މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ: އިމްރާން

ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަރުގެ ހުކުމް ތަންފީޒުކުރުމަށް މި ސަރުކާރުން ސިޔާސަތަކީ ކުރިން ވެސް ދިވެހިން އަމަލުކުރަމުން އައި ސިޔާސަތުކަމަށާއި ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ވެސް ނުގެންގުޅޭ ކަމަށް ހޯމް މިިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް ވަނީ މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން އިޖުރާއަތުތައް ފުރިހަމަވާ މީހުންނަށް އެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަދިވެސް އޮތީ މަރުގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި އެއީ މި ސަރުކާރުން އުފަން ކުރި ސިޔާސަތެއް ނޫން ކަމަށާއި ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރަކުން އެ ސިޔާސަޔު ބަދަލު ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމުގައި ވޭތުވެދިއަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން އަމަލުކުރަމުން އަންނަ ސިޔާސަތަކީ އެކަމާ ގުޅޭގޮތުން މިހާރުވެސް އަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިޔާސީ ބޭނުމަށް ބައެއް ސިޔާސީ ޕާޓީތަކުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނި ނަމަވެސް އެއްވެސް ވެރިކަމެއްގައި އެކަން ބަދަލު ކޮށްފައި ނުވާ ކަމަށެވެ.

މިހާތަނަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ މިހުންގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލު ހިމެނެއެވެ.

comment ކޮމެންޓް