ދަރިމައިވުމުގެ ޒަމާނީ ގޮތްތަކުގެ ތެރެއިން ... (1)

އެސިސްޓެޑް ރީޕްރޮޑަކްޓިވް ޓެކްނޯލޮޖީ ބޭނުން ކުރަނީ-- ފޮޓޯ: އެމްޖޭއޭ

ތަބީއީ ގޮތުން ދަރިމައިނުވާ އަންހެނުން ދަރިމައި ކުރުވުމަށްޓަކައި، މިޒަމާނުގައި ވަނީ އައު އީޖާދުތަކެއް ކޮށްފައެވެ. އަދި މި އައު ހޯދުންތަކުގެ އަލީގައި، ދަރިމައިވާގޮތް ހަދައިގެން (ﷲ ގެ އިޒުނަފުޅާއެކު) ދަރިން ހޯދުމަކީ އަދުގެ ދުނިޔޭގައި އާއްމު ކަމެކެވެ. ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ދަރިމައިކުރުވުމުގެ މަސައްކަތަށް ކިޔަނީ އެސިސްޓެޑް ރީޕްރޮޑަކްޓިވް ޓެކްނޯލޮޖީ (ART) އެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ 'އާޓިފިޝަލް އިންސެމިނޭޝަން' ގެ ޕްރޮސީޖާއެއް ހަދާނަމަ ދެނެގަންނަންޖެހޭ ޝަރުޢީ ހުކުމްތަކުގެ މައްޗަށެވެ.

އާޓިފިޝަލް އިންސެމިނޭޝަން

އާޓިފިޝަލް އިންސެމިނޭޝަން އަކީ ޖިމާޢުވުންނޫން އެހެން ކޮންމެވެސް ގޮތަކުން ފިރިހެނާގެ ދަރިފަނި، އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ތެރެއަށް އެޅުމެވެ. މިކަން ކުރަނީ މާބަނޑުވުމަށްޓަކައި އޮންނަ ތަބީއީ މަގުން މަސައްކަތްކޮށް ކާމިޔާބުނުވުމުން، މި ޕްރޮސީޖާގެ ތެރެއިން ދަރިއަކު ލިބިދާނެކަމުގެ އުންމީދުގައެވެ. އާޓިފިޝަލް އިންސެމިނޭޝަންގެ ތަފާތު ގޮތްތައް ހުރެއެވެ.

ފިރިމީހާގެ ދަރިފަނި އަނބިމީހާގެ ރަޙިމަށް އެޅުން (Intrauterine Insemination or IUI) : މިއީ ފިރިމީހާގެ ދަރިފަނި، އަނބިމީހާގެ ދަރިމައިވުމުގެ ނިޒާމަށް ވާސިލުވުމުގައި ދަތިކަމެއް ކުރިމަތިވުމުން، އާއްމު އުސޫލުނޫން އެހެން ގޮތަކުން، ފިރިމީހާގެ ދަރިފަނި އަނބިމީހާގެ ދަރިމައިވުމުގެ ނިޒާމުގެތެރެއަށް އެޅުމެވެ. (އިންޖެކްޓް ކުރުމެވެ.) މިގޮތް އިސްލާމީ ޝަރީޢަތުގައި ހުއްދަ އެވެ. އެހެންނަމަވެސް މި ޕްރޮސީޖަރ ހަދަންޖެހޭނީ ދެމަފިރީން ކައިވެނީގެ މަތީގައިވާ ހާލަތުގައެވެ.

ބުނެވިދިޔަ ހާލަތާ ގުޅުން ހުރި އެހެން މައްސަލައެއް ވެއެވެ. އެއީ ފިރިމީހާގެ ދަރިފަނި ނަގައިގެން ގަނޑުކޮށްފައި ބަހައްޓައި، ފަހުން މި ދަރިފަނި (ފްރޯޒަން ސްޕާމް) ބޭނުން ކުރާ ހާލަތެވެ. މި ހާލަތުގެ ޙުކުމާމެދު އިލްމުވެރިންގެ އެއްރައުޔަކީ ދެމަފިރިން ވަރިވުމަށްފަހު ނުވަތަ ފިރިމީހާ މަރުވުމަށްފަހު، އެފަދަ (ފްރޯޒަން ސްޕާމް) ބޭނުން ކުރުން ހުއްދަ ނުވާނެ ކަމުގައި ބުނުމެވެ. މުޞްޠަފައްޒަރުޤާ ވިދާޅުވާ ގޮތުގައި ދެމަފިރީން ކުރެ މީހަކު މަރުވުމުން އެ ދެމީހުންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުންވެސް އެހިސާބުން އެ ނިމުނީއެވެ. އެހެންކަމުން ފިރިމީހާ މަރުވުމުގެ ކުރީގައި އޭނާގެ ހަށިގަނޑުން ނަގާފައިވާ ދަރިފަނި އޭނާ މަރުވުމަށްފަހު، އޭނާ އިނދެގެން އުޅުނުމީހާގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިހެއުމަކީ ޝަރުޢީގޮތުން ހުއްދަކަމެއްނޫނެވެ. އެގޮތަށް އެކަން ކޮށްފިނަމަ އެކަންވާނީ ފިރިމީހާނޫން އެހެން މީހެއްގެ ނުޠުފާ ރަޙިމަށް އެޅުން ކަމުގައެވެ. އަދި އެއީ ޝަރުޢީގޮތުން އެ އަންހެނާއަށް ޙަރާމް ނުޠުފާއެކެވެ.

ޒިޔާދު އަޙްމަދު ސަލާމާ އޭނާގެ ފޮތް، أطفال الأنابيب بين العلم والشريعة ގައި ވިދާޅުވެފައިވާ ގޮތުގައި؛ ދަލީލުތަކަށް ބަލާއިރު، ފިރިމީހާ މަރުވުމާއެކު އޭނާގެ އަނބިމީހާއާ ދެމެދު އޮތް ކައިވެނީގެ ގުޅުން ކެނޑިގެނެއްނުދާނެއެވެ. އެހެންނަމަވެސް އެ ގުޅުން ކެނޑިގެން ދާނީ އެކަމަށް އޮންނަ އުސޫލުގެ މަތިން، އަނބިމީހާގެ މައްޗަށް އޮންނަ ޝަރުޢީ ޢިއްދާ ހަމަވުމުންނެވެ. އެހެންކަމުން ފިރިމީހާ މަރުވުމުގެ ކުރީން އޭނާގެ ކިބައިން ނަގާފައިވާ ނުޠުފާ އަނބިމީހާގެ ޢިއްދައިގެ ތެރޭގައި އޭނާގެ ރަޙިމަށް އަޅައިގެން ދަރިމައި ކުރެވިދާނެއެވެ. އެހެންނަމަވެސް އެ (ރައްކާކުރެވިފައިވާ) ނުޠުފާ، އެހެންމީހެއްގެ ނުޠުފާއާ އޮޅި ބަދަލުވުން ނުވަތަ އެހެންމީހެއްގެ ނުޠުފާއާ އެކުވުންފަދަ ކަމެއްނުވާކަން ޔަގީން ކުރެވެންޖެހޭނެއެވެ. ޑޮކްޓަރ ޢަބްދުލްޢަޒީޒުލްޚިޔާޠުވެސް ވިދާޅުވަނީ މިފަދައިން އެކަން ކުރެވޭނަމަ އެއީ ޝަރުޢީގޮތުން ހުއްދަ ކަމެއްކަމުގައެވެ. ޒިޔާދު އަޙްމަދު ސަލާމާ އިތުރަށް ވިދާޅުވެފައި ވެއެވެ. ފިރިމީހާ މަރުވުމަށްފަހު (ނުވަތަ ވަރިކޮށް) އޭނާގެ އަނބިމީހާގެ ޢިއްދާ ހަމަވުމުން އެދެމީހުންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުން ކެނޑިގެންދާނެކަމަށް ހުރިހައި ފިޤުހުވެރީން އިއްތިފާޤު ވެއެވެ. އެހެންކަމުން ޢިއްދާ ހަމަވުމަށްފަހުގައި، (ރައްކާކުރެވިފައިވާ) ފިރިމީހާގެ ނުޠުފާ އަންހެންމީހާގެ ރަޙިމަށް އެޅުން ޙަރާމްވާނެއެވެ.

ފިރިމީހާނޫން އެހެން ފިރިހެނެއްގެ ދަރިފަނި އަނބިމީހާގެ ރަޙިމަށް އެޅުން (Artificial Insemination by Donor or AID) : މިއީ ދެމަފިރީންގެ ތެރެއިން ފިރިމީހާއަށް ދަރިން ލިބުމުގައި މައްސަލައެއް ކުރިމަތިވުމުގެ ސަބަބުން، އެހެން ފިރިހެނެއްގެ ދަރިފަނި ނަގައިގެން އަނބިމީހާގެ ރަޙިމުގެތެރެއަށް އެޅުމެވެ. މިގޮތް އިސްލާމީ ޝަރީޢަތުގައި ހުއްދައެއްނޫނެވެ.

ފިރިމީހާގެ ދަރިފަންޏާއި އެހެން ފިރިހެނެއްގެ ދަރިފަނި އަނބިމީހާގެ ރަޙިމަށް އެޅުން (Confused / Combined Artificial Insemination or CAI) : މިއީ ފިރިމީހާގެ ދަރިފަންޏާއި އަދި އެހެން ފިރިހެނެއްގެ ދަރިފަނި އެއްކުރުމަށްފަހު އަނބިމީހާގެ ރަޙިމުގެތެރެއަށް އެޅުމެވެ. މިހެން ހަދަނީ ފިރިމީހާއަށް ދަރިން ނުލިބޭތީ، އޭނާގެ ދަރިފަންޏާއި (ދަރީން ލިބޭ) އެހެން މީހެއްގެ ދަރިފަންޏާ އެއްކޮށްގެން އަނބިމީހާގެ ރަޙިމަށް އަޅައިގެން އުފެދޭ ދަރިއަކީ އަސްލު ފިރިމީހާގެ ދަރިއަކަށް ވެދާނެކަމުގެ އުއްމީދުގައެވެ. މިއީވެސް އިސްލާމީ ޝަރީޢަތުގައި ހުއްދަ ގޮތެއްނޫނެވެ.

މަޙްމޫދު ޝަލްތޫތު ވިދާޅުވެފައި ވެއެވެ. ކައިވެނީގެ ގޮތުން އެ އަންހެނަކާ ގުޅުމެއްނުވާ ފިރިހެނެއްގެ ދަރިފަނި، އަންހެނާގެ ރަޙިމަށް އެޅުމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑުވެގެންވާ ޖަރީމާއެކެވެ. ބޮޑު ފާފައެކެވެ. އެހެނީ މިއީ ހަމަ ޒިނޭކުރުމާ އެއްގޮތް ކަމެކެވެ. ސަބަބަކީ މި ދެކަންތަކުގެވެސް ނަތީޖާއަކީ އެކައްޗެކެވެ. ކައިވެނީގެ ސަބަބުން އެ ފިރިހެނާއަށް މިލްކުވެގެންނުވާ ރަޙިމަކަށް، ގަސްތުގައި އޭނާގެ ދަރިފަނި އަޅައިގެން ދަރިމައި ކުރުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ ﷲ ގެ ފޮތުގައި އެކަމަކަށް ޙައްދު ކަނޑައަޅުއްވާފައިވާ ޒިނޭގެ ޙުކުމް އޮތް ކަމެކެވެ. ޝަލްތޫތުގެ މި ބަސްފުޅަށް ބާރުދެއްވައި، ޔޫސުފުލްޤަރުޟާވީވެސް ވިދާޅުވަނީ ފިރިމީހާނޫން އެހެންމީހެއްގެ ނުޠުފާ އަންހެންމީހާގެ ރަޙިމަށް އެޅުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކަމެކެވެ.

އެހެންކަމުން މަތީގައި ބަޔާންކުރެވުނު ދެވަނަ ހާލަތާއި ތިންވަނަ ހާލަތުގައިވާ ފަދައިން، ފިރިމީހާނޫން އެހެންމީހެއްގެ ދަރިފަނި، ފިރިމީހާގެ ދަރިފަންޏާ އެއްކޮށްގެން ކަމުގައިވިޔަސް އަނބިމީހާގެ ރަޙިމަށް އަޅައިގެން ދަރިމައިކުރުވުން އިސްލާމީ ޝަރީޢަތުގައި ހުއްދައެއްނޫނެވެ. އެހެންނަމަވެސް ފުރަތަމަ ހާލަތުގައިވާ ފަދައިން، އެކަމަށްޓަކައި މަގުބޫލު އުޒުރެއް އޮވެއްޖެ ހިނދު، ފިރިމީހާގެ ދަރިފަނި ނަގައި، އަނބިމީހާގެ ރަޙިމަށް އަޅައިގެން ދަރިމައިކުރުވުންވަނީ ހުއްދަ ކުރައްވާފައެވެ.

(ނުނިމޭ)

comment ކޮމެންޓް