ކުނި ވަކިކުރުމުގައި ރައްޔިތުން ވެމްކޯ 'ސަޕްރައިޒް' ކޮށްލައިފި

ކުނި ވަކިކޮށްގެން ނެރުމަށް އަންގާފައިވާ އެންގުމަށް ރައްޔިތުން ދިން އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރުއަދާކޮށްފައި --- ފޮޓޯ/ ވެމްކޯ

ބައިބަޔަށް ވަކި ކުރުމަށް ފަހު ކުނި ނެރުމަށް އެންގި އެންގުމަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ރައްޔިތުންނަށް ޝުކުރުއަދާކޮށްފިއެވެ.

ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި އިއްޔެއިން ފެށިގެން ކުނި ނެރޭނީ ބައިބަޔަށް ވަކި ކުރުމަށްފަހުގައި ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މިކަމަށް ލިބުނު އެއްބާރުލުން ފާހަކޮށް ވެމްކޯއިން ބުނީ އެކަމަށް ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ޕޮޒިޓިވް ރެސްޕޮންސްގެ ސަބަބުން މުޅިން 'ސަޕްރައިޒް' ވެއްޖެކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުން ތަކުރާރުކޮށް އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވެ، އަޅުގަނޑުމެންނާއެކު ޕާޓްނާވާން ތައްޔާރަށް އޮތްކަން ވަނީ ދައްކާފައި. ކުނި ވަކިކުރި ހުރިހާ ކަސްޓަމަރުންނަށް ޓީމް ވެމްކޯއިން ޝުކުރުއަދާކުރަން،" ވެމްކޯއިން ބުނެއެވެ.

ކުނި ވަކިކޮށްގެން ނެރުމަށް އަންގާފައިވާ އެންގުމަށް ރައްޔިތުން ދިން އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރުއަދާކޮށްފައި --- ފޮޓޯ/ ވެމްކޯ

ވެމްކޯއިން ބުނީ ވަކި ކުރުމަށްފަހު ނެރޭ ކުނި އުފުލާގަޑީގައި އެއްކުރާކަމަށް ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަޙުމަދު އާޒިމް ވިދާޅުވީ ވަކި ކުރުމަށްފަހު ނެރޭ ކުނީގެ ތެރެއިން ކޮމްޕެކްޓަރު ތަކުން ނަގަމުންދާނީ ހަމައެކަނި ކުނިވާ ޒާތުގެ ކުނި ކަމަށެވެ. އަދި ޕްލާސްޓިކް ނެގުން ޕާލޭއާ ގުޅިގެން ކުރިއަށް ގެންދާއިރު އެހެނިހެން ކެޓަގަރީގެ ކުނި ނަގަމުންދަނީ އާންމުކޮށް ކުނި ނަގާ ގަޑިތަކަށް ވުރެ ލަސް ގަޑިއެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމްޕެކްޓަރުން ނަގާނީ ކުނިވާ ޒާތުގެ ކުނި. އެހެނިހެން ކުނި ނެގީ ރޭގެ ތަންކޮޅެއް ލަސް ގަޑިއެއްގައި. ވަކިވަކިން ކުނި އުފަލާނީ. ބާޖުތަކުގައި ވެސް ގެންދަނީ ވަކިން،" އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެނެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެންނެވެ.

comment ކޮމެންޓް