"މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަނީ

"މިހާރު" ނޫހުގެ ނޫސްވެރިން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މިހާރު ނޫސް

މިދިޔަ އާދިއްތަ ދުވަހު "މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ "މިހާރު" ނޫހުން ނެރެނު ބަޔާނެއްގައި ވަނީ އެ ނޫހުގެ ނޫސްވެރިންނާ ގުޅޭ ގޮތުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކާ މެދު ހިތާމަކުރާ ކަމަށާއި މިކަމާ ގުޅިގެން ނޫސްވެރިން ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި މިކަން އިއްޔެ ވާނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިކަމަށެވެ.

އެ ބަޔާނުގައި ވަނީ ނޫސްވެރިން ލިޔާ ބައެއް އާޓިކަލްތަކުގެ ހަގީގަތް އޮޅުވާލައި އެމީހުންގެ އަގު ވެއްޓޭ ގޮތަށް ދައްކާ ވާހަކަތަށް ބަލައިނުގަންނާނެ ކަމަށެވެ. އަދި މީގެ ފަހުން މިފަދަ ކަންކަމަށް އަޅަން ޖެހޭ ގާނުނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގަވެއެވެ.

މިކަމާ ގުޅިގެން "މިހާރު" ނޫހުގެ މެނޭޖިން އެޑިޓަރު އަޙުމަދު ހަމްދޫން "ސަން"އަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ބަޔަކު މީހުން ވަދެ "މިހާރު" ނޫހުގެ އޮފީހުގަ ތިބި ނޫސްވެރިންނަށް ބިރުދައްކާ އިންޒާރުދީފައިވާ ކަމަށެވެ.

"އެއީ މިދިޔަ އާދިއްތަ ދުވަސް. އައީ އެންމެ މީހަކަށް ޓާގެޓު ކޮށްގެން. ދެން އޭނަ އެވަގުތު އޮފީހުގަ ނެތީމަ އޭރު ތިބި މީހުންނަށް ބިރުދައްކާ އިންޒާރު ދިނީ،" ހަމްދޫން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ "މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ ބިރު ދެއްކި މައްސަލައާ ގުޅިގެން އިއްޔެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ވެސް އެކި ގޮތްގޮތަށް "މިހާރު" ނޫހުގެ ނޫސްވެރިންނަށް ބިރު ދައްކައި ފުރައްސާރަ ކުރަމުންދާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް