ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ލިޔުނުކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގ. ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހިކަމަށް ތުހުމަތު ކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 31ވަނަ ދުވަހު ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އާއިލީގެ ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖަހާފައި ވަނީ ބޮޑު އަކުރުން ފެހި ކުލައިގެ ސްޕްރޭއިންނެވެ. އެގޮތަށް ލިޔެފައި ވަނީ، އެ ގޭ ދޮރު ކައިރީގައި އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ އޮފީސް ކަމަށް ލިޔެފައިވާ ބޯޑެއް ކައިރީގައެވެ.

ރައީސް ނަޝީދަކީ އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވާ އެއް ބޭފުޅާއެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދިވެހީން ބާކީވެ ނިކަމެތިވެގެންދާނެ ކަމަށް ވެސް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ މެދު ތެރޭގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދިރިއުޅުއްވާ ގެކޮޅުގައި ވެސް ބަޔަކު އިންޑިއާ އައުޓް ޖަހާފައިވެއެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ގަރާރެއް ނެރުއްވާފައެވެ.

ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށްވެސް އަންގަވާފައެވެ.

ރައީސްގެ ގަރާރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ ބާތިލް ގަރާރެއްކަމަށް ބުނެ ޕީޕީއެމުން ވަނީ އެ ހަރަކާތްތައް ހުއްޓާލަން ދެކޮޅު ހަދާފައެވެ.

އެ ގަރާރު ނެރުނު ފަހުން ފުލުހުން ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭގޮތަށް "އިންޑިއާ އައުޓް" ބެނާ ހަރުކޮށްފައި ހުރި ތަންތަނުން ބެނާތައް ނަގައިފައެވެ. އަދި އެ ހަރަކާތަށް ދެން ފުރުސަތު ނުދޭނެ ކަމަށް އަންގާފައެވެ.

comment ކޮމެންޓް