައުލަތުގެ ދަރަނި 37 ބިލިއަނަށް އިތުރުވެގެން ދިޔައީ އުފައްދާފައިވާ ބޭކާރު ސިޔާސީ މަގާމުތަކުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 98.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު ހަތަރު ބިލިއަން ރުފިޔާގެ ދަރަނީގެ އިތުރުވުމެކެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި އަނބުރާ ދެއްކުމުގައި ދަތިކަމެއް ނެތްކަމަށާއި އިގްތިސާދު ޑިފޯލްޓް ވުމުގެ ބިރެއް ވެސް ނެތް ކަމަށެވެ. އަދި ރާއްޖެ ބަނގުރޫޓު ވުމުގެ ބިރެއްވެސް ނެތް ކަމަށެވެ. ނަމަވެސް އިގްތިސާދީ ގޮތުން ބޮޑެތި ރިސްކުތަކެއް އެބަހުރި ކަމަށާއި އެ ނޫން ގޮތަކަށް ބުނުން ވާނީ ޒިންމާދާރުނޫން ކަމަކަށް ކަމަށެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ / އަހްމަދު ސައީދު

މިނިސްޓަރު މިހެން ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އިންވެސްޓްމެންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަންގެ އެނަލިސްޓަކު ވިދާޅުވި ފަހުންނެވެ.

މިދިޔަ މަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ރާއްޖޭގެ ދަރަނި މަތިވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް