ހިޔާ ފްލެޓުތައް ކައިރީގައި ހިކަނދިފަތާއި ރާނބާފަތް ގަސް އިންދަނީ

ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހި ފެހިކުރުމުގެ މަޝްރޫއުގެ ދަށުން އެ ތަނުގައި ހިކަނދިފަތާއި ރާނބާފަތް ފަދަ ގަސްތައް އިންދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީގެ އެސިސްޓަންޓް މެނޭޖަރު އިބްރާހީމް ޝަރުމީލް ވިދާޅުވީ ހިޔާ ސަރަހައްދު ފެހިކުރުމުގެ މަޝްރޫއުގެ ދަށުން ގަސް އިންދާނެ ގޮތުގެ ޑިޒައިން ނިމި، މިހާރު ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހިޔާ ސަރަހައްދުގައި ކޯޓް ޔާޑުތައް ނުވަތަ ކުދި ކުދި ޕާކުތައް ތަރައްގީ ކުރުމަށް އެ ކުންފުނީގެ ޕްލޭނިން ޑިޕާޓްމެންޓުން ނިންމާފައިވާ ކަމަށެވެ.

އަދި، އެތަނުގައި އާއްމު ރައްޔިތުންނަށް ބޭނުންކުރެވޭނެހެން އިށީނުމަށް ގޮނޑިތަކެއް ފަރުމާކުރާނެ ކަމަށާއި، ހިޔާ ދޭ ބޮޑެތި ގަސްތަކެއް ކޮންމެ ކޯޓުޔާޑެއްގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަކީ ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންކުރެވޭނެ ގަސްތަކަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިކަނދިފަތާއި، ރާނބާފަތުގެ އިތުރުން ކާސިންޖީ އާއި ގަނދަކޯޅި، އަދި ހުވަނދުމާ ފަދަ ގަސްތައް ވެސް އެ ސަރަހައްދުގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް