އަންނަ އަހަރުގެ ޖުލައި މަހު މާލެއާއި ވިލިމާލެ ގުޅާލަނީ

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

[މުމްބާއީ] ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ ޖުލައި މަހު މާލެއާއި ވިލިނގިލި ގުޅާލައި، ދެ ރަށް ދޭތެރޭގައި ބްރިޖުން ދަތުރުކުރަން ފެށޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ބުނެފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ދައުވަތަކަށް މިވަގުތު އެގައުމަށް އައިސް ތިބި ނޫސްވެރިންނާ ބައްދަލުކުރައްވައި އެފްކޮންސްގެ އޮފިޝަލަކު ވިދާޅުވީ ބުރިޖުގެ މަސައްކަތް 2024 ވަނަ އަހަރު އެއްކޮށް ނިމޭނެ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދާ ޖިއޯޓެކްނިކަލް ސާވޭތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެހެން މަސައްކަތްތައް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ހަމައެއާއެކު، ބުރިޖުގެ މަސައްކަތުގައި މިހާރު 585 މީހުން ހަރަކާތްތެރިވަމުންދާ ކަމަށާއި ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ އަދަދު 900އަށް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެފްކޮންސްއަކީ މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާ ތާރީޚަކަށް މަސައްކަތް ނިންމުމުގެ 100 ޕަސެންޓު ރެކޯޑް އޮތް ކުންފުންޏެއްކަން ފާހަގަކޮށް، ތިލަމާލެ ބުރިޖުވެސް 2024އަށް ނިންމޭނެ ކަމުގެ ޔަގީންކަން އޮފިޝަލް ދެއްވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅީފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް