ކެނެރީގެ ފާރުގައި އިންޑިއާ އައުޓް ޖަހައިފި

ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމުގައިވާ ގ. ކެނެރީގޭގެ ފާރުގައި އިންޑިއާ އައުޓް ޖަހައިފިއެވެ.

ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖަހާފައި ވަނީ ބޮޑު އަކުރުން ފެހި ކުލައިގެ ސްޕްރޭއިންނެވެ. އެގޮތަށް ލިޔެފައި ވަނީ، އެ ގޭ ދޮރު ކައިރީގައި އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ އޮފީސް ކަމަށް ލިޔެފައިވާ ބޯޑެއް ކައިރީގައެވެ.

ރައީސް ނަޝީދަކީ އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް އެންމެ ބޮޑު އަޑު އުފުއްލަވާ އެއް ބޭފުޅާއެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދިވެހިން ބާކީވެ ނިކަމެތިވެގެންދާނެ ކަމަށް ވެސް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިމަހުގެ މެދު ތެރޭގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދިރިއުޅުއްވާ ގެކޮޅުގައި ވެސް ބަޔަކު އިންޑިއާ އައުޓް ޖަހާފައިވެއެވެ.

https://sun.mv/164933

އިންޑިއާ އައުޓް ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ގަރާރެއް ނެރުއްވާފައެވެ.

ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށްވެސް އަންގަވާފައެވެ.

ރައީސްގެ ގަރާރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ ބާތިލް ގަރާރެއްކަމަށް ބުނެ ޕީޕީއެމުން ވަނީ އެ ހަރަކާތްތައް ހުއްޓާލަން ދެކޮޅު ހަދާފައެވެ.

އެ ގަރާރު ނެރުނު ފަހުން ފުލުހުން ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭގޮތަށް "އިންޑިއާ އައުޓް" ބެނާ ހަރުކޮށްފައި ހުރި ތަންތަނުން ބެނާތައް ނަގައިފައެވެ. އަދި އެ ހަރަކާތަށް ދެން ފުރުސަތު ނުދޭނެ ކަމަށް އަންގާފައެވެ.

comment ކޮމެންޓް