އެސޯސިއޭޝަން ކަޕް: ޕޮލިސް ކުލަބުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކްލަބުން ކުޅެނީ -- ފޮޓޯ/ ޕޮލިސް

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަ ޕޮލިސް ކުލަބް، ދަތުރުކޮށްފިއެވެ.

ޕޮލިސް ކުލަބް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރީ ހާފްލައިން ލިންކޭޖާ ވާދަކޮށް، 3-1 ސެޓުންނެވެ.

ޕޮލިސް ކުލަބުން މެޗުގެ ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-8 އަދި 25-3 އިންނެވެ. މެޗުގެ ތިން ވަނަ ސެޓް ޕޮލިސް ކުލަބުން ފެށީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މުހިންމު ގިނަ ކުޅުންތެރިން ބަދަލުކޮށްގެންނެވެ.

މި ސެޓްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސެޓް 25-23 އިން ކާމިޔާބުކުރީ ކުލަބް ހާފްލައިން ލިންކޭޖްއެވެ. މިސެޓް ގެއްލުނު ނަމަވެސް ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ހަތަރު ވަނަ ސެޓް 25-3 އިން ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބަށްކުޅޭ ނޭޕާލް ކުޅުންތެރިޔާ ކަމަނަ ބިސްޓާއެވެ.

ޕޮލިސް ކުލަބުން ސެމީ ފައިނަލުން ޖާގަހޯދީ ޕޫލް ބީގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ޕޮލިސް ކުލަބަށް ބާކީ އެއް މެޗު އޮތްއިރު މި މެޗުގައި ވާދަކުރާނީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންއެވެ.

މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ 21:45 ގައެވެ.

comment ކޮމެންޓް