ދުނިޔޭގެ ނޫސްވެރިންގެ ކޮންގްރެސްގައި އެމްޖޭއޭއިން ބައިވެރިވެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

ދުނިޔޭގެ ނޫސްވެރިންގެ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވި މުޙައްމަދު ޖުނައިދު ގްރޫޕް ފޮޓޯއެއްގައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމްޢިއްޔާތައް ތަމްސީލުކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމްޢިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ކޮންގްރެސް 2022 ގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބައިވެރިވެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ މެދު އަޑުއުފުލައިފިއެވެ.

އޮމާންގެ ވެރި ރަށް މަސްކަޓު ގައި މިދިޔަ މަހުގެ 31 އިން އިއްގެ ނިޔަލަށް ބޭއްވި މި ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވީ އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރު މުޙައްމަދު ޖުނައިދުއެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި އައިއެފްޖޭގެ ކޮންގްރެސްގައި ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ހިއްސާކޮށް އެކަންކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އަދި އެމްޖޭއޭ އިން ކުރަމުން އަންނަ އަދި ކުރަން ރާވާފައިވާ މަސައްކަތްތަކާއި ހަރަކާތްތައް އަދި އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރެވުނެވެ.

އެ ކޮންގްރެސްގައި އެމްޖޭއޭ އިން އައިއެފްޖޭގެ ދާއިމީ މެންބަރަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރިއެވެ. އަދި އެމްޖޭއޭ ހިމެނޭ ގޮތުން އޭޝިއާ އާއި އޭޝިއާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލު ކުރާ ޖަމްޢިއްޔާތައް އެކުވެގެން ވަނީ "ފެޑަރޭޝަން އޮފް އޭޝިއާ ޕެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދާފައެވެ. އެ ޔޫނިއަންގެ ރައީސަކަށް ހޮވުނީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސަބީނާ އިންދަޖީތްއެވެ.

އޭމްޖޭއޭ އިން ބުނީ ނޫސްވެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އައިއެފްޖޭގެ ދާއިމީ މެންބަރު ޖަމިއްޔާތަކުން އެ ކޮންގްރެސް އަށް ހުށަހެޅި ގަރާރުތަކަށް އެމްޖޭއޭ އިން ތާއިދުކޮށް ވާހަކަދައްކާފައިވާ ކަމަށެވެ.

"ޚާއްސަކޮށް ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދޭ ލާއިންސާނީ އަމަލުތައް ތަހުގީގު ކޮށްދިނުމަށް އެދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ފަލަސްތީނިއަން ޖާނަލިސްޓް ސިންޑިގޭޓު (ޕީއެސްއައި) އާއި އައިއެފްޖޭ އަދި އައިސީޖޭޕީ އިން ހުށަހަޅާ މައްސަލަ އަށް އެމްޖޭއޭ އިން ވަނީ ތާއީދުކޮށް ވާހަކަދައްކާފައި،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެ ކޮންގްރެސްގައި ބޭއްވި އައިއެފްޖޭގެ ހިންގާ ކޮމިޓީގެ އިންތިޚާބުގައި އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިޚާބު ވި މެންބަރުންނަށް އެމްޖޭއޭ އިން ވަނީ މަރުހަބާ ކިޔައި ނޫސްވެރިންގެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އައިއެފްޖޭގެ އައު ރައީސް ޑޮމިލިކް ޕްރެޑްލީ އާއި އެ ޖަމްއިއްޔާގެ ސީނިއާ ވައިސް ޕްރެޒިޑެންޓު ޒުލިއާނާ ލައިނޭޒްއާ ބައްދަކުރިއެވެ.

މީގެއިތުރުން ޕީއެސްއައިގެ ޗެއާމަން އަދި އައިއެފްޖޭގެ ނައިބު ރައީސެއް ކަމަށްވާ ނަސީރު އަބޫބަކުރު އާއި އަލަށް އުފެއްދި ފެޑަރޭޝަން އޮފް އޭޝިއާ ޕެސިފިކް ޖާނަލިސްޓްސް ގެ ރައީސް އަދި އައިއެފްޖޭގެ ނައިބު ރައީސެއް ކަމަށްވާ ސަބީނާ އިންދަޖީތުއާ ވެސް ބައްދަލުކުރިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު އައިއެފްޖޭ އިން ބާއްވާ މި ކޮންގްރެސް ގައި މިއަހަރު 99 ގައުމަކުން 200 އަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގެ މީހުން ބައިވެރިވިއެވެ. އަދި 1926 ވަނަ އަހަރު އުފެއްދި އައިއެފްޖޭ އަކީ 140 ގައުމަކަށް ނިސްބަތްވާ 187 ނޫސްވެރިންގެ ޔޫނިއަންތަކާއި ޖަމްޢިއްޔާތައް ތަމްސީލުކުރާ ފެޑަރޭޝަނެކެވެ.

comment ކޮމެންޓް