އީސީގެ މަސައްކަތްތަކުގައި އިންޑިއާގެ ބައިވެރިވުން އޮންނަ މިންވަރު ސާފުކޮށްދިނުމަށް އެދިއްޖެ

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ޕީޕީއެމް

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގައި އިންޑިއާގެ ބައިވެރިވުން އޮންނަ މިންވަރު ސާފުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް, ޕީއެންސީން އެދިއްޖެއެވެ.

މިއަދު އިދިކޮޅު އެ ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާ ބަައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިދިކޮޅުން ވަނީ ސާފުކުރަން ބޭނުންވާ މައުލޫމާތު ފޯމު ކޮމިޝަނުގެ ރައީސް ފުއާދާ ހަވާލުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތުތައް ހޯދުމަށް ކަމަށެވެ. އެގޮތުން އީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން އިންޑިއާގެ އެއްވެސް ފަރާތަކާއެކު އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެވިފައިވާ ނަމަ ނުވަތަ ކުރެވެމުންދާ ނަމަ އަދި އެއްބަސްވުމެއް ހެދިފައިވާނަމަ އޭގެ މައުލޫމާތު ހޯދަން އެ ކޯލިޝަނުން އެދުނެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްއާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ޕީޕީއެމް

އިލެކްޝަންސް ކޮމިޝަނާއި އިންޑިއާގެ އެއްވެސް ފަރާތަކާ އެކު އެއްވެސް ކަހަލަ އެމްއޯޔޫއެއް ހެދިފައިވާ ނަމަ އެ އޮމްއޯޔޫގެ ކޮޕީ ނުވަތަ އެފަދަ އެމްއޯޔޫއެއް ހެދުމަށް ތައްޔާރުވާނަމަ އެކަމާ ގުޅުން ހުރި މައުލޫމާތު ދިނުމަށް ވެސް އިދިކޮޅުން އެދުނެވެ. އަދި އީސީގެ މުވައްޒަފުން ތަމްރީނު ކުރުމަށް ނުވަތަ ތަޖުރިބާ ހޯދުމަށް އިންޑިއާ އަށް ފޮނުވާފައިވާނަމަ ނުވަތަ ފޮނުވަން ގަސްތުކުރައްވާ ނަމަ ނުވަތަ ފޮނުއްވުމަށް މަޝްވަރާ ކުރެވެމުންދާ ނަމަ އެކަމުގެ މައުލޫމާތަށް ވެސް އެދުނެވެ.

އިންޑިއާގެ ވަފުދުތަކުން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ ނަމަ ނުވަތަ ކުރުމަށް ނިންމާފައިވާ ނަމަ އެކަމުގެ މައުލޫމާތު ހޯދުމަށް ވެސް އެދުނެވެ.

ހަމައެހެންމެ އެ ކޮމިޝަނުގެ އިދާރީ އަދި ފަންނީ މަސައްކަތްތަކުގައި ނުވަތަ ވޯޓު ނެގުމުގެ މަސައްކަތްތަކުގައި އިންޑިއާ އިން ހަދިޔާކޮށްފައިވާ އެއްވެސް ވަސީލަތެއް ނުވަތަ އާލާތެއް ބޭނުން ކުރާނަމަ އެ މައުލޫމާތު ސާފުކުރުމަށް އެދިފައި ވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ޕީޕީއެމް

މީގެ އިތުރުން އެދިފައިވާ ކަންކަން ކުރުމަށް އެ ކޮމިޝަނުން ނިންމި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ހޯދުމަށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އެދުނެވެ.

މިކަމާ ގުޅިގެން އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު "ސަން" އަށް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކުގެ ފޯމެއް ހަވާލު ކޮށްފައިވާ ކަމަށެވެ.

"މިއަދު އެބޭފުޅުން ބައްދަލު ކުރެއްވި. އޮންނަ ގޮތަށް ފޯމު ވެސް ހަވާލު ކުރި. އެބޭފުޅުން ބޭނުންވީ ސީދާ އަޅުގަނޑަށް އެ ފޯމު ހަވާލު ކުރަން،" ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވި ގޮތުގައި އެ ފޯމުގައިވާ މައުލޫމާތުތަކަށް ގަވާއިދުގެ ތެރެއިން ޖަވާބު ދޭނެއެވެ. އަދި މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ސަރުކާރުގެ ކޮންމެ މުއަސަސާ އަކަށް ވެސް އިންޑިއާގެ ނުފޫޒު އޮންނަ ކަމަށް ބުނަމުންނެވެ.

comment ކޮމެންޓް